ހަލީމަތު މިސް: ގިނަ ދަރިވަރުންގެ ލޯބި ލިބިފައިވާ ޓީޗަރެއް، ހިތްވަރުގަދަ މަންމައެއް!
ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަސް އަޅުގަނޑުމެން ފާހަގަކޮށް މި ނިންމީ ދާދި އިހަކަށް ދުވަހަކުއެވެ. އެދުވަހު މީސްމީޑިއާގެ އެކި މަންސަތައް ފުރިގެން ދިޔައީ ޓީޗަރުންގެ އަގުވަޒަންކުރުމުގެ ބަސްތަކުންނެވެ. ޓީޗަރުންނަށް ދަރިވަރުންގެ ފަރާތުން ފޮނުވުނު ޝުކުރުގެ ޖިޒީތަކުންނެވެ. މުދައްރިސުންގެ ގޭގެ ހަރުތައް ފުރިގެން ދިޔައީ ދަރިވަރުން ދިން ހަދިޔާތަކުންނެވެ.
އަޅުގަނޑުގެ ހިތަށް އަރައެވެ. ބުނެލާ ބަހަކުން، ދޭ ހަދިޔާއަކުން ނުވަތަ އަދާކުރާ ޝުކުރަކުން ޓީޗަރުން ކުރާ ބުރަ މަސައްކަތުގެ އަގު އަޅުގަނޑުމެންނަށް އަދާ ކުރެވޭނެ ބާވައެވެ. ހުކުރެއް ހޮނިިހިރެއް، ދުވާލެއް ރޭގަނޑެއް، މެންދަމެއް އިރާކޮޅެއް ނުބަލާ ޓީޗަރުން ، ދަރިވަރުންނަށްޓަކައި ކޮށްދޭ ބުރަ މަސައްކަތުގެ އަގު އަޅުގަނޑުމެންނަށް ދުުލާއި ގަލަމުން ވެސް ބަޔާން ނުކުރެވޭނެ ކަން ގައިމެވެ. ޓީޗަރުންގެ މުސާރަ ކުޑަ މައްސަލަ އާއި ޓީޗަރުންނަށް އިތުރު ގަޑީގެ ފައިސާ އެކަށީގެންވާ މިންވަރަށް ނުދޭ މައްސަލަ އަކީ އަބަދާއި އަބަދު ޓީޗަރުން ދައްކާ ވާހަކައެކެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެޓީޗަރުންނަށް ހައްގުވާ ވަރަށް އިންސާފު ހޯދައިދެވިފައި ނެތްކަމަށް ގަބޫލު ކުރާ އެތައްބަޔަކު އުޅޭނެ ކަން ގައިމެވެ.
ޓީޗަރުންނަކީ ވެސް އަޅުގަނޑުމެން ފަދަ އިންސާނުންނެވެ. ޓީޗަރުންގެ ދިރިއުޅުމުގައި ވެސް ތަފާތު ކަންތައްތަކާއި ކުރިމަތިލާން ޖެހޭނެކަން ގައިމެވެ. ޓީޗަރުންގެ ދިރިއުޅުމުގައި ވެސް އަޑިގަނޑުގަނޑާއި އުސްގަނޑުތައް އަންނާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ބުނެދޭން މިއުޅެނީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޓީޗަރެއްގެ ވާހަކައެވެ. ގިނަ ބަޔަކު އެ ޓީޗަރަކަށް ނުހަނު އިހްތިރާމް ކުރާ ހަލީމަތު މިސްގެ ވާހަކައެވެ.
ޓީޗަރެއްގެ ގޮތުގައި އެންމެ ފުރަތަމަ 2001 ވަނަ އަހަރު
ހަލީމަތު މިސްއަކީ އިސްލާމް ޓީޗަރެކެވެ. އެންމެ ފުރަތަމަ ޓީޗަރެއްގެ ގޮތުގައި މިސް މަސައްކަތް ކުރަން ފެށީ އޭނާގެ އަމިއްލަ އަތޮޅުގައެވެ. ހަލީމަތު މިސްއަކީ ލ.ކަލައިދޫ އަށް ނިސްބަތްވާ މީހެކެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރި ސުކޫލަކީ ލ.ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އާލްޡާނީ ސުކޫލެވެ. އާންމުކޮށް ކިޔާ ގޮތުން ނަމަ ގަތަރު އަމީރު ސުކޫލުގައެވެ. އެތަނުގައި އޭނާ މަސައްކަތް ކުރީ 3 އަހަރުއެވެ. 2001 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާއި ހަމައަށެވެ. އެންމެ ފުރަތަމަ އޭނާ ޓީޗިންގެ ދާއިރާއަށް ނުކުތް އިރު އޭނާގެ އަތުގައި އޮތީ ހަމައެކަނި ސެކަންޑަރީ ޓީޗިންގ ސެޓްފިކެޓެކެވެ. އެހެން ނަމަވެސް ހަލީމަތު މިސް މިހާރު އެހުރީ ބެޗްލާސް އޮފް އިސްލާމިކް ޓީޗިން ނިންމުމަށްފަހު އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ލީޑަރޝިޕް އިން މާސްޓާރސް ޑިގްރީ ފުރިހަމަ ކުރައްވައިގެންނެވެ..
2003ވަނަ އަހަރު ނިންމުމަށްފަހު 2004 ވަނަ އަހަރު ހަލީމަތު މިސް ބަދަލުވީ ލ.އިސްދޫ ސުކޫލަށެވެ. ލ. އިސްދޫ ސުކޫލުގައި އޭނާ މަސައްކަތް ކުރީ އެއް އަހަރު ދުވަހުއެވެ. އެއް އަހަރު ދުވަހު އެ ސުކޫލްގައި މަސައްކަތް ކުރުމަށްފަހު ދެން ހަލީމަތު މިސް ބަދަލުވީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށެވެ.
2005 ވަނަ އަހަރު މާލެއަށް
2004 ވަނަ އަހަރު ލ. އިސްދޫ ސުކޫލްގައި މަސައްކަތް ކުރުމަށްފަހު ހަލީމަތު މިސް 2005 ވަނައަހަރު ބަދަލުވީ މާލެއަށެވެ. މާލެއަށް ބަދަލުވުމަށް ފަހު އެންމެ ފުރަތަމަ ގުޅުނު ސުކޫލަކީ އަމީނިއްޔާ ސުކޫލެވެ.
ރަށުގައި ކިޔަވައިދޭން އުޅުމަށްފަހު މާލޭގެ ސުކޫލަކަށް ބަދަލުވުމުން ކުރެވުނު ތަފާތު ތަޖުރިބާ އަކީ ކޮބައިތޯ އަޅުގަނޑު ހަލީމަތު މިސްއާ ސުވާލުކޮށްލީމެވެ. ހަލީމަތު މިސް ބުނީ، ރަށު ސުކޫލްގައި އުޅުމުން މާ ހިތްހަމަ ޖެހޭ ކަމަށެވެ. އެގޮތުން ހިތްހަމަ ޖެހޭ އެއް ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ މަސައްކަތް ކުރާ މާހައުލެވެ. ރަށުގައި މަސައްކަތް ކުރާ މާހައުލަކީ ގުދުރަތީ މާހައުލެއް ކަމަށާއި އެ މާހައުލަކީ ހިތްހަމަ ޖެހޭ މާހައުލެއް ކަމަށެވެ. ހަމައެހެންމެ ތަންކޮޅެއް ފަސޭހައިން ދަރިވަރުން ވަކިކުރަން އެނގޭ ކަމުގައި ވެސް ހަލީމަތު މިސް ފާހަގަ ކުރިއެވެ. އެގޮތުން މިވެނި ކުއްޖަކީ މިވެނި ގެއެއްގެ ކުއްޖެކޭ އެވެނި ކުއްޖަކީ އެވެނި ގެއެއްގެ ކުއްޖެކޭ، އެގޮތަށް ވަކިކުރަން ފަސޭހަ ވުމަކީ ވެސް ލިބޭ ހިތްހަމަޖެހުމެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ. ސަބަބަކީ އެދަރިވަރެއްގެ ގެއަށްގޮސް ބެލެނިވެރިންނާ ވާހަކަ ދައްކާލެވުމެވެ. ކުދިންގެ ހާލު ބަލާލެވުމެވެ. އެގޮތުން ދަރިވަރުންގެ ބައެއް ކަންތައްތަކުގައި އެކުދިންގެ ގެއަށް ގޮސް ބެލެނިވެރިންނާއި އަމިއްލަ ގޮތުން ވާހަކަ ދެއްކުމުން، ކުދިންގެ ކިޔެވުމަށާއި އަޚުލާގަށް ވެސް ރަނގަޅު ބަދަލުތަކެއް އަންނަ ކަމުގައި ހަލީމަތު މިސް ފާހަގަ ކުރިއެވެ.
ހަލީމަތު މިސް އިތުރަށް ފާހަގަ ކުރީ މާލޭގައި އެގޮތަށް ކުދިންގެ ގޭގެއަށް ވާހަކަދައްކާލުން އެއީ ވަރަށް އުނދަގޫކަމެއް ކަމަށެވެ. ގިނަ ކުދިން އުޅޭ ގެއެއް ޓީޗަރުންނަށް ނޭނގޭނެ ކަމަށެވެ. އަދި މަގެއްގެ މަތިން ފެނުނަސް ވާހަކަ ދައްކާނުލެވޭ ކަން އޭނާ ފާހަގަ ކުރިއެވެ. އެހެންކަމުން ރަށުގައި ކުދިންނާއި މާ ގާތް ގުޅުމެއް ބާއްވާ ފެނިދެނިވެ އުޅެވޭ ކަމުގައި ހަލީމަތު މިސް ބުންޏެވެ.
ކުރީގެ ދަރިވަރުންނާ އަދިވެސް ގާތް ގުޅުމެއް
ހަލީމަތު މިސް ބުނީ މިހާރުވެސް އޭނާ 2001ގައި ކިޔަވައިދިން ކުދިން ވެސް އޭނާއާ ގާތްގުޅުމެއް ބާއްވަމުން އަންނަ ކަމަށެވެ. އަދި އެކަމާ ނުހަނު އުފާކުރާކަން ފާހަގަ ކުރަމުން އެވާހަކަ 'ދެން'އާ ހަލީމަތު ހިއްސާ ކުރީ ހިނިތުންވެ އިނދެއެވެ.
"2001 ގަ އަޅުގަނޑު ކިޔަވަދިން ކުދިން، މިހާރު ވަރަށް ގިނަ ކުދިން އެތިބީ ސިފައިންގޭގަ، ޕޮލިހުގަ ނުވަތަ އެހެންވެސް ވަޒީފާ ތަކުގަ. އަދިވެސް އެއިން ބައެއް ކުދިން މާލެ އައިސްފިއްޔާ އަޅުގަނޑަށް ގުޅާނެ. ކާން ދާނެ. އަދި އެކުދިންނަށް މިސާލަކަށް ދަރިއަކު ލިބުނަސް ވެސް އެކުދިން ގުޅާފަ އެވާހަކަ ހިއްސާކޮށްލާ ކުދިން އެބަތިބި. މައްސަލައެއް ދިމާވިޔަސް ވެސް އެވާހަކަތައް ހިއްސާ ކުރާނެ، އެހެންވެ ވަރަށް އުފާވޭ މިއަދު އެންމެ ގާތް ރަހުމަތްތެރިންގެ ގޮތުގައިވެސް އޭރުގެ ދަރިވަރުން އެބަތިބި"ހަލީމަތު މިސް ފާހަގަ ކުރިއެވެ.
މިވާހަކަތައް "ދެން"އާ ހިއްސާ ކުރުމަށްފަހު ހަލީމަތު މިސް ބުނީ، އެގޮތަށް އެކަންތައް ވެގެން އެދަނީ، އެކުދިންނަށް ކިޔަވައިދިން ދުވަސްވަރުގައި އެކުދިންގެ ވާހަކަތައް އަޑުއަހާ އެކުދިންނާއި އޭނާ ބެހެއްޓި ގާތްކަމެއްގެ ސަބަބުން ކަމަށެވެ.
ދަރިއަކު ލިބުނު ހިސާބުން ގިނަ ކަންތައްތަކެއް ބަދަލުވި
ހަލީމަތު މިސް އަކީ ހަމައެކަނި ގިނަބައެއްގެ ލޯބި ލިބިފައިވާ ޓީޗަރެއް ނޫނެވެ. އޭނާ އަކީ ރާއްޖޭގެ ހިތްވަރުގަދަ އެކަނިވެރި މައިންގެ ތެރެއިން އެކެކެވެ. އެހެން ނަމަވެސް، ދަރިއަކު ލިބުމުން ވެސް އޭނާ ކުރަމުން އައި މަސައްކަތް އޭނާ ހުއްޓައެއް ނުލައެވެ. އޭނާއަށް ލިބިފައިވާ އިލްމު ގިނަ ދަރިވަރުން ތަކަކަށް އުނގަންނައިދިނުމުގެ މަތިވެރި މަސައްކަތް ހަމަ ކުރިން ކުރިހެން ހަލީމަތު މިސް ކުރަމުން ގެންދިޔައެވެ. ނަމަވެސް ދަރިއަކު ލިބުމުން މަސައްކަތް އިތުރަށް ބުރަވެ ބައެއް ކަންތައްތައް ބަދަލުވެގެން ދިޔަކަން 'ދެން' އަށް ދިން ހާއްސަ އިންޓަވިއުގައި ހަލީމަތު މިސް ހިއްސާ ކުރިއެވެ.
ހަލީމަތު މިސް ބުނީ ދަރިއަކު ލިބުމުން، ދަރިފުޅު ތުއްތު ތުއްތު އިރު ގޭގައި ބާއްވާފައި ސުކޫލަށް ދިއުމަކީ ވަރަށް ބޮޑަށް ހިތް ނުތަނަވަސް ވެފައި ހުންނަ ކަމެއް ކަމަށެވެ. އެގޮތުން، ގޭގައި ތިބި އާއިލާގެ މީހުން ކިތައްމެ ރަނގަޅަކަށް ދަރިފުޅު ބަލައިދޭނެ ކަމުގެ ޔަގީންކަން ހިތުގައި އޮތް ނަމަވެސް، މަންމައެއްގެ ހައިސިއްޔަތުން އެކަމާ ހިތް ނުތަނަވަސްވާ ކަމަށް އޭނާ ފާހަގަ ކުރިއެވެ. އަދި ދަރިފުޅު އެހާ ތުއްތު އިރު ބާއްވާފައި ދާން ޖެހުމުން، ބައެއް ފަހަރަށް ތިމަންނައަށް ދަރިފުޅަށް ރަނގަޅަށް އަޅާނުލެވޭ ކަމަށް ހީވެދާނެ ކަމަށާއި އެކަމުގެ ސަބަބުންވެސް ވަރަށް ބޮޑަށް ހިތް ނުތަނަވަސް ވާ ކަމަށް ހަލީމަތު މިސް ފާހަގަ ކުރިއެވެ.
ހަލީމަތު މިސް އިތުރަށް ފާހަގަ ކުރީ، ސުކޫލްގެ މަސައްކަތުގެ ތެރެއަށް ދަރިއަކު ބެލުމުގެ ޒިންމާ އިތުރުވުމަކީ ކުޑަ މަސައްކަތެއް ނޫން ކަމަށެވެ. އެހެން މީހަކު ދަރިފުޅު ބަލައިދިން ކަމުގައި ވިޔަސް އަމިއްލަ ބޮލުގައި މަސްއޫލިއްޔަތެއް އެޅިފައިވާކަން އަމިއްލައަށް ގަބޫލު ކުރެވޭނެ ކަމަށެވެ. އެގޮތުން ގަޑިން ގަޑިއަށް އަބަދުވެސް ދަރިފުޅުގެ ކަންތައްތައް ބަލަމުން ގެންދާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. ދަރިފުޅު ގްރޭޑް 1 އިން ފެށިގެން 10 އެއް ނިމެންދެން ދަރިފުޅުގެ ހުރިހާ ކަމެއްގެ ޒިންމާ އުފުލުނީތީ މިއަދު ވަރަށް ހިތްހަމަޖެހޭކަން ފާހަގަކުރިއެވެ.
ހަލީމަތު މިސް ބުނީ، މަސައްކަތްތައް ކިތަންމެ ބުރަވި ކަމުގައި ވީ ނަމަވެސް އަދި ރާވައިލައިގެން ކަންކަން ކުރެވުމުން ބައެއް ފަހަރަށް ދަރިފުޅަށް ދެވޭ ވަގުތު މަދުވި ކަމުގައި ވިޔަސް، ވަޒީފާއަކަށް ނުގޮސް ހުންނަ މީހަކަށް ވުރެ ރަނގަޅަށް ވެސް ދަރިފުޅަށް ކަންތައްތައް ކޮށްލަދެވޭ ކަމަށެވެ. ގަޑިން ގަޑިއަށް ކުރަންޖެހޭ ކަންކަން ދަރިފުޅަށް ބުނެދީ އެކަންކަން ކުރޭތޯ ވަގުތުން ބެލުން ވަރަށް މުހިންމު ކަމެއްކަމަށް ފާހަގަ ކުރިއެވެ. ދަރިންގެ ކަންތައްތަކާމެދު ފަރުވާ ކުޑަކުރާ މައިން މަދުން ނަމަވެސް އުޅޭކަން ފާހަގަ ކުރަމުން ހަލީމަތު މިސް ބުނީ، ކަންތައްތައް ރާވައިލައިގެން ކުރާނަމަ އެފަދަ މައިންނަށްވުރެ ރަނގަޅަށް ޓީޗަރަކަށް ދަރިއަކު ބެލެހެއްޓޭނެ ކަމަށެވެ.
ހަލީމަތު މިސް ދަރިފުޅު ގޮވައިގެން އުޅުނީ ފަސޭހަ ދިރިއުޅުމެއް ނޫނެވެ. އެގޮތުން، އޭނާ ވަޒީފާއަށް ދަމުން، ދަރިފުޅު ސުކޫލަށް ގެންދަމުން، ޓިއުޝަންތައް ނަގަމުން އަދި ހަމައެހެންމެ ހަލީމަތު މިސް ވެސް އެދުވަސްވަރު ދިޔައީ އިތުރަށް މަތީ ތައުލީމް ހާސިލު ކުރަމުންނެވެ. އެހެން ކަމުން ދުވަހުގެ ކަންތައްތައް ކުރަން ޖެހެނީ ވަރަށް ރާވައިލައިގެން ކަމަށާ އަދި ފަތިހުފަތިހާ ތެދުވެ މަސައްކަތްތައް ފެށުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
މިހާރު ހަލީމަތު މިސް ހުރީ ކޮން ސުކޫލެއްގައި؟
މިއަދު ހަލީމަތު މިސް ވަޒީފާ އަދާ ކުރަމުންދަނީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު އެއް ސުކޫލް، އަހްމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލްގައެވެ. އަހްމަދިއްޔާގައި ތައުލީމު ހާސިލު ކުރާ ކޮންމެ ކުއްޖެއްގެ ހިތުގައިވެސް ހަލީމަތު މިސްއާ ދޭތެރޭ ހިތުގައި ލޯބި އުފެދެނީ ސަބަބަކާ ނުލައެއް ނޫނެވެ. ހަލީމަތު މިސް އަކީ ދަރިވަރުންނާ ގުޅޭ އެކުވެރި ޓީޗަރަކަށް ވާތީއެވެ. އޭނާ އަކީ މިއަދު އަހްމަދިއްޔާގެ އިސްލާމް މާއްދާ ޑިޕާރޓްމަންޓުގެ ހެޑް އޮފް ޑިޕާރޓްމަންޓް އެވެ.
ހަލީމަތު މިސް މިހާރު އެހުރީ އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ލީޑަރޝިޕް އިން މާސްޓާރސް ޑިގްރީ ފުރިހަމަ ކުރައްވައިގެންނެވެ. އަދި ހަމަ އެހެންމެ 2001 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެއްވެސް އަހަރެއް ދޫކޮށްނުލާ އެސް.އެސް.ސީ އިމްތިހާނުގެ އިސްލާމް މާއްދާ މާކުކުރުމުގެ މަސައްކަތުގައި ބައިވެރި ވެފައިވެއެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން އެޗް.އެސް.ސީ އިސްލާމް މާކުކުރުމުގެ މަސައްކަތް 2019 ވަނައަހަރާ ހަމައަށް ކޮށްފައި ވެއެވެ. އަދި އިސްލާމް މާއްދާ މާކްކުރުމުގައި މޮޑަރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ 7 އަހަރު ވެއްޖެއެވެ. އަދި ގިނަ ރަށް ތަކަކަށް އެސްއެސްސީ އިމްތިހާނަށް ދަރިވަރުން ތައްޔާރު ކުރުމަށް ވޯކްޝޮޕްތައް ބޭއްވުމަށް ވެސް ހަލީމަތު މިސް ގޮސްފައި އެބަހުއްޓެވެ. އެ ހުރިހާ ވޯކްޝޮޕް ތަކަކީ ވެސް ކާމިޔާބު ވޯކްޝޮޕް ތަކެކެވެ.
މި ދާއިރާގައި އެންމެ އުފާވި ދުވަސް
މި ދާއިރާގައި މިހާ ގިނަ ދުވަހު އުޅެފައި ހުރި އިރު، ވަކި ދުވަހެއް އެންމެ އުފާވީ ދުވަހެއްގެ ގޮތުގައި ފާހަގަ ކޮށްލަން އުނދަގޫ ކަމުގައި ހަލީމަތު މިސް ފާހަގަ ކުރިއެވެ. އެހެން ނަމަވެސް ދަރިވަރުންގެ ނަތީޖާ ލިބުމުން ވަރަށް އުފާވާ ކަމަށް ބުންޏެވެ. އެގޮތުން، އަހްމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލްގައި އެންމެ ފުރަތަމަ ހަލީމަތު މިސް ގުރޭޑް 10 އަކަށް ކިޔަވަދިން އަހަރު %100 ފާސް ލިބުނު ކަން ފާހަގަކުރިއެވެ. އަދި މާޒީގެ ހަނދާންތައް އައު ކުރަމުން ހަލީމަތު މިސް ބުނީ، އެއްއަހަރެއްގައި 161 ކުއްޖަކަށް ކިޔަވައިދީ ، އެ އަހަރު ފެއިލް ވީ އެންމެ ކުއްޖަކު ކަމަށެވެ. %99 ފާސްލިބުނު ކަމަށާ އެއީ ވަރަށް އުފާވި ދުވަހެއް ކަމުގައި ހަލީމަތު މިސް ފާހަގަ ކުރިއެވެ. އަދި ކޮންމެ އަހަރެއްގައި ވެސް އަޙްމަދިއްޔާއިން އިސްލާމް މާއްދާ އިން އެސްއެސްސީ އިމްތިހާނުގައި 200 އަށްވުރެ ގިނަކުދިން ބައިވެރިވެ %97 އަށްވުރެ ދަށް ނުވެ ނަތީޖާ ހިފެހެއްޓިފައި ހުރުމަކީވެސް އުފާވާ ކަމެއް ކަމަށް ފާހަގަކުރިއެވެ.
އަދި ހަމަ އެހެންމެ އަހަރު ނިމުމުން ބައެއް ދަރިވަރުންގެ ފަރާތުން، އަގުވަޒަން ކުރުމުގެ ނޯޓު ކޮޅު ތަކާއި ސިޓީތައް ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާ، މިހާރުވެސް ކުދިން އެހެން ދީފަހުރި ލިއުންތައް ރައްކާކޮށްފައި ހުންނާނެ ކަމަށް ބުންޏެވެ.
ކޮވިޑް-19އާ ގުޅިގެން އެތައް ދަތިތަކެއް
ކޮވިޑް-19އާ ގުޅިގެން ތައުލީމީ ނިޒާމަށް ވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުދިންނަށް ޓީޗަރުން ކިޔަވައިދޭން މިޖެހެނީ އޮންލައިންކޮށެވެ. ޓީޗަރުންނަށް ގިނަ ވަގުތުތަކެއް ލެޕްޓޮޕާއި އެކު ނުވަތަ ފޯނާއެކު ހޭދަކުރަން މިވަނީ މަޖުބޫރު ވެފައެވެ. ދަރިވަރުންނާއި ޓީޗަރުންނާ ބައްދަލު ނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ޓީޗަރުންނާއި ދަރިވަރުންނާ ދެމެދު އޮތް ގުޅުމަށް ހީނަރު ކަމެއް ވަނީ އައިސްފައެވެ.
ކޮވިޑް-19އާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކަކީ ކޮބައިތޯ އަޅުގަނޑު ހަލީމަތު މިސްއާ ސުވާލު ކޮށްލީމެވެ. ހަލީމަތު ޖަވާބު ދޭން ފަށަމުން ވެސް ފާހަގަ ކުރީ ގިނަ ވަގުތު ސްކްރީން އަށް ބެލުމުގައި ހޭދަކުރަން ޖެހޭ ވާހަކައެވެ. އަދި އެކަމުގެ ސަބަބުން ލޮލަށް ވަރަށް ގެއްލުންވާ ކަމުގައި ފާހަގަ ކުރިއެވެ. އަދި ހާއްސަކޮށް ހަލީމަތު މިސްއަކީ އައިނު އަޅާ މީހަކަށް ވާހިނދު އަބަދު ސްކްރީނަށް ބަލަން ޖެހުމުން ވަރަށް އުނދަގޫވާ ކަމުގައި ފާހަގަ ކުރިއެވެ. އަދި އިންޓަނެޓަށް ކުރަންޖެހޭ ބޮޑު ހަރަދާއި ނެޓް ކެނޑޭތީ ވާ އުނދަގޫ ފާހަގަކުރިއެވެ.
ހަމައެހެންމެ ހަލީމަތު މިސްއަކީ މައިގްރޭން ވެސް ހުންނަ މީހެކެވެ. ނަތީޖާއެއްގެ ގޮތުން މާ ގިނައިރު ސްކްރީނަށް ބަލަން އިނުމުގެ ސަބަބުން ބޮލުގައި ވެސް ރިއްސާ ކަމަށް ހަލީމަތު މިސް ބުންޏެވެ. އަދި އެންމެ އުނދަގޫ އެއްކަމަކީ މާރކު ކުރުން ކަމުގައި ވެސް ހަލީމަތު މިސް ބުންޏެވެ.
އެކުގައި މަސައްކަތް ކުރި ޓީޗަރެއްގެ ނަޒަރުގައި ހަލީމަތު މިސް
ހަލީމަތު މިސްއާ އެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް މަސައްކަތް ކުރަމުންދާ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލުގެ ލީޑިންގް ޓީޗަރު ރިޒާ ސަރ ބުނީ ހަލީމަތު މިސްއަކީ އެކުގައި މަަސައްކަތް ކޮށްލަން ވަރަށް ފަސޭހަ މީހެއް ކަަމަށެވެ. އަބަދުވެސް ކޮންމެ ކަމެއްގައިވެސް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމުގައި ރިޒާ ސަރ ބުންޏެވެ.
ހަމަ އެހެންމެ ހަލީމަތު މިސްގެ ތަޖުރިބާގެ ބޭނުން ކޮށްގެން ވަރަށް ގިނަ އެއްޗެހި ރިޒާ ސަރއަށް ވެސް ދަސްކޮށްދޭ ކަމުގައި ފާހަގަ ކުރިއެވެ. އެގޮތުން މާކު ކުުރުމުގައި ގެންގުޅޭނެ ގިނަ އުސޫލުތަކެއް ވެސް ރިޒާ ސަރއަށް ދަސްވީ ހަމަ ހަލީމަތު މިސްގެ ކައިރިން ކަމުގައި ފާހަގަ ކުރިއެވެ. ރިޒާ ސަރގެ ކުރިއެރުމުގައި އެންމެ ބޮޑު އެއް ހިއްސާދާރެއްގެ ގޮތުގައި އޭނާ ހަލީމަތު މިސްގެ ނަން ފާހަގަ ކުރެއެވެ.
ހަލީމަތު މިސް އަކީ އަބަދުވެސް ކުދިންނާ ގުޅިގެން ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި ވެސް ރިޒާ ސަރ ފާހަގަ ކުރިއެވެ. އަބަދުވެސް ކުދިންނާ ގާތްގުޅުމެއް ބާއްވާ ކަމުގައި ބުންޏެވެ.
ދަރިވަރުންނަށްދޭން ބޭނުންވާ މެސެޖެއް
ހަލީމަތު މިސް ކިޔަވައިދޭ މައްދާ އަކީ ކުރިން ވެސް ފާހަގަ ކުރިހެން އިސްލާމްއެވެ. އެހެންކަމުން އެންމެ ފުރަތަމަ ކަމަކަށް ވެސް ހަލީމަތު މިސް އޭނާގެ ކުރީގެ ދަރިވަރުންނަށް އަދި މިހާރުގެ ދަރިވަރުންނަށް ވެސް ދިން ނަސޭހަތަކީ ދީނުގެ ހަމަތަކުގައި ހިފަހައްޓާށެވެ. އިސްލާމްދީނުގެ ކަންތައްތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާ ގުޅިލާމެހިފައިވާ ކަމަށްވެސް ހަލީމަތު މިސް ފާހަގަ ކުރިއެވެ. އެގޮތުން މީހަކަށް ދުނިޔޭގައި އަދި އާޚިރަތުގައިވެސް ލިބޭނެ ކާމިޔާބީ ވެސް ގުޅެނީ ދީނާ އެއްގޮތަށް އަމަލު ކުރުމުން ކަމުގައި ފާހަގަ ކުރިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ހަލީމަތު މިސް ފާހަގަ ކުރީ، އަޅުގަނޑުމެން މިއަދުގެ ޖީލަށް ވަރަށް މުހިއްމު ކަމެކެވެ. ދިން މެސެޖަކީ މިއަދުގެ ކިޔަވާ ކުދިންނަށް ވަރަށް ބޭނުންތެރި މެސެޖެކެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ނަސޭހަތްތެރިވިއެވެ. އެގޮތުން، ބެލެނިވެރިންގެ ބައްދަލުވުންތަކުގައި ވަރަށް ދެރަވާން ޖެހޭ ކަންކަމާ ކުރިމަތިލާން ޖެހޭ ކަމުގައި ހަލީމަތު މިސް ބުންޏެވެ. ކޮންމެ މަންމަ އަކާއި ބައްޕައަކު ވެސް ބޭނުންވާނީ ދަރިފުޅަށް ރަނގަޅުގޮތް ވާން ކަމުގައި ހަލީމަތު މިސް ފާހަގަ ކުރިއެވެ. އެގޮތުން މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރި ގޮތާއި މެދު ގިޔާމަތް ދުވަހު ސުވާލު ވެވޭނެ ކަމަށާއި އެހެންކަމުން މިއަދު މައިންބަފައިން ދަރިންއުޅޭ ނޫޅޭ ގޮތްބަލާ ދަރިންނާ ސުވާލު ކުރަން ޖެހޭ ކަމުގައި ހަލީމަތު މިސް ފާހަގަ ކުރިއެވެ.
ހަލީމަތު މިސް އިތުރަށް ދިން ނަސޭހަތަކީ އަމިއްލައަށް އުޅެން ދަސްކުރުމެވެ. ދިރިއުޅުމުގައި ކަމެއް ދިމާވާނީ ބުނެފައި ނޫންކަމަށާއި، އަމިއްލަ ފައި މައްޗަށް ތެދުވެ ދިރިއުޅެން ދަސްކުރަން ޖެހޭނެ ކަމުގައި ފާހަގަ ކުރިއެވެ. އެއީ އަންހެން ކުއްޖަކު ކަމުގައި ވިޔަސްމެއެވެ. އަދި ފިރިހެން ކުއްޖަކު ކަމުގައި ވިޔަސްމެއެވެ. އަދި ދިރިއުޅުމުގައި އާމްދަނީ ހޯދަން ކުރަން އިސްލާމްދީނުގައި ހުއްދަ އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫން ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި ތިމާގެ ބުރަ އެހެންމީހަކަށް ނުޖައްސާވޭތޯ ބަލަން ޖެހޭނެކަން ފާހަގަކުރިއެވެ.
އެންމެ ފަހު ކަމެއްގެ ގޮތުގައި ހަލީމަތު މިސް ދިން ނަސޭހަތަކީ ފަތިސް ނަމާދު ކުރުމަށް ދަރިވަރުންނަށް ދިން ނަސޭހަތެވެ. ފަތިހު ތެދުވެ ފަތިސް ނަމާދުކޮށް ފަތިހުގެ ބަރަކާތް އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ލިބިގަތުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ހަލީމަތު މިސް ބުންޏެވެ. އަދި އަބަދުވެސް އޭނާގެ ދަރިވަރުންނަށް އޭނާ މި ނަސޭހަތް ދޭ ކަމުގައިވެސް ހަލީމަތު މިސް ފާހަގަ ކުރިއެވެ.
ހަލީމަތު މިސްއަކީ ޓީޗަރަކަށް ވާން ބޭނުންވާ ޒުވާނުންނަށް ނަމޫނާ ޓީޗަރެއްކަން ޔަގީނެވެ. ރެޔާއި ދުވާލު ދަރިވަރުންނަށް ޓަކައި އެކުރައްވާ ބުރަ މަސައްކަތަކީ ދުލާއި ގަލަމުން ވެސް ހަލީމަތު މިސްއަށް ޝުކުރު އަދާ ނުކުރެވޭނޭ ބުރަ މަސައްކަތެކެވެ. ދަރިވަރުންނާ ބާއްވާ ގާތް ގުޅުމަކީ ދަރިވަރުންގެ ތުންފަތަށް ހިނިތުންވުމެއް ގެނުވައިދޭ ކަމެކެވެ. ޓީޗަރެއްގެ އިތުރުން ހަލީމަތު މިސް އަކީ ހިތްވަރުގަދަ މަންމައެކެވެ. މިއަދު، އެކަނިވެރި މައިން ވެސް ނަމޫނާއަކަށް ދެކެން ހަލީމަތު މިސްއަކީ ފުރިހަމަ "ރޯލް މޮޑެލް" އެކެވެ.
ޙަލީމަތު މިސްއަކީ ކުދިންނާ ގުޅޭ، ވަރަށް ރަނގަޅު މިސްއެއް. ވަރަށް މަޖާ މިޒާޖެއްގެ މިސްއެއް
ޙަލީމަތާ އެކީގައި މަސައްކަތް ކުރެވޭކަމީ އުފަލެއް.
ޙަލީމަތު މިސްގެ ދަރިވަރެއްގެ ގޮތުގައި ސްކޫލް ނިންމާލެވޭތީ އެކަމާ ވަރަށް އުފާ ކުރަން. މިސް އަކީ ވަރަށް ވެސް ހިތްހެޔޮ، އޯގާތެރި މުދައްރިސާއެއް. ވަރަށް ލޯބިވޭ މިސް ދެކެ.