ޚަބަރު

އަމީނީމަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މާލޭގެ އަމީނީމަގުގައި އަޅާފައިވާ ތާރުގަނޑު ހަލާކުވެ އާންމުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަރާމާތުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޖެނަރަލް މެނޭޖަރު އިބްރާހީމް ހަސަން ވިދާޅުވީ، މިދިޔަ މަހުގެ 15ވަނަ ދުވަހު ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ފިޝިން ޕްލެޓްފޯމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އެ ކުންފުންޏާ ހަވާލުކުރެވިފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކޮށްފައިވާ އަމީނީމަގުގެ ހާލަތު މިހާރު އޮތްގޮތަށް ބަލާއިރު، ހާއްސަކޮށް މަގުގެ ހުޅަނގުކޮޅުގެ ތާރުގަނޑު ވަނީ ވަރަށް ބޮޑަށް އުފުލި އަޑިގުޑަންވެފައެވެ. އަލަށް ފަށާ މަރާމާތުގެ މަސައްކަތުގެ ތެރެއިން، މަގުގެ ހަލާކުވެފައިވާ ބައިތައް ރަނގަޅުކުރުމުގެ އިތުރަށް، ބަސް ހުއްޓިތައް ގާއިމުކޮށްފައިވާ ސަރަހައްދުތަކުގެ ޕޭވްމަންޓްތަކުގެ ފަރުމާއަށް ވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް ވަނީ ރާވާފައެވެ.

ކުރު މުއްދަތެއްގެ ތެރޭގައި މި މަގު މިހާ ބޮޑަށް ހަލާކުވާން ދިމާވި މައިގަނޑު ސަބަބެއްކަމަށް ފަންނީ ތަޖުރިބާކާރުން ބުނަނީ، ތާރު އެޅުމަށް ފަހު އެކަށީގެންވާ ވަރަށް ނުހިކެނީސް އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމެވެ. ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅި މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. ނަމަވެސް، މިހާރު އެންމެ ބޮޑަށް ގެއްލުންވެފައިވާ ސަރަހައްދު 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވާފައިވާއިރު، މިދިޔަ އަހަރުގެ ކުރީކޮޅު މާފަންނު ސްޓޭޑިއަމް ކައިރިން ވެސް ތާރުގަނޑުގެ ބައެއް މަރާމާތުކޮށްފައިވެއެވެ.

Ads by Ooredoo
  1. އިއްބެ

    މިބައިގަނޑަކީ ރައްޔަތުންގެ ފައިސާއެއވެސްވަރަކިައްބަލާ ބައެއްނުން ކޮބާތިކަން ކުރިންކުރިމީހުން އެމީހުންނާ ސުވާލުކޮއް ބަދަލުހޯދަންޖެހޭ ތިފެންވަރުގަ ތިމަގުހެދީ ކޮންސަބަބުތަކާހެދިތޯ ބަދަލުހޯދާ 130 މިލިޔަންހަރަދުކުރި މަގު އަނެއްކާ 130 މީ ބޮޑު ނޭންގެ ޕެޗުއަލާން 50 މިލިޔަންގޮސޮފި