މަށިމާލި ޕެރޭޑަކީ އީދުގެ އުފާވެރިކަމާއި އިޖުތިމާއީ ގުޅުމަށް އޮތް ހުރަހެއް: އާޒިމާ
ކުޅުދުއްފުށި ސިޓީގައި އިއްޔެ ބޭއްވި މަށިމާލި ޕެރޭޑުގެ ސަބަބުން، މުޅި ރާއްޖޭގައި ފާހަގަކުރަމުންދާ އީދުގެ އުފާވެރިކަމާއި އެކުވެރިކަމުގެ ރޫހަށް ކިލަނބުކަން އަންނަ ކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި ޝުޢޫރެއްގައި އާޒިމާ ފާހަގަކުރެއްވި ގޮތުގައި، ޢީދަކީ ޢާއިލާތަކާއި މުޖުތަމަޢުގެ މެދުގައި ލޯތްބާއި ކުލުނު އާލާކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ނަމަވެސް، ސިޔާސީ ކަންކަމަށާއި މުޖުތަމަޢުގެ އެކިއެކި ފަރުދުންނަށް ފުރައްސާރަކޮށް ބާއްވާ މިފަދަ ހަރަކާތްތަކުގެ ސަބަބުން، ޤައުމުގައި އޮންނަންޖެހޭ ޢީދުގެ ޙަޤީޤީ އުފާވެރިކަން ގެއްލިގެންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި ޒަމާނުއްސުރެ ކުޅެމުން އަންނަ މި އާދަކާދައިގައި މީހުންނަށް މަލާމާތްކުރުން އެކުލެވޭތީ، އެ ސިޓީގެ ކައުންސިލުން ވެސް ވަނީ އެފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށް ބަޔާނެއް އާންމުކޮށްފައެވެ. މީގެ އިތުރުން، ޢީދު ފާހަގަކުރުމުގެ ނަމުގައި އެކަކު އަނެކަކަށް ފުރައްސާރަކޮށް ހަޖޫނުޖެހުމަށް މިއަހަރުގެ ޢީދު ޚުޠުބާގައި ވެސް ވަނީ ހަރުކަށިކޮށް އިންޒާރުދީފައެވެ.
އާޒިމާގެ މި ޚިޔާލާ އެއްގޮތަށް ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ. އެގޮތުން، ކުޅުދުއްފުށީގެ އާންމު ރައްޔިތުން ހިމެނޭހެން ގިނަ ބަޔަކު ދަނީ މީސްމީޑިއާގެ އެކި މަންސަތަކުގައި މަށިމާލި ޕެރޭޑުގެ ބައެއް ކަންކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.