ލަންކާއަށް މޫސުމީ ރަތް އިންޒާރުނެރުނު ނަމަވެސް، ރާއްޖެއަށް އަސަރެއް ނުކުރާނެ: މެޓް
އަވަށްޓެރި ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ ރަތް އިންޒާރު ނެރެފައިވީ ނަމަވެސް، އެކަމާ ގުޅިގެން ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާންޖެހޭ ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިނުވާނެ ކަމުގެ ޔަގީންކަން މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ދީފިއެވެ.
ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން މި އިންޒާރު ނެރެފައި ވަނީ، އެ ގައުމުގެ ކަނޑުތައް ގަދަވެ، އާދަޔާ ހިލާފަށް ވައިބާރުވާނެކަމަށް ލަފާކުރުމަށްފަހު، މިއަދު ހެނދުނު 6:30 އިން ފެށިގެން މާދަމާ ހެނދުނު 10:30 ގެ ނިޔަލަށެވެ. މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ހާމަކުރި ގޮތުގައި، ލަންކާގެ މޫސުމީ ހާލަތަކީ ހަމައެކަނި އެ ސަރަހައްދަށް ޚާއްޞަ ބަދަލުތަކެއް ކަމުން، އެކަމާ ގުޅިގެން ދިވެހިން ބިރުގަންނަންޖެހޭ ސަބަބެއް ނެތެވެ.
އެހެންނަމަވެސް، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް ބެލެވޭތީ، އެ ސަރަހައްދުގެ އާންމުން ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އުތުރުގެ ހާލަތު މިހެން އޮތް ނަމަވެސް، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ސާފުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް ހުޅަނގު މޫސުމުގެ އަސަރު ކުރަމުންދާ ދުވަސްވަރެކެވެ. ފާއިތުވި ޢީދު ބަންދު ދުވަސްވަރުން ފެށިގެން ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ، ކަނޑުތައް ވެސް ގަދައެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށް ރަށުގައި ފެން ބޮޑުވުމުގެ ހާދިސާތައް ވެސް ވަނީ ކުރިމަތިވެފައެވެ.