ޚަބަރު

ހުޅަނގު އޭޝިއާގެ މައްސަލަތަކާއި އެމެރިކާގެ ޓެރިފްތަކާއެކުވެސް އިންޑިއާގެ އެކްސްޕޯޓް 863 ބިލިއަން ޑޮލަރަށް އަރައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ކަންޑްލާ ސްޕެޝަލް އިކޮނޮމިކް ޒޯން (ކަސޭޒް) ގެ ޒޯނަލް ޑިވެލޮޕްމަންޓް ކޮމިޝަނަރު އަދި އައިއޭއެސް ޑްނިޔަނޭޝްވަރު ބީ ޕާޓިލް ބުދަ ދުވަހު ވިދާޅުވި ގޮތުގައި، 2025-26 ވަނަ އަހަރު ދިމާވި ގޮންޖެހުންތަކާއެކުވެސް އިންޑިއާއިން ވަނީ އިގުތިސާދީގޮތުން "ވަރަށް ފުރިހަމައަށް" މަސައްކަތްކޮށްފައެވެ. މީގެ ތެރޭގައި ހުޅަނގު އޭޝިއާގެ މައްސަލަތަކާއި އެމެރިކާއިން ނެގި ބޮޑެތި ޓެރިފްތައް ހިމެނެއެވެ.

އަހުމަދާބާދުގައި ބުދަ ދުވަހު ބޭއްވި ގުޖުރާތު ސެޒް އައުޓްރީޗް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، "2025-26 އަކީ ގޮންޖެހުން ބޮޑު އަހަރެއް. ހުޅަނގު އޭޝިއާގައި ހަމަނުޖެހުންތައް އޮތްއިރު އެމެރިކާއިންވެސް ޓެރިފް ނެގި. އެހެންނަމަވެސް މި ހުރިހާ ކަމަކާއެކުވެސް އަޅުގަނޑުމެން ވަރަށް ފުރިހަމައަށް މަސައްކަތްކުރިން، އަދި މިއިން ދައްކުވައިދެނީ އިންޑިއާގެ އިގުތިސާދުގެ ބާރުގަދަކަން،" ކަމަށެވެ. މި އިވެންޓުގައި އޮފިޝަލުން ވަނީ ގުޖުރާތުގެ ސްޕެޝަލް އިކޮނޮމިކް ޒޯން (ސެޒް) ތަކުން ފާއިތުވި 12 އަހަރު ހޯދި ކުރިއެރުންތައް މުރާޖަޢާކޮށް، ކުރިމަގުގެ އިންވެސްޓްމަންޓްތަކާއި އެކްސްޕޯޓާ ގުޅޭ ތަސައްވުރު ހާމަކޮށްފައެވެ.

މި ގޮންޖެހުންތަކާއެކުވެސް އެކްސްޕޯޓްގެ ދާއިރާ އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި، ކޮފީ، ހަވާދު އަދި ކަނޑުމަހުގެ ބާވަތްތައް ހިމެނޭހެން 863.11 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައިވާކަން ޕާޓިލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އައިސްލޭންޑް، ލީކްޓެންސްޓެއިން، ނޯވޭ އަދި ސްވިޒަލޭންޑް ހިމެނޭ ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަން (އީއެފްޓީއޭ) ގެ ދިގު މުއްދަތުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އިންޑިއާގެ އުފެއްދުންތެރިކަމަށާއި، ޓެކްނޮލޮޖީ ބަދަލުކުރުމަށާއި އަދި ވަޒީފާ އުފެއްދުމަށް ލިބިދާނެ ކުރިއެރުންތަކާ މެދުވެސް މި އިވެންޓްގައި މަޝްވަރާކުރެވުނެވެ.

މި ޕްރޮގްރާމްގައި ކޮމަރސް އެންޑް އިންޑަސްޓްރީ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަޖޭ ބާދޫ، ގާންދީނަގަރުގެ އިންޑަސްޓްރީސް ކޮމިޝަނަރު ސްވަރޫޕް ޕީ (އައިއޭއެސް)، އަދި ކަސޭޒް އާ ގުޅިފައިވާ ޑްނިޔަނޭޝްވަރު ބީ ޕާޓިލް ބައިވެރިވެވަޑައިގަތެވެ. މި ހަފްލާ ފެށިގެންދިޔައީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މެސެޖަކުންނެވެ. މި މެސެޖުގައި، ބައިނަލްއަޤްވާމީ ބާޒާރުގައި އިންޑިއާގެ އިގުތިސާދީ ކުރިއެރުމަށް މުހިންމު 4 ކަމެއް ފާހަގަކުރައްވާފައިވެއެވެ.

އިންޑަސްޓްރީސް ކޮމިޝަނަރު ސްވަރޫޕް ޕީގެ ޕްރެޒެންޓޭޝަންގައި ފާއިތުވި ބާރަ އަހަރު ދުވަހު ގުޖުރާތުން ހޯދި ކުރިއެރުންތަކަށް އަލިއަޅުވާލެއްވިއެވެ. ކޮމްޕައުންޑް އެނުއަލް ގްރޯތު ރޭޓް (ސީއޭޖީއާރް) އިތުރުވަމުންގޮސް ގާތްގަނޑަކަށް 10 އިންސައްތައަށް އަރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންޑިއާގެ އިގުތިސާދީ ކުރިއެރުމުގައި ގުޖުރާތަކީ އެންމެ ކުރީގައި އުޅޭ އެއް ސްޓޭޓްކަމަށާއި، ބޮލަކަށް ޖެހޭ އާމްދަނީ އިތުރުވެފައިވާކަންވެސް އޭނާ ވިދާޅުވިއެވެ. ފާއިތުވި ފަނަރަ އަހަރުގެ ތެރޭގައި ގުޖުރާތުގެ ޖީޑީޕީ ގާތްގަނޑަކަށް 30 ގުނަ އިތުރުވެފައިވާކަން ފާހަގަކުރައްވައި، މިއީ އެ ސްޓޭޓްގެ އިގުތިސާދީ ވަރުގަދަކަން ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

އިންވެސްޓަރުންނާ ރައްޓެހި 20 އަށްވުރެ ގިނަ ސިޔާސަތުތަކާއި، ކުރިމަގަށް ތައްޔާރުކުރެވިފައިވާ އުމްރާނީ ތަރައްޤީ އަދި ގުޅިފައިވާ ވަރުގަދަ ނެޓްވޯކްތަކަކީ ގުޖުރާތުގެ އިގުތިސާދީ ކާމިޔާބީގެ ސިއްރުކަމުގައި ސްވަރޫޕް ޕީ ވިދާޅުވިއެވެ. މީގެ އިތުރުން ގުޖުރާތުގެ ދިގު އައްސޭރިފަށާއި 49 ބަނދަރަކީ އެކްސްޕޯޓާއި ވިޔަފާރި ފުޅާކުރުމަށް މުހިންމު ދައުރެއް އަދާކުރާ ތަންތަންކަމަށާއި، ހުޅަނގު އޭޝިއާގެ ބާޒާރުތަކަށް ފަސޭހައިން ވަދެވޭނެ މަގު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސްޓާޓްއަޕް ރޭންކިންގ ގައިވެސް ގުޖުރާތުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރިއެވެ.

މި ޕްރޮގްރާމްގައި އެންމެ ބޮޑު ސަމާލުކަމެއް ދެވިފައިވަނީ އަލަށް ތަޢާރަފުކުރެވުނު "ވިކްސިތު ގުޖުރާތު އިންޑަސްޓްރިއަލް ޕޮލިސީ 2026" އަށެވެ. ޖޫން 15 ގައި ތަޢާރަފުކުރި މި ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމަރސް އެންޑް އިންޑަސްޓްރީ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަޖޭ ބާދޫ ވަނީ، ވިޔަފާރިވެރިންނާއި ކާރުޚާނާތަކަށް ލިބޭނެ ފައިދާތައް އޮޅުންފިލުވައިދެއްވާފައެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ އާ ވިޔަފާރިވެރިންނަށް ލުއިފަސޭހަތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ތަޢާރަފުކުރި "ޗޫޒް ޔޯ އިންސެންޓިވް" ސްކީމެވެ.

ދެމެހެއްޓެނިވި ސިނާޢީ ކުރިއެރުމަކީވެސް މި އިވެންޓުގައި އިސްކަންދެވުނު މައުޟޫޢެކެވެ. މިގޮތުން ތިމާވެއްޓާ ރައްޓެހި އިންޑަސްޓްރިއަލް އިންފްރާސްޓްރަކްޗަރ އަދި ޒިންމާދާރު އުފެއްދުންތެރިކަމަށް ބާރުއެޅިއެވެ. މައިކްރޯ، ސްމޯލް، މީޑިއަމް، ލާޖް، މެގާ އަދި އަލްޓްރާ-މެގާ ހިމެނޭގޮތަށް އިންވެސްޓްމަންޓް ކެޓަގަރީތަކަށް ގެނެވުނު ބަދަލުތައް ބާދޫ ސާފުކޮށްދެއްވިއެވެ. މީގެ ތެރެއިން ޚާއްސަ ސަމާލުކަމެއް ދެވުނީ 10,000 ކްރޯޑް ރުޕީސް އިންވެސްޓްކޮށް، 3,000 ވަޒީފާ އުފައްދަންޖެހޭ "އަލްޓްރާ-މެގާ" ކެޓަގަރީ އަށެވެ.

މި ހަފްލާގައި ގުޖުރާތުގެ ސެޒް އީކޯސިސްޓަމްގެ ކާމިޔާބު މިސާލުތައް ދައްކާލިއެވެ. އޭގެ ތެރޭގައި އެންމެ ރަނގަޅު ޕްރައިވެޓް ސެޒްގެ އެވޯޑް ހޯދި 'ފާމެޒް' (PHARMEZ) އާއި ސެމީކޮންޑަކްޓަރ އުފައްދާ ކުންފުނި 'މައިކްރޯން' ހިމެނެއެވެ. މި ކުންފުނިތަކަކީ ޒަމާނީ އުފެއްދުންތެރިކަމާއި އެކްސްޕޯޓްގެ ސަބަބުން ބައިނަލްއަޤްވާމީ ސަޕްލައި ޗެއިންގައި އިންޑިއާގެ ދައުރު ފުޅާވަމުންދާކަމުގެ ނަމޫނާއެކެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށާއި، އުފެއްދުންތެރިކަމުގެ ގާބިލުކަން އިތުރުކުރުމަށް ސެޒްތަކުން އެހީތެރިވެދޭ މިންވަރުވެސް މީގެން ހާމަވެއެވެ.

(މި ރިޕޯޓަކީ ދި އިންޑިއަން އެކްސްޕްރެސް، އަހުމަދާބާދުގައި އިންޓަރންއެއްގެ ގޮތުގައި މަސައްކަތްކުރާ ޔަޝަސްވީ ސިންގް ލިޔެފައިވާ ރިޕޯޓެކެވެ.)