ދުނިޔެ

ސައިބަރ، ސްޕޭސް އަދި ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިއާއާއި ޖަޕާނުގެ ދިފާޢީ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޓޯކިޔޯގައި ހޯމަ ދުވަހު ބޭއްވި 8 ވަނަ ޑިފެންސް ޕޮލިސީ ޑައިލޮގްގައި އިންޑިއާއާއި ޖަޕާނުން ވަނީ ދެ ޤައުމުގެ ދިފާޢީ ގުޅުމަށް އައިސްފައިވާ މުހިންމު ކުރިއެރުންތައް މުރާޖަޢާކޮށްފައެވެ. އަދި އިންޑިއާ-ޖަޕާން ސްޕެޝަލް ސްޓްރެޓީޖިކް އެންޑް ގްލޯބަލް ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުން ވެސް ވަނީ އެއްބަސްވުން އާކޮށްފައެވެ.

މި މަޝްވަރާތަކުގައި އިންޑިއާގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ޑިފެންސް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންގް އެވެ. ޖަޕާނުގެ ވަފުދުގެ އިސްކޮށް ހުންނެވީ ވައިސް މިނިސްޓަރ އޮފް ޑިފެންސް ފޯރ އިންޓަނޭޝަނަލް އެފެއާޒް ކާނޯ ކޯޖީ އެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުން ވަނީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތީ މަސްރަޙާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ޚިޔާލު ބަދަލުކޮށްފައެވެ.

އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަޝްވަރާތަކުގައި ދެ ޤައުމުގެ ދިފާޢީ ގުޅުންތަކުގެ ހުރިހާ ދާއިރާއަކަށް ފުޅާކޮށް އަލިއަޅުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، އަސްކަރިއްޔާތަކުގެ މެދުގައި ބަދަލުކުރެވޭ ތަޖުރިބާތަކާއި، ޖޮއިންޓް ހެޑްކުއާޓަރުތަކުގެ ގުޅުމާއި، ކަނޑުމަތީގެ ސަލާމަތާއި، ދިފާޢީ ތަމްރީނުތަކާއި، ޤާބިލުކަން އިތުރުކުރުމުގެ އިތުރުން ދިފާޢީ އާލާތްތަކާއި ކަނޑުމަތީގެ ޓެކްނޮލޮޖީ ހިމެނޭހެން ޓެކްނޮލޮޖީގެ ރޮނގުން ގުޅުން ބަދަހިކުރުން ހިމެނޭކަމަށް އެ ބަޔާނުގައި ވެއެވެ.

ދިފާޢީ ގުޅުންތައް ފުޅާވަމުން އަންނާތީ އެކަމަށް މަރުޙަބާ ކިޔައި، މަތީ ފަންތީގެ ބައްދަލުވުންތައް މެދުނުކެނޑި ބޭއްވުމުގެ މުހިންމުކަން ދެ ފަރާތުން ވެސް ފާހަގަކުރިއެވެ. މީގެ އިތުރުން، މި އަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ 2+2 ޑައިލޮގް ހިމެނޭގޮތަށް، ކުރިއަށް އޮތް ވަޒީރުންގެ ފެންވަރުގެ ދަތުރުތަކުން ނެރެވިދާނެ ނަތީޖާތަކާ މެދުވެސް މަޝްވަރާކުރެވުނެވެ.

ދިފާޢީ ސިނާޢަތާއި، ޓެކްނޮލޮޖީގެ އައު ހޯދުންތަކާއި، ސައިބަރ ސެކިއުރިޓީއާއި، ސްޕޭސް ފަދަ އައު ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ މެދު ވެސް ދެ ޤައުމުގެ ވަފުދުން މަޝްވަރާކުރިއެވެ.

ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތީ މައްސަލަތަކުގައި އިންޑިއާއާއި ޖަޕާނުގެ ވިސްނުން އެއްގޮތްވަމުން އަންނާތީ އެކަމާ މެދު ހިތްހަމަޖެހުން ފާޅުކޮށް، އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ގުޅިގެން މަސައްކަތްކުރުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރާ، މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް ސަރަޙައްދެއް ޤާއިމުކުރުމަށް ކުރާ މަސައްކަތްތައް ދެމެހެއްޓުމަށް ދެ ފަރާތުން ވެސް ވަނީ ތަކުރާރުކޮށްފައެވެ.

ޖަޕާނުން އިންޑިއާއާއެކު ދިފާޢީ ދާއިރާއިން ބާއްވަމުން އަންނަ ގުޅުމަށް އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ޚާއްޞަ ސްޓްރެޓީޖިކް ގުޅުމުގެ ދަށުން ޢަމަލީ ގޮތުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ކާނޯ ކޯޖީ ވަނީ، މުހިންމު ދާއިރާތަކުން އިންޑިއާއާއެކު އޮންނަ ދިފާޢީ ގުޅުން އިތުރަށް ފުޅާކުރުމަށް ޖަޕާނުން ތައްޔާރަށް އޮތްކަން ކަށަވަރުކޮށްދެއްވާފައެވެ.

މީގެ ކުރިން، އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ވަނީ ޖަޕާނުގެ ޑިފެންސް މިނިސްޓަރ ޝިންޖީރޯ ކޮއިޒޫމީ އާ ބައްދަލުކުރައްވައި، އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގްގެ ތަހުނިޔާ ރައްދުކުރައްވާފައެވެ. އަދި ޖަޕާނުގެ ޑިފެންސް މިނިސްޓަރަށް ވީއެންމެ އަވަހަކަށް އިންޑިއާއަށް ޒިޔާރަތްކުރެއްވުމަށް ރާޖްނާތު ސިންގް ދެއްވި ދަޢުވަތު އޭނާ އެރުވިއެވެ.

މި ދަތުރުފުޅު ފެށުމުގެ ގޮތުން ޑިފެންސް ސެކްރެޓަރީ ވަނީ ޓޯކިޔޯގައި ހުންނަ ސެލްފް-ޑިފެންސް ފޯސަސް މެމޯރިއަލް ސްޓޯންއަށް މާބޮނޑިއެއް ޖައްސަވައި، ޖަޕާނުގެ ޤައުމީ ޚިދުމަތުގައި ފުރާނަ ޤުރުބާންކުރި ސިފައިންގެ ހަނދާން އާކުރައްވާފައެވެ. މި ޒިޔާރަތުގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައިވާ ދިފާޢީ ގުޅުމާއި، އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި، އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ސުލްޙައާއި ހަމަޖެހުމަށް ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހާމަވެގެންދިޔައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!