ސިޔާސީ

ސަރުކާރު ވައްޓާލަން މަގުމައްޗަށް ނުކުންނާކަށް ނުޖެހޭނެ، އަމިއްލައަށް ރޫޅިގެންދާނެ: ނަޝީދު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މަގުމަތީގެ ހަމަނުޖެހުން ހިންގައިގެން ވެރިކަން ބަދަލުކުރުމުގެ ވިސްނުންފުޅެއް ނެތް ކަމަށާއި ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން މި ސަރުކާރު އަމިއްލައަށް ވެއްޓިގެންދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކެމްޕޭން ކުރެއްވުމަށް ނ. މާފަރަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ޕާޓީގެ އިސް މަގާމަކަށް ވަޑައިގަންނަވަނީ ހަމައެކަނި އޮފީހެއް ހިންގަވާކަށް ނޫންކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ޗެއާޕާސަންގެ ގޮނޑިއަކީ މިހާރު އޮތް ވެރިކަން ނިމުމަކަށް ގެނައުމަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ ސިޔާސީ ހަތިޔާރު ކަމުގައެވެ.

ރައްޔިތުންނާއި ޕީއެންސީގެ މެންބަރުންގެ ކުރިމަތީގައި ރައީސް މުޢިއްޒުގެ އިތުބާރު ގެއްލެމުންދާ މައިގަނޑު ސަބަބަކީ އެމަނިކުފާނުގެ ކިބައިން ފެންނަމުންދާ ބޭވަފާތެރިކަން ކަމުގައި ނަޝީދު ސިފަކުރެއްވިއެވެ. މިގޮތުން، ވެރިކަމުގެ އާރާއި ބާރު ހޯއްދެވުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުންކުރެއްވުމަށް ފަހު އެމަނިކުފާނާ ފެޔަށް ޖެހިވަޑައިގަތުމާއި، ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ އެކު ވެވަޑައިގެންނެވި ސިޔާސީ އެއްބަސްވުންތަކާ ޚިލާފުވެވަޑައިގަތުން އެއީ އޭގެ އަލިގަދަ ހެކިތަކެއްކަމަށް ވިދާޅުވިއެވެ.

ދައުލަތް ހިންގުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ބަދަލުގައި ރައީސް ވަގުތު ހޭދަކުރައް ވަނީ އަމިއްލަފުޅު ޖަޒުބާތީ ކަންކަމުގައި ކަމަށް ތުހުމަތުކުރައްވައި ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މިނިވަންކަމާއި ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށެވެ. އަދި އެމްޑީޕީއަށް "ނިދާ ބޭސް" ދީފައި ބޭއްވުމަށް ސަރުކާރުން މަސައްކަތްކުރި ނަމަވެސް، ދެން އެ ޕާޓީއަށް ހިމޭނުން ނޯވެވޭނެކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.

ކުރިއަށް އޮތް 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް އަތް އުރާލައިގެން ތިބުމުގެ ބަދަލުގައި، ޕާޓީގެ އެތެރޭގައި ޚާއްޞަ 'ޕްރޮޖެކްޓް ޑިޕާޓްމަންޓެއް' ގާއިމުކުރައްވާނެ ކަމަށް ނަޝީދު ވަޢުދުވެވަޑައިގަތެވެ. އަދި އެމްޑީޕީގެ ކޮންޓްރޯލް އޮންނަ ކައުންސިލްތައް މެދުވެރިކޮށް، ސަރުކާރަށް ބަރޯސާވުމެއްނެތި ރަށްރަށުގެ ތަރައްގީއާއި އާންމުންގެ ފުދުންތެރިކަން އިތުރުކުރުމުގެ އަމަލީ މަސައްކަތްތައް ފައްޓަވާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

Ads by Allied Insurance