ޚަބަރު

މޫސުމީ ހިޖުރައާ ގުޅޭ ފޯރަމެގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖަރުމަނަށް ފުރާވަޑައިގެންފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް / ފޮޓޯ: ރައީސް އޮފީސް

މޫސުމީ ބަދަލުތަކާއި ހިޖުރަކުރުމާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި މަޝްވަރާކުރުމަށް ބާއްވާ 'ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް' ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ރޭގެ ވަގުތެއްގައި ޖަރުމަނުވިލާތަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ކަނޑުގެ ލޮނގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ ތެރެއިން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ޚާއްޞަ ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، "ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް" އާ ގުޅޭ މަތީ ފަންތީގެ ބައްދަލުވުމެއްގައި ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައެވެ.

2026ވަނަ އަހަރުގެ ޖޫން މަހުގެ 15 އިން 21 އަށް ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުރިއަށްގެންދާ މި ބައްދަލުވުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިސް ލީޑަރުންނާއި، ސިޔާސަތުތައް އެކަށައަޅާ ފަރާތްތަކާއި، މޫސުމީ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފޯރާ މުޖުތަމަޢުތަކުގެ މަންދޫބުންގެ އިތުރުން ޒުވާން އީޖާދުވެރިން އެއްތަންވެ، މޫސުމީ މައްސަލަތަކަށް އީޖާދީ ޙައްލުތަކެއް ހޯދުމަށް މަގުފަހިކުރާ މުހިންމު ޕްލެޓްފޯމެކެވެ. މީގެ މައިގަނޑު އަމާޒަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ވަޒަންދޫކޮށް ދާންޖެހޭ މީހުންނަށް ދިމާވާ ގޮންޖެހުންތަކަށް ބައިނަލްއަޤުވާމީ ފެންވަރުގައި ޙައްލުތަކެއް ހޯދުމެވެ.

މި އަހަރުގެ ފޯރަމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މޫސުމީ ބަދަލުތަކާ ގުޅިގެން ހިޖުރަކުރަންޖެހޭ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށް އެކުލަވާލާ 'ގްލޯބަލް ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް' ރަސްމީކޮށް ފާސްކުރުމެވެ. މި މުހިންމު އުޞޫލުތަކުގެ ބޭނުމަކީ، އަމިއްލަ ވަޒަނުގައި ދެމިތިބުމުގެ ޙައްޤު ކަށަވަރުކޮށްދިނުމާ އެކު، މަޖުބޫރީ ޙާލަތްތަކުގައި އެހެން ސަރަޙައްދުތަކަށް ބަދަލުވާންޖެހޭ މީހުންގެ އިންސާނީ ކަރާމާތް ރައްކާތެރިކުރުމެވެ. މީގެ އިތުރުން، މި އެއްބަސްވުންތައް ޢަމަލީ ގޮތުން ތަންފީޒުކޮށް، ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓެއް ވެސް މި ފޯރަމްގެ ތެރެއިން އެކުލަވާލާނެއެވެ.