ޚަބަރު

ޔޫއޭއީއާއި ޤަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ޠާރިޤް އަދި އާދަމް ޝަރީފަށް މަޖިލީހުން ރުހުން ދީފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ޕީއެސްއެމް ނިއުސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ ގޮތުގެ މަތިން، އެކުވެރި ޢަރަބި އިމާރާތުގެ ސަފީރުކަމަށް ޠާރިޤް އިބްރާހީމް އަދި ޤަތަރުގެ ސަފީރުކަމަށް އާދަމް ޝަރީފް އުމަރު ހަމަޖެއްސުމަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި ދެ ބޭފުޅުންނަށް ރުހުންދީފައި ވަނީ  57 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ދެ ބޭފުޅުންނަށް ދައުލަތުގެ މަތީ މަޤާމުތަކެއް ފުރުއްވުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ، އެ ބޭފުޅުންގެ ކިބައިގައި ހުރި ތަޢުލީމީ ފެންވަރާއި އަމަލީ ތަޖުރިބާއަށް ރިއާޔަތްކުރުމަށް ފަހު، އިތުރު އިންޓަވިއުއަކާ ނުލައި ރުހުން ދިނުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ނިންމުމަށް ބިނާކޮށެވެ.

ސަފީރުކަމުގެ މުހިންމު މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާ ދެ ބޭފުޅުންނަކީ ވެސް ސަރުކާރުގެ އިސް މަޤާމުތަކެއްގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނެވެ. އެގޮތުން ޔޫއޭއީގެ ސަފީރަކަށް އައްޔަންކުރެއްވި ޠާރިޤަކީ މި ސަރުކާރުގެ ތިމާވެއްޓާ ބެހޭ ވަޒީރުކަމުގެ އިތުރުން ކުރީގެ ސަރުކާރުތަކުގައި ވެސް ކެބިނެޓްގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެއާ އެކު، ޤަތަރުގެ ސަފީރުކަމަށް ހަމަޖެއްސެވި އާދަމް ޝަރީފަކީ ވެސް މި ސަރުކާރުގެ ލޯކަލް ގަވަރމަންޓް މިނިސްޓަރުކަމާއި އޭގެ ކުރީގެ ސަރުކާރުތަކުގައި ވަޒީރުކަން ކުރައްވާފައިވާ، އަދި މިހާރު ވެސް ޚާރިޖީ ވުޒާރާގެ އިސް މަޤާމެއްގައި ހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!