ޚަބަރު

ހުމާއި ރޯގާގެ ކޭސްތައް އިތުރުވަނީ، މާސްކު އަޅައި ވެކްސިންތައް ފުރިހަމަކުރޭ: އެޗްޕީއޭ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހުމާއި އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ ހަލުވިކަމާ އެކު ފެތުރެމުންދާތީ، ދުރާލައި ވެކްސިން ޖެހުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކުރައްވައިފިއެވެ.

ޢީދުގެ ޗުއްޓީއާ ގުޅިގެން ގިނަ ބަޔަކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ނަތީޖާއެއްގެ ގޮތުން ގައިގޯޅިވުން ބޮޑުވެ، ވައިރަލް ހުމާއި ރޯގާގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި، މުޅި ރާއްޖެއިން މި ބަލިމަޑުކަން ފެންނަމުންދިޔަ ނަމަވެސް، މި ދުވަސްވަރު އެންމެ ގިނައިން ބަލި މީހުން ރިޕޯޓުކުރަމުން އަންނަނީ އުތުރުގެ އަތޮޅުތަކުންނެވެ. އެހެންކަމުން ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި މާސްކު އެޅުން ފަދަ މުހިންމު ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އަންގަވާފައެވެ.

އިންފްލުއެންޒާ ފަދަ ނުރައްކާތެރި ވައިރަސްތައް ވެސް އާންމުވަމުން އަންނަކަން ފާހަގަކުރައްވައި، ކަމާބެހޭ ފަރާތްތަކުން ވަނީ ބަލިން ދިފާޢުވުމަށް ވެކްސިން ފުރިހަމަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ހަށިގަނޑުން ބަލީގެ އެއްވެސް ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ކެއްސައި ކިނބިހިއަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ފޮރުވުމަށް ޞިއްޙީ މާހިރުން އިރުޝާދުދެއްވައެވެ. މީގެ އިތުރުން، ބަލިމީހުންނަށް ގޮވާލަން ދާއިރު ކުޑަކުދިން ނުގެންދިއުމަށާއި، ބަލީގެ އަސަރު ހުރިނަމަ އެހެން މީހުންނާ އެކަހެރިވެ އުޅުމަށް ވަނީ އިރުޝާދުދީފައެވެ.

މިފަދަ ބަލިމަޑުކަމަކުން މުޖުތަމަޢު ސަލާމަތްކުރުމުގައި ކޮންމެ ފަރުދެއްގެ ވެސް ޒިންމާ ބޮޑުކަން ސިއްޙީ އިދާރާތަކުން ހަނދާންކޮށްދެއެވެ. ޚާއްޞަ ގޮތެއްގައި، ކުޑަކުދިންގެ ކިބައިން ރޯގާގެ އަލާމާތެއް ފެންނަނަމަ، އެކުދިން ސްކޫލަށް ނުފޮނުވައި ގޭގައި މަޑުކުރުވުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެޅޭނެ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. ޗުއްޓީ ދުވަސްވަރު އާންމުކޮށް ވެސް ރާއްޖޭގައި މިފަދަ ބަލިތައް ގިނަވާކަން ފާހަގަކުރެވޭތީ، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ވަނީ އެދިވަޑައިގެންފައެވެ.

Ads by Allied Insurance