ދުނިޔެ

ބަންގްލަދޭޝްގައި ހިމަބިހި ފެތުރި، މަދު މަސްތަކެއްގެ ތެރޭގައި އެތައް ސަތޭކަ ކުދިންނެއް މަރުވެއްޖެ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ބަންގްލަދޭޝްގައި ހިމަބިހި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ، މިދިޔަ މާރިޗު މަހުން ފެށިގެން މިހާތަނަށް 500 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ހިމަބިހި ޖެހިފައިވާކަން ޔަގީންކުރެވިފައިވާ ކުދިންނާއި، ބަލީގެ އަލާމާތްތައް ފެނިފައިވާ ކުދިން ހިމެނެއެވެ.

Ads by Allied

ބަންގްލަދޭޝްގެ ވެރިރަށް ढाका (ޑާކާ) ގައި ދިރިއުޅޭ އަލް އަމީންގެ އުމުރުން 4 އަހަރުގެ ދަރިފުޅު އަކީރާއަކީ ވެސް މި ބަލީގައި ފުރާނަ ދިޔަ ކުއްޖެކެވެ. އަކީރާއަކީ ވަރަށް އަވަހަށް ކަންކަން ދަސްކުރާ، އަދި އިނގިރޭސި ބަހުން ވެސް ބައެއް ބަސްތައް ބުނަން ފަށާފައިވާ ހުނަރުވެރި ކުއްޖެއްކަމަށް އޭނާގެ ބައްޕަ ފަޚުރުވެރިކަމާއެކު ކިޔައިދިނެވެ. އަލް އަމީން ބުނިގޮތުގައި، އަކީރާއަށް ހިމަބިހީގެ ވެކްސިން ފިޔަވައި އެހެން ހުރިހާ ވެކްސިނެއް ވަނީ ދީފައެވެ. ހިމަބިހީގެ ވެކްސިން ދިނުމަށް 4 ފަހަރެއްގެ މަތިން މަސައްކަތްކުރިއިރު، ރޯގާޖެހިފައި ހުރުމުން ދެ ފަހަރަކު ވެކްސިން ނުދީ އަނބުރާ ފޮނުވާލީއެވެ. "ކަންބޮޑުނުވޭ، އުމުރުން 5 އަހަރު ވަންދެން ވެސް އެ ވެކްސިން ދެވޭނެ،" ސިއްހީ އެހީތެރިއަކު ބުނިކަމަށް އޭނާ ކިޔައިދިނެވެ. އަނެއް ދެ ފަހަރު ބުނީ ވެކްސިން ލިބެން ނެތް ކަމަށެވެ.

މާރިޗު 8 ވަނަ ދުވަހު އާދައިގެ ހުމެއް އައިސްގެން އަކީރާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު، ހާލަތު ރަނގަޅުވުމުން ގެއަށް ފޮނުވާލިއެވެ. ނަމަވެސް ފަހުން ގައިން ރަތްކުލައިގެ ބިހިތަކެއް ނަގައި، ގަދަޔަށް ހުން އައިސް، އަނގައިގައި ފާރުކޮޅުތަކެއް ހެދުނެވެ. ޖުމްލަ 5 ފަހަރެއްގެ މަތިން ހޮސްޕިޓަލުން ދޫކޮށްލައި އަލުން އެޑްމިޓްކުރަން ޖެހުނުކަމަށާއި، އަކީރާއަށް ހިމަބިހި ޖެހިފައިވާކަން ޑޮކްޓަރުންނަށް ދެނެގަނެވުނީ ފަސްވަނަ ފަހަރު ކަމަށް އަލް އަމީން ބުންޏެވެ. އަކީރާ މަރުވީ ލައިފް ސަޕޯޓުގައި ފަރުވާދެމުން ދަނިކޮށް، ފުރަތަމަ އެޑްމިޓްކުރިތާ 27 ދުވަސް ފަހުންނެވެ. އަކީރާއަށް ބަލި ޖެހުނީ ހޮސްޕިޓަލުގެ ތެރެއިން ކަމަށް ބެލެވޭތީ، އެކަމާ އަލް އަމީނާއި އޭނާގެ އަންހެނުން ތިބީ އިންތިހާއަށް ހިތާމަކޮށް، ނުހަނު ރުޅިއައިސްފައެވެ.

ހެލްތު މިނިސްޓްރީން ހާމަކުރާ ގޮތުގައި، ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހިމަބިހީގެ އަލާމާތްތައް ފެނިފައިވާ 60،000 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ކެއްސުމާއި ކިނބިހިއެޅުމުގެ ޒަރީއާއިން ހަލުވިކަމާއެކު ފެތުރޭ މި ބައްޔަކީ، ވެކްސިން ނުދީ ތިބޭ އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށް ނުހަނު ނުރައްކާތެރި ބައްޔެކެވެ. ބަލިމަޑުކަން ކޮންޓްރޯލްކުރުމަށްޓަކައި، ބަލިމީހުންނަށް ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންގެ އީދު ޗުއްޓީ ކެންސަލްކޮށް، ގައުމީ ފެންވަރެއްގައި ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ސަރުކާރުން ވަނީ ފަށާފައެވެ.

ޔުނިސެފުން ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި ބަންގްލަދޭޝްގެ ހޮސްޕިޓަލުތައް ވަނީ ބަލިމީހުންނާއެކު ތޮއްޖެހިފައެވެ. އިންސްޓިޓިއުޓް އޮފް އެޕިޑެމިއޮލޮޖީ ޑިޒީޒް ކޮންޓްރޯލް އެންޑް ރިސާޗްގެ ކުރީގެ ޕްރިންސިޕަލް ސައިންޓިފިކް އޮފިސަރު ޑރ. މުޝްތާގް ހުސައިން ވިދާޅުވީ، ފަގީރުންނަށް ބޭހާއި ޓެސްޓުތަކަށް އަމިއްލައަށް ހަރަދުކުރަން ޖެހޭތީ، ހޮސްޕިޓަލަށް ދެވެނީ ހާލަތު އެންމެ ގޯސްވާ ހިސާބުން ކަމަށެވެ. އަދި ރަށްރަށުގެ ސިއްހީ ނިޒާމު ހަރުދަނާވިނަމަ، މައި ހޮސްޕިޓަލުތަކަށް އަންނަންޖެހޭ މީހުންގެ އަދަދު މަދުވީސްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޔުނިސެފްގެ ބަންގްލަދޭޝް ކަންޓްރީ ހެޑް ރާނާ ފްލާވަރސް ސިފަކުރެއްވި ގޮތުގައި މިއީ "ހުރިހާ ނުރައްކާތަކެއް އެއްފަހަރާ ކުރިމަތިވުން" ފަދަ ހާލަތެކެވެ. 2023 ވަނަ އަހަރުން ފެށިގެން ބައެއް ސަރަހައްދުތަކުގައި ކުދިންނަށް ވެކްސިން ނުދެވި ހުރުމާއި، ޑާކާ އަދި ކޮކްސް ބާޒާރު ފަދަ ތަންތަނުގައި މީހުން ތޮއްޖެހިފައިވުމާއި، ޗުއްޓީ ދުވަސްވަރު ގިނަ ބަޔަކު ދަތުރުފަތުރުކުރުން މީގެ ސަބަބުތަކުގެ ތެރޭގައި އޭނާ ގުނާލެއްވިއެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވީ ވެކްސިން ގެނައުމުގައި ދިމާވި ލަސްތަކެވެ. 2024 ވަނަ އަހަރު ބޮޑުވަޒީރު ޝެއިޚް ހަސީނާ ގައުމު ދޫކުރައްވައި ފިލާވަޑައިގަތުމުން އެކުލަވާލި އިންޓަރިމް ސަރުކާރުން (2026 ގެ ފެބްރުއަރީގައި އިންތިހާބު ބާއްވަންދެން އޮންނަ) ވެކްސިން ގަންނަ އުސޫލަށް ބަދަލުތަކެއް ގެނައުމުން އޯޑަރުކުރުން ލަސްވިކަމަށް ޔުނިސެފުން ބުނެއެވެ. ވެކްސިން ހުސްވެދާނެކަމުގެ ބިރު އޮތްކަން މަދުވެގެން 10 ބައްދަލުވުމެއްގައި އިންޓަރިމް ސަރުކާރަށް އެންގިކަމަށް ފްލާވަރސް ވިދާޅުވިއެވެ. ނަމަވެސް، ހެލްތު މިނިސްޓްރީގެ އިންޓަރިމް ޗީފް އެޑްވައިޒަރުގެ ކުރީގެ ސްޕެޝަލް އެސިސްޓަންޓް އެމްޑީ ސައީދުއްރަހްމާން ވަނީ މިކަން ދޮގުކުރައްވައި، ވެކްސިން ހޯދުމުގެ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށާއި ޔުނިސެފާއެކު ގުޅިގެން ރަނގަޅަށް މަސައްކަތްކުރިކަމަށް ވިދާޅުވެފައެވެ.

އޭޕްރީލް މަހުގެ ކުރީކޮޅު ފެށި ވެކްސިން ކެމްޕޭނުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ބަލި ފެތުރޭ މިންވަރު މަޑުޖެހިފައިވާކަމަށް ޔުނިސެފުން ބުނެއެވެ. ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ، ސަރްދާރު ސަޚާވަތު ހުސައިން ބީބީސީއަށް ވިދާޅުވީ ވެކްސިން ދޭތާ 3 ނުވަތަ 4 ހަފްތާ ފަހުން ހަށިގަނޑުގައި އެންޓިބޮޑީސް އުފެދޭނެކަމަށާއި، "އިރާދަކުރެއްވިއްޔާ އަންނަ ހަފްތާއާ ހަމައަށްދާއިރު ކޭސްތައް މަދުވާން ފަށާނެ" ކަމަށެވެ. އަދި އަތޮޅު ފެންވަރުގެ ހޮސްޕިޓަލުތައް ތައްޔާރީ ހާލަތުގައި ހުރިކަމަށް ވިދާޅުވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އީދު ޗުއްޓީއަށް އެތައް ހާސް ބަޔަކު ދަތުރުކުރާއިރު، ހުން އައިސްފައި ތިބޭ ކުދިންނާއި އެހެން ކުދިން އެއްވުމުން ބަލި އިތުރަށް ފެތުރިދާނެކަމުގެ ކަންބޮޑުވުން ޑރ. ހުސައިން ފާޅުކުރެއްވިއެވެ.

އަނެއްކޮޅުން، އަލް އަމީން ދަނީ އޭނާގެ ލޯބިވާ ދަރިފުޅު އަކީރާ މި ދުނިޔެއާ ވަކިވިތާ ވީ ދުވަސްތައް ގުނަމުންނެވެ. ނިދުމަށްޓަކައި ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ކަމުންދާ އަލް އަމީން ބުނީ "މިއަދު ވެސް ދަރިފުޅުގެ މަހާނަ ކައިރީގައި އެއްގަޑިއިރަށްވުރެ ގިނައިރު ވަންދެން ރުއިން" ކަމަށާއި، އޭނާގެ ހިތުގައި އަދިވެސް ޖަވާބު ނުލިބޭ އެތައް ސުވާލެއް ވާކަމަށެވެ.

Ads by Allied Insurance