ޤައުމުގައި ގިނަ ދަރަނި އުފެއްދީ ކާކުތޯ ބެލުން މުހިންމެއް ނޫން، އެއީ މާޒީ: ނަޝީދު
ރާއްޖެ މިހާރު ވެއްޓިފައިވާ ފުން ދަރަނީގެ އަނދަވަޅަކީ ކޮން ސަރުކާރެއްގެ ސަބަބުން މެދުވެރިވި ކަމެއްތޯ ބެލުމުގެ ބަދަލުގައި، އެންމެން ގުޅިގެން މި މައްސަލައަށް ހައްލެއް ހޯދުމަކީ މިވަގުތަށް އެންމެ ބޭނުންތެރި ކަންތައް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، އެމްޑީޕީގެ ޗެއާޕާސަން ނަޝީދު ފާހަގަކުރެއްވި ގޮތުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް އުފުލިފައިވާއިރު، މިއަގު ތިރިކުރުމުގެ ގާބިލުކަން މިހާރުގެ ސަރުކާރަކު ނެތެވެ. ދައުލަތަށް ޑޮލަރުން އާމްދަނީ ލިބުނު ކަމުގައިވިޔަސް، ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވުމަކީ މާލީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
"ކާކުތޯ އެކަން ކުރީ ކިޔައި ފަހަތަށް އެނބުރި ބެލުމަކީ މިހާރު މާނައެއް ހުރި ކަމެއް ނޫން. ހަގީގަތަކީ ރާއްޖެ އޮތީ ބޮޑު ދަރަންޏެއްގައިކަން،" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ސަރުކާރުން އެމްޑީޕީއާ އެކު މަޝްވަރާކޮށްގެން ކުރިއަށް ނުގޮސްފިނަމަ، ގައުމުގެ ހާލަތު ވަރަށް ގޯސްވެދާނެކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ. އަދި މި މާލީ ކާރިސާއިން އަރައިގަތުމުގެ ފުރިހަމަ ގާބިލުކަމާއި އުކުޅުތައް އެމްޑީޕީއަށާއި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް އުފުލިފައި ވަނީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. އެގޮތުން އެ ވެރިކަން ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެ ތެރެއިން 60 ބިލިއަން ރުފިޔާއަކީ ހަމައެކަނި އެ ފަސް އަހަރުގެ ތެރޭގައި އުފެއްދި ދަރަންޏެވެ. އޭގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި 22.1 ބިލިއަން، ނަޝީދުގެ ވެރިކަމުގައި 17.3 ބިލިއަން އަދި ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުނުއިރު އޮތީ 5.7 ބިލިއަން ރުފިޔާގެ ދަރަންޏެކެވެ.