ޚަބަރު

ދެ ކިލޯއަށް ވުރެ ގިނަ ޑުރަގު އެތެރެކުރި އިންޑިއާ ދެ އަންހެނުންގެ ބަންދު އަނެއްކާވެސް އިތުރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރާއްޖެއަށް ގިނަ އަދަދެއްގެ ޑްރަގު އެތެރެކުރި އިންޑިއާގެ ދެ އަންހެނުން--

ދެ ކިލޯއަށް ވުރެ ގިނަ ޑުރަގު ރާއްޖެ އެތެރެކުރި އިންޑިއާ ދެ އަންހެނުންގެ ބަންދު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އިންޑިއާއަށް ނިސްބަތްވާ ޖެނިފާ ޕައުލް (34އ)އާއި އުލްފަތު ރަސޫލް (23އ)ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މިދިޔަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. އެ މައްސަލައިގައި ފުރަތަމަ ފަހަރު އެ ދެ މީހުންގެ ބަންދަށް 15ދުވަސް އަދި ދެވަނަ ފަހަރު 30ދުވަސް ޖެހުމަށް ފަހު ތިން ވަނަ ފަހަރުވެސް 30ދުވަހަށް ތިބީ ބަންދުކޮށްފައެެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ދެ މީހުންވެސް މިހާރު އިތުރު 20ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

އެ ދެ މީހުންގެ ލަގެޖުންވެސް މަސްތުވާތަކެތި ފެނުނީ ކޮސްމެޓިކްސް ފުޅިތަކަކުންނެވެ. ނަމަވެސް އުލްފަތުގެ ލަގެޖު ޗެކިންކޮށްފައިވަނީ ޖެނީފާ ކަމަށްވާ އިރު މަސްތުވާތަކެއްޗާ ބެހޭ އެއްވެސް މައުލޫމާތެއް އުލްފަތަށް ނޭނގޭނެ ކަމަށް ޖެނީފާ ކުރިން ބުނެފައިވެއެވެ.

ނަަމަވެސް ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އުލްފަތުގެ މައްޗަށް ވެސް ފުލުހުން އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވެއެވެ.

ފަހަކަށް އައިސް އިންޑިއާއިން ރާއްޖެ އަންނަ މީހުންގެ އަތުން މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު ވަނީ އިތުރުވެފައެވެ.