ޚަބަރު

އެމްޑީޕީ އިންތިޚާބުގެ ވޯޓުލާ ވަގުތު އިތުރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެންމެ އިސް އެއް މަޤާމު ކަމަށްވާ ޗެއަރޕާސަން ކަމަށް ބޭފުޅަކު އައްޔަންކުރުމަށް މިއަދު ރާއްޖެއާއި ސްރީލަންކާގައި ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު އެ ޕާޓީގެ އިންތިޚާބާބެހޭ ކޮމިޓީން އިތުރުކޮށްދީފިއެވެ.

އެ ޕާޓީން މީގެ ކުރިން ނިންމާފައި އޮތީ މިއަދުގެ މެންދުރުފަހު 2:30އިން ފެށިގެން ރޭގަނޑު 8:00އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ. އެހެން ނަމަވެސް، އެންމެ ފަހު ވަގުތު ކޮމިޓީން ގެނައި ބަދަލާ އެކު، ރޭގަނޑު 8:30 ވަންދެން މެންބަރުންނަށް ވޯޓުލުމުގެ ފުރުޞަތު މިހާރު ވަނީ ފަހިކޮށްދީފައެވެ.

ފައްޔާޒް އިސްމާޢީލް ޗެއަރޕާސަންކަމުން އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވެފައިވާ މި ގޮނޑިއަށް ތިން ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އެއީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމްގެ އިތުރުން އިބްރާހިމް މުޙައްމަދުއެވެ. ފައްޔާޒްގެ އިސްތިއުފާއަށް ފަހު މިހާތަނަށް އެ މަޤާމު ވަގުތީގޮތުން ފުރުއްވަމުން ގެންދެވީ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާއެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ މި އިންތިޚާބުގައި 48،912 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާކަމަށް އެ ޕާޓީގެ ދާއިމީ ލިސްޓުން ކަށަވަރުކޮށްދެއެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ރެކޯޑުތައް ދައްކާގޮތުން އެ ޕާޓީގެ ސައްޙަ މެންބަރުންގެ ޢަދަދަކީ 43,784އެވެ.

މުޅި ރާއްޖެއާއި ރާއްޖެއިން ބޭރު ހިމެނޭހެން ޖުމްލަ 241 ވޯޓުފޮށި ބެހެއްޓުމަށް އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރެއިން އެއް ފޮށި އަވައްޓެރި ސްރީލަންކާގައި ވަނީ ބަހައްޓައިފައެވެ. ކުރިން ޕާޓީގެ ހަރުގެތަކުގައި ފޮށިތައް ބެހެއްޓުމަށް ވިސްނާފައި އޮތް ނަމަވެސް، މިހާރު ވަނީ އަތޮޅުތެރެއާއި މާލޭގައި ވެސް ސްކޫލްތަކުގައި ވޯޓުލުން ކުރިއަށްގެންދިއުމަށް ނިންމައިފައެވެ.

ވެރިރަށް މާލޭގައި އެކަނި ވެސް 10 ސްކޫލެއްގައި ވޯޓުލުން އޮންނާނެއެވެ. އޭގެ ތެރޭގައި މަޖީދިއްޔާ، އަމީނިއްޔާ، ހުރަވީ، ދަރުމަވަންތަ، ކަލާފާނު އަދި އިސްކަންދަރު ސްކޫލް ފަދަ ބޮޑެތި ސްކޫލުތައް ހިމެނެއެވެ. މީގެ އިތުރުން މާފަންނު މަދުރަސާ، ގަލޮޅު ސްކޫލް، މުހިއްޔިއްދީން އަދި ކާމިލްދީދީ ސްކޫލުގައި ވެސް ފޮށިތައް ބަހައްޓާނެއެވެ.