އާސިއާން އާއި އިންޑިއާއިން ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރަން ނިންމައިފި
ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި، އިންޑިއާ އާއި އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) އިން ވަނީ އެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އަޒުމް ކަނޑައަޅައިފައެވެ. މި ބައްދަލުވުމުގައި ދެ ފަރާތުގެ ޚާރިޖީ ވަޒީރުން ވަނީ ވިޔަފާރިއާއި، ގުޅުންތަކާއި، ކަނޑުމަތީގެ ސަލާމަތާއި އަދި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ފިލިޕީންސްގެ ވެރިރަށް މެނީލާގައި ކުރިއަށްދިޔަ 59 ވަނަ އާސިއާން ފޮރިން މިނިސްޓަރސް މީޓިންގްގެ ޕޯސްޓް-މިނިސްޓީރިއަލް ކޮންފަރެންސްގައި، ފިލިޕީންސްގެ ފޮރިން އެފެއާޒް ސެކްރެޓަރީ ތެރީސާ ޕީ. ލަޒާރޯ ވަނީ ވޭތުވެދިޔަ 34 އަހަރުގެ ތެރޭގައި އާސިއާން އާއި އިންޑިއާގެ ގުޅުމަށް އައިސްފައިވާ ބޮޑެތި ކުރިއެރުންތަކަށް އަލިއަޅުވާލައްވާފައެވެ.
"މީގެ 34 އަހަރު ކުރިން އަޅުގަނޑުމެންގެ ޑައިލޮގް ރިލޭޝަންސް ގާއިމުކުރެވުނު ފަހުން، މި ގުޅުން އަންނަނީ އިތުރަށް ބަދަހިވަމުން. އަދި މިއީ އާސިއާންގެ ބޭރުގެ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު އެއް ގުޅުމަށް ވަނީ ވެފައި،" ލަޒާރޯ ވިދާޅުވިއެވެ.
އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، 2022 ވަނަ އަހަރު މި ގުޅުން ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނަރޝިޕަކަށް ބަދަލުކުރެވިގެން ދިޔުމަކީ، ގްލޯބަލް ސައުތުގެ ގައުމުތަކުގެ ގޮތުގައި އާސިއާން އާއި އިންޑިއާއިން ހިއްސާކުރާ ގޮންޖެހުންތަކާއި އުންމީދުތައް ބަލައިގަތުމުގެ ނިޝާނެކެވެ.
މީގެ އިތުރުން، އާސިއާން ޓޫރިޒަމް އިޔަރގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ކުރެވޭ މުއާމަލާތްތަކާއި، އާސިއާން އިޔަރ އޮފް މެރިޓައިމް ކޯޕަރޭޝަންގެ ދަށުން ކުރިއަށް ރޭވިފައިވާ ހަރަކާތްތަކަށް ލަޒާރޯ އަލިއަޅުވާލެއްވިއެވެ. އޭނާ ވިދާޅުވީ ކަނޑުގެ ސަރަހައްދުގައި އެއްބާރުލުން ދިނުމުގެ އެޖެންޑާގެ ދަށުން، ވިޔަފާރިއާއި، ބްލޫ އިކޮނޮމީއާއި، ފަތުރުވެރިކަމުގެ އިތުރުން މެރިން ބަޔޯޕްރޮސްޕެކްޓިންގ، އޯޝަން އިންޖިނިއަރިންގ، މެރިން އެނާޖީ އަދި ކަނޑުމަތީގެ ގާނޫނު ތަންފީޒުކުރުން ފަދަ ދާއިރާތަކުން ޓްރެއިނިންގ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މިއިން ދައްކުވައިދެނީ އަޅުގަނޑުމެންގެ ގުޅުމުގެ ސިފަ: އަމަލީ، ރައްޔިތުންނަށް އިސްކަންދޭ، އަދި ދެ ސަރަހައްދަށްވެސް ފައިދާ ކުރަނިވި ގޮތަކަށް ބިނާވެފައިވާކަން،" ލަޒާރޯ ވިދާޅުވިއެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވަނީ މި ބައްދަލުވުން ބޭއްވުމުގައި ފިލިޕީންސުން އަދާކުރި ދައުރަށާއި، އިންޑިއާ-އާސިއާން ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނަރޝިޕް ހަރުދަނާކުރުމުގައި ކަންޓްރީ ކޯޑިނޭޓަރެއްގެ ގޮތުން އެގައުމުން ކުޅުނު ރޯލަށް ޝުކުރު އަދާކުރައްވާފައެވެ.
"ދުނިޔެ މިވަނީ ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައި. އެއްވެސް ގައުމަކަށް ނުވަތަ ޖަމާއަތަކަށް އެކަނި މިކަމާ ކުރިމަތިނުލެވޭނެކަން މިހާރު ވަރަށް ސާފު،" ޖައިޝަންކަރު ވިދާޅުވިއެވެ.
އޭނާ ވަނީ ދުނިޔޭގެ ސަޕްލައި ޗެއިންތަކާއި، ހަކަތައިގެ ރައްކާތެރިކަމާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ އިތުރުން ސިއްހީ ރައްކާތެރިކަމަށް ކުރިމަތިވަމުންދާ ފިއްތުންތަކަކީ ބައިނަލްއަގުވާމީ ގޮތުން ގާތުން މަސައްކަތްކުރަންޖެހޭ ބޮޑެތި ގޮންޖެހުންތަކެއްކަން ފާހަގަކުރައްވާފައެވެ.
"ހަކަތައާއި، ކާބޯތަކެތި އަދި ސިއްހީ ރައްކާތެރިކަމަކީ ދެން އެހާ ފަސޭހައިން ކަށަވަރުކުރެވޭނެ ކަންކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ. އަދި ކަނޑުމަތީގެ ވިޔަފާރިއަށް ބަރޯސާވުން ބޮޑުވެފައިވުމުން، ކަނޑުގެ މަގުތަކުގެ ސަލާމަތްތެރިކަން ދުވަހެއް ދުވަހަކަށް މުހިންމުވަމުންދާކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
އާސިއާން އާއި އިންޑިއާއިން 2026 ވަނަ އަހަރަކީ އާސިއާން-އިންޑިއާ އިޔަރ އޮފް މެރިޓައިމް ކޯޕަރޭޝަންގެ ގޮތުގައި ފާހަގަކުރަން ތައްޔާރުވަމުންދާއިރު، ބައިނަލްއަގުވާމީ ގާނޫނުތަކަށް، ހާއްސަކޮށް ކަނޑުމަތީގެ ކަންކަމުގައި އިހުތިރާމްކުރުމުގެ މުހިންމުކަން ޖައިޝަންކަރު ފާހަގަކުރެއްވިއެވެ.
"މިއީ އިތުރަށް ހަމަޖެހޭ އަދި ރައްކާތެރި މުސްތަގުބަލަކަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންކަން ހަނދާންކޮށްދޭ މުހިންމު ވަގުތެއް،" އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ މަސްރަހުގައި ނުތަނަވަސްކަން ހުރި ނަމަވެސް، ޖައިޝަންކަރު ވިދާޅުވީ އިންޑިއާ އާއި އާސިއާންގެ މުސްތަގުބަލާ މެދު އޮތީ އުއްމީދީ ނަޒަރެއް ކަމަށާއި، ގުޅިގެން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމާއެކު ލިބެން ހުރި ފުރުސަތުތަކަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.