210 ބިލިއަން ޑޮލަރުގެ ޕްލޭނަކާއެކު އިންޑިއާގެ ނިއުކްލިއަރ ސިނާއަތް އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި
ވައިސީޕީއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، 2047 ވަނަ އަހަރު އަންނަންވާއިރަށް އިންޑިއާގެ ނިއުކްލިއަރ ހަކަތަ އުފައްދާ މިންވަރު 100 ގިގަވޮޓް (ޖީޑަބްލިއު) އަށް އިތުރުކުރުމަށްޓަކައި، 210 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދުމުގެ މަޤްޞަދުގައި، އެ ޤައުމުގެ ނިއުކްލިއަރ ދާއިރާވަނީ އަމިއްލަ ފަރާތްތަކަށް ހުޅުވާލާފައެވެ. މިއާއެކު، އެތައް ދަހަރެއް ވަންދެން މި ސިނާއަތުގެ މައްޗަށް އޮތް ސަރުކާރުގެ ކޮންޓްރޯލް ވަނީ ނިމުމަކަށް އައިސްފައެވެ.
މި ބަދަލު ގެނެސްފައިވަނީ، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފާސްކުރި 'ސަސްޓެއިނަބަލް ހާނެސިންގ އެންޑް އެޑްވާންސްމަންޓް އޮފް ނިއުކްލިއަރ އެނަރޖީ ފޯރ ޓްރާންސްފޯމިންގ އިންޑިއާ' (ޝާންތީ) އެކްޓުގެ ދަށުންނެވެ. މި ޤާނޫނުގެ ސަބަބުން، 1962 ވަނަ އަހަރުގެ އެޓޮމިކް އެނަރޖީ އެކްޓުގެ ދަށުން ދައުލަތަށް ލިބިދީފައިވާ މޮނޮޕޮލީ ވަނީ އުވިގެން ގޮސްފައެވެ.
އަލަށް ފާސްކުރެވުނު ޤާނޫނުގެ ދަށުން، އިންޑިއާގެ އަމިއްލަ ކުންފުނިތަކަށް ނިއުކްލިއަރ ޕަވަރ ޕްލާންޓްތައް ބިނާކުރުމާއި، މިލްކުކުރުމާއި، ހިންގުމާއި އަދި ނައްތާލުމުގެ ހުއްދަ ލިބިގެންދާނެއެވެ. އަދި ބޭރުގެ ފަރާތްތަކަށްވެސް އިންޑިއާގެ ކުންފުނިތަކާ ގުޅިގެން ޖޮއިންޓް ވެންޗަރތައް މެދުވެރިކޮށް މި ދާއިރާގައި ހަރަކާތްތެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މިހާރު އިންޑިއާގައި ނިއުކްލިއަރ ހަކަތަ އުފައްދަނީ ގާތްގަނޑަކަށް 9 ގިގަވޮޓްގެ މިންވަރަކަށެވެ. ސަރުކާރުން ކަނޑައަޅާފައިވާ 2047 ގެ އަމާޒަށް ވާސިލުވުމަށްޓަކައި، ކުރިއަށް އޮތް 22 އަހަރުގެ ތެރޭގައި އިތުރު 90 ގިގަވޮޓްގެ ނިއުކްލިއަރ ހަކަތަ ބޭނުންވާއިރު، މިއީ ކުރީގެ ދުވެއްޔާ އަޅާބަލާއިރު ގާތްގަނޑަކަށް ދިހަގުނަ އަވަސްކުރަންޖެހޭނެ ކަމެކެވެ.
މިކަމާ ގުޅިގެން ވައިސީޕީއިން ފާހަގަކުރި ގޮތުގައި، "ވިހި އަހަރުގެ ތެރޭގައި ނިއުކްލިއަރ ކެޕޭސިޓީ ދިހަގުނައަށް އިތުރުކުރުމަކީ، ހަމައެކަނި އެންމެ އޮޕަރޭޓަރަކަށް ކުރެވޭނެކަމެއް ނޫނެވެ."
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ހަމައެކަނި ދައުލަތުގެ ބަޖެޓުންނާއި ސަރުކާރުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކުން މި ބޮޑު މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަނުޖެއްސޭނެކަމަށާއި، އެހެންކަމުން އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗެއްކަމަށެވެ.
އައު އޮނިގަނޑުގެ ދަށުން އަމިއްލަ ކުންފުނިތަކަށް ކަރަންޓު އުފެއްދުމާއި، އިންޖިނިއަރިންގ، މެނުފެކްޗަރިންގ، އޮޕަރޭޝަންސް އެންޑް މެއިންޓަނަންސް، އަދި ސްޓްރަކްޗަރޑް ފައިނޭންސް ފަދަ ނިއުކްލިއަރ ސިނާއަތުގެ ގިނަ ދާއިރާތަކެއްގައި ބައިވެރިވެވޭނެއެވެ.
ނަމަވެސް، ޔުރޭނިއަމް އަދި ތޯރިއަމް މައިންކުރުމާއި، ހެވީ ވޯޓަރ އުފެއްދުމާއި، ފިއުލް ރީޕްރޮސެސްކުރުމުގެ އިތުރުން ރޭޑިއޯއެކްޓިވް ކުނި ނައްތާލުން ފަދަ ސްޓްރެޓީޖިކް މަސައްކަތްތައް ކުރިއަށްގެންދާނީ ސީދާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުންނެވެ.
ޝާންތީ އެކްޓުގެ ދަށުން އައު ލައިބިލިޓީ ނިޒާމެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ. މިގޮތުން، އޮޕަރޭޓަރުންގެ ޒިންމާ ކަނޑައަޅާފައިވަނީ ރިއެކްޓަރުގެ ސައިޒަށް ބިނާކޮށެވެ. އަދި ސަޕްލަޔަރުންގެ ޒިންމާ އޮންނާނީ ހަމައެކަނި ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނުވަތަ ގަސްތުގައި ކުރާ ކުށެއްގެ ހާލަތުގައެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި ބަދަލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކަށާއި ޤައުމުގެ އެތެރޭގެ އިންވެސްޓަރުންނަށް އޮތް ޤާނޫނީ ނުތަނަވަސްކަން ހައްލުވެގެންދާނެއެވެ.
ބޮޑެތި ގްރިޑް ޕްރޮޖެކްޓްތަކާއި، ކާރުޚާނާތަކަށް ޚާއްޞަ ރިއެކްޓަރުތަކާއި، ބައިތައް އުފެއްދުމުގެ އިތުރުން އެޑްވާންސް ރިއެކްޓަރުތައް ތަރައްޤީކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ވައިސީޕީން ލަފާކުރެއެވެ.
އެހެންނަމަވެސް، ހަމައެކަނި ޤާނޫނީ އިސްލާޙުތަކަކުން އިންވެސްޓްމަންޓް ޔަޤީންނުވާނެކަމަށް ރިޕޯޓުގައި އިންޒާރުދީފައިވެއެވެ. ޓެރިފް އޮނިގަނޑާއި، ފައިނޭންސްކުރާނެ ގޮތްތަކާއި، ސަޕްލައި ޗެއިންގެ ތައްޔާރީތަކާއި، ރެގިއުލޭޓަރީ ކަންކަން ސާފުވުމާއި، އިންޝުއަރެންސްގެ އިންތިޒާމުތަކުގެ އިތުރުން އާންމުންގެ ރުހުން ހޯދުން ފަދަ ގޮންޖެހުންތައް އަދިވެސް އެބަހުއްޓެވެ.
"ޝާންތީ އެކްޓުގެ ސަބަބުން ޤާނޫނީ ހުރަސްތައް ނައްތާލެވި، އިންޑިއާގައި އަމިއްލަ ފަރާތްތަކަށް މި ދާއިރާގައި ބައިވެރިވުމުގެ ދޮރު ހުޅުވިގެންދިޔަ ކަމުގައިވިޔަސް، ކާމިޔާބީއަށް ބޭނުންވާ ފުރިހަމަ ވިޔަފާރީގެ އޮނިގަނޑު އަދިވެސް ޤާއިމުކުރެވިފައި ނުވޭ،" ވައިސީޕީގެ ރިޕޯޓުގައި ބުނެފައިވެއެވެ.
