ޚަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިވުމަކީ ރައީސް މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ކާމިޔާބީއެއް: ސަޢީދު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު / ފޮޓޯ: ރައީސް އޮފީސް

ފިޗުން ދިވެހިރާއްޖޭގެ ރޭޓިންގ މަތިކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ އިޤުތިޞާދީ ސިޔާސަތުތަކާއި ޒިންމާދާރު ވެރިކަމުގެ ސީދާ ނަތީޖާ ކަމަށް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ފިޗުން ރާއްޖޭގެ ރޭޓިންގ "ސީސީ" އިން "ސީސީސީ މައިނަސް" އަށް ބަދަލުކުރުމާ ގުޅިގެން ވަޒީރު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، މި ބަދަލަކީ ރާއްޖޭގެ މާލީ މިސްރާބާމެދު އިންވެސްޓަރުންނާއި ބައިނަލްއަޤުވާމީ ފަރާތްތަކުގެ އިތުބާރު އަލުން އާވެފައިވާކަމުގެ ސާފު ހެއްކެކެވެ. އަދި މިއީ އިޤުތިޞާދީ ގޮތުން ދަތި ދުވަސްވަރެއްގައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ މާލީ ނިޒާމު އިސްލާޙުކުރުމަށާއި، މެކްރޯއިކޮނޮމިކް ހަމަޖެހުން ގެނައުމަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ވަޒީރު ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި ދެމެހެއްޓެނެވި ގޮތެއްގައި އިޤުތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބޭރުގެ މާލީ އިދާރާތަކުން ބަލައިގަންނަން ފަށާފައިވާކަން ރޭޓިންގއަށް އައި ކުރިއެރުމުން ސާބިތުވާކަމަށް ސަޢީދު ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އުފައްދާފައިވާ ބޮޑެތި ދަރަނިތަކުގެ ސަބަބުން ކުރިމަތިވި މާލީ ތާށިކަމުން އަރައިގަތުމަށް ރައީސް ދައްކަވާ ކެތްތެރިކަމާއި ސާބިތުކަން ފާހަގަކުރައްވައި، މި ކާމިޔާބީއާ ގުޅިގެން ވަޒީރު ވަނީ ރައީސަށް މަރުޙަބާ ދަންނަވާފައެވެ.

ފިޗުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ރޭޓިންގ މަތިކުރުމުގެ މައިގަނޑު ސަބަބަކީ މިދިޔަ އޭޕްރީލް މަހު ދައްކަންޖެހުނު 524 މިލިއަން ޑޮލަރުގެ ސުކޫކް ޕޭމަންޓް ރާއްޖެއިން އަމިއްލައަށް ދައްކައި ޚަލާޞްކުރުމެވެ. މިއާއެކު ކުރު ރާސްތާގައި ރާއްޖެ ބަނގުރޫޓުވެދާނެކަމުގެ ބިރު ފިލައިގެން ގޮސްފައިވާއިރު، ސަރުކާރުގެ މާލީ އިސްލާޙުތަކުގެ ސަބަބުން ދައުލަތުގެ ރިޒާވްއާއި ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް އިތުރު ފައިސާ ޖަމާކުރުމުގެ މަގު ފަހިވެފައިވާކަން ވެސް އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.

Ads by Allied Insurance