ޑްރަގްކެފޭ އެއްގެ ތުހުމަތުގައި ލޭންޑްއޮފްގާރޑްން ގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި
މާލޭ ސިޓީގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި މ. ލޭންޑްއޮފްގާރޑްންގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މި އަމުރަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރެފައިވާ އަމުރެއް ކަމަށާއި މި ތަން ބަންދުކޮށްފައިވަނީ 13ޖުލައި 2026އިން ފެށިގެން 11އޮކްޓޯބަރު 2026ގެ ނިޔަލަށް، 3މަސްދުވަހުގެ މުއްދަތައް ކަމަށެވެ.
މި އަހަރުގެ މެއި މަހުން ފެށިގެން މާލޭގެ އިތުރު 5ތަނެއް މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި 3މަސްދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އެ ފަސް ތަނަކީ:
- ހ. ގުންޒަރު: 6މެއި 2026އިން 3އޮގަސްޓު 2026އަށް
- މ. ތަރިވިލާގެ: 22މެއި 2026އިން 22އޮގަސްޓު 2026އަށް
- މ. އަމީރާމަންޒިލް ގެ ބައެއް: 1ޖޫން 2026އިން 1ސެޕްޓެމްބަރު 2026އަށް
- މއ. ސެވަން އެންޑް ހައުސް: 11ޖޫން 2026އިން 9ސެޕްޓެމްބަރު 2026އަށް
- ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ 1ކޮޓަރި): 25ޖޫން 2026އިން 24ސެޕްޓެމްބަރު 2026އަށް
މީގެ އިތުރުން ފުލުހުން މައުލޫމާތު ދިންގޮތުގައި މިއީ މާލެ ސިޓީގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6ވަނަ ތަނެވެ.
ކޯޓު އަމުރުގެ ދަށުން މިފަދައިން ބަންދުކުރާ ތަންތަނަށް އެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ.