ދުނިޔެ

ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ޗައިނާގެ ޕްރޮޖެކްޓްތަކަށް އަމާޒުކޮށް ދޭ ޙަމަލާތަކާ ގުޅިގެން ދެ ޤައުމުގެ 'އަޔަން ބްރަދަރހޫޑް' ގުޅުމަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެއްޖެ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޗައިނާއަށް ބަލާއިރު، ޕާކިސްތާނުގެ ބަލޫޗިސްތާނަކީ ބިޔަ އިންވެސްޓްމަންޓްތަކެއް ހިމެނޭ، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ވަރަށް މުހިންމު ބައެކެވެ. މިގޮތުން، ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) ގެ ދަށުން، އުމްރާނީ ތަރައްޤީއާއި، ހަކަތަ އުފެއްދުމާއި، އަދި މައުދަން ނެގުން ފަދަ އެކި ދާއިރާތަކަށް ޗައިނާއިން ވަނީ 65 ބިލިއަން އެމެރިކާ ޑޮލަރުގެ ފަންޑު ފޯރުކޮށްދީފައެވެ. އެހެންނަމަވެސް، އަފްޣާނިސްތާނާއި އީރާނާ އިންވެގެން އޮންނަ، ޤުދުރަތީ ވަސީލަތްތަކުން މުއްސަނދިވެފައިވާ މި ސަރަހައްދަކީ ދިގު މުއްދަތަކަށް ދެމިގެންގޮސްފައިވާ ބަލޫޗް ހަނގުރާމަވެރިންގެ ބަޣާވާތްތަކުގެ ހާއްޔެކެވެ. އެމީހުން ދަނީ އެތައް އަހަރެއް ވަންދެން ގޭސް ހޮޅިތަކަށާއި، ކަރަންޓު ޓަވަރުތަކުގެ އިތުރުން ރޭލު ދަތުރުކުރާ މަގުތަކަށް ޙަމަލާދެމުންނެވެ. ފަހަކަށް އައިސް ޗައިނާގެ މަޝްރޫޢުތަކަށް އަމާޒުކޮށް ބަލޫޗިސްތާނުގައި ދޭ ޙަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ސަބަބުން، ޒަމާނުއްސުރެ ޕާކިސްތާނާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުމަށާއި، މުސްތަޤުބަލުގައި ކުރަން ރާވާފައިވާ އިންވެސްޓްމަންޓްތަކަށް ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ.

ޕާކިސްތާނުގެ އެންމެ ގާތް އަވަށްޓެރިޔާ އަދި އެކުވެރިޔާގެ ގޮތުގައި ޗައިނާ އޮތްއިރު، އެ ޤައުމަށް ނިސްބަތްކޮށް ގިނަފަހަރަށް ކިޔަނީ "އަޔަން ބްރަދަރ" އެވެ. ނަމަވެސް، ޗައިނާގެ އިންވެސްޓްމަންޓް މަޝްރޫޢުތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކާތަކާ ގުޅިގެން ޗައިނާ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކާ އެކަން ހިއްސާކޮށްފައެވެ.

ހަތިޔާރުއެޅި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމަށްވާ ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ، ބޭރުގެ އިންވެސްޓްމަންޓްތަކަށާއި، ސަރަހައްދުގެ ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށް، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 100 އަށްވުރެ ގިނަ ޙަމަލާ ދީފައެވެ. ހަމައެކަނި މި މަހުގެ ތެރޭގައިވެސް ބަލޫޗް ހަނގުރާމަވެރިން ދިން ޙަމަލާތަކުގައި ޕާކިސްތާނުގެ ފުލުހުންނާއި ސިފައިންގެ 42 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން، މިދިޔަ މާރިޗު މަހު އެ ޖަމާޢަތުން ވަނީ 'ޖަފާ އެކްސްޕްރެސް' ރޭލު ހައިޖެކްކޮށް، އެތައް ސަތޭކަ ފަސިންޖަރުންނެއް ރަހީނުކޮށްގެން ބޮޑު ޙަމަލާއެއް ދީފައެވެ.

ބޯޑަރު ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާޢަތްތަކަށް ހިތްވަރުދެނީ އަވަށްޓެރި އިންޑިއާއިންނާއި އަފްޣާނިސްތާނުގެ ތާލިބާނުން ކަމަށް ޕާކިސްތާނުން ޒަމާނުއްސުރެ ތުހުމަތުކުރެއެވެ. ނަމަވެސް، މުޙައްލިލުން ވިދާޅުވާ ގޮތުގައި މި މައްސަލައިގެ އަސްލަކީ ތާރީޚީ ގޮތުން އެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތިކަމާއި ޝަކުވާތަކެވެ. މިނިވަން ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރާ ބަލޫޗް ހަނގުރާމަވެރިން ތުހުމަތުކުރާ ގޮތުގައި، ޕާކިސްތާނުން ދަނީ އެ ޕްރޮވިންސްގެ އަގުހުރި ޤުދުރަތީ ވަސީލަތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ.

ޕާކިސްތާނުގެ ބިމުގެ ނިސްބަތުން އެންމެ ބޮޑު ޕްރޮވިންސަކީ ބަލޫޗިސްތާން ކަމުގައި ވިޔަސް، އަދި ސްޓްރެއިޓް އޮފް ހޯމޫޒްއަށް ގްވާދަރް ޕޯޓް މެދުވެރިކޮށް ވަދެވޭ އަދި އީރާނާއި އަފްޣާނިސްތާނާ ގުޅިފައިވާ ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދަކަށް ވީނަމަވެސް، މިއީ އެ ޤައުމުގެ އެންމެ ތަރައްޤީނުވާ އަދި އެންމެ ފަޤީރު ސަރަހައްދެވެ.

2015 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގައި އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކޮށްފައިވާ ޗައިނާއަށް، މި ފަހަކަށް އައިސް ހަނގުރާމަވެރިންގެ ޙަމަލާތައް އިތުރުވުމަކީ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ. ފަހަކަށް އައިސް ބީއެލްއޭގެ އަމާޒަކަށް ޗައިނާ މީހުން ވެފައިވާއިރު، އެމީހުން ވެސް ދަނީ ޗައިނާއިން ބަލޫޗިސްތާނުގެ ވަސީލަތްތައް ފޭރެމުންދާކަމަށް ތުހުމަތުކުރަމުންނެވެ. 2019 ވަނަ އަހަރު ބީއެލްއޭއިން އާންމުކުރި އިންޒާރުގެ ވީޑިއޯއެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށް މުޚާޠަބުކޮށް ބުނެފައިވަނީ "ބަލޫޗިސްތާން ދޫކޮށް ދިއުމަށް އަދިވެސް ވަގުތު އެބައޮތް" ކަމަށާއި، ނުގޮސްފިނަމަ "ދުވަހަކުވެސް ހަނދާނުން ނުފިލާވަރުގެ ޙަމަލާތަކެއް" ދޭނެކަމަށެވެ.

އޭގެ ފަހުން ދީފައިވާ ގިނަ ޙަމަލާތަކުން، ޕާކިސްތާނުގައި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށް އޮތް ނުރައްކާ ވަރަށް ރަނގަޅަށް ހާމަވެއެވެ. މީގެ ތެރެއިން ގިނަ ޙަމަލާތަކުގެ ޒިންމާ ނަގާފައިވަނީ ބީއެލްއޭ ނުވަތަ އެ ޖަމާޢަތާ ގުޅިފައިވާ ފަރާތްތަކުންނެވެ. ޖުލައި 2021 ގައި ހުޅަނގު އުތުރު ޕާކިސްތާނުގެ ދާސޫ ހައިޑްރޯޕަވަރ ޕްރޮޖެކްޓުގެ މަސައްކަތްތެރިން ގޮވައިގެން ދަތުރުކުރި ބަހަކަށް ދިން ޖާނުންފިދާވުމުގެ ޙަމަލާއެއްގައި 13 މީހުން މަރުވިއެވެ. އޭގެ ތެރޭގައި ޗައިނާގެ 9 އިންޖިނިއަރުންނާއި މަސައްކަތްތެރިން ހިމެނެއެވެ. މިކަމާ ގުޅިގެން ޗައިނާއިން ވަގުތީގޮތުން އެ މަޝްރޫޢުގެ މުވައްޒަފުން އަނބުރާ ގެންދިޔައެވެ. އޭޕްރީލް 2022 ގައި ކަރާޗީ ޔުނިވަރސިޓީގެ ކޮންފިއުޝަސް އިންސްޓިޓިއުޓަށް އަންހެނަކު ދިން ޖާނުންފިދާވުމުގެ ޙަމަލާއެއްގައި ޗައިނާގެ 3 މީހުން މަރުވިއެވެ.

މި އަނިޔާވެރިކަން 2024 ވަނަ އަހަރުވެސް ކުރިއަށްދިޔައެވެ. މާރިޗު މަހު ކަރަކޯރަމް ހައިވޭގައި ދާސޫ ޑޭމް ޕްރޮޖެކްޓުގެ މުވައްޒަފުންނަށް އަމާޒުކޮށް ދިން ޙަމަލާއެއްގައި ޗައިނާގެ 5 މީހުން މަރުވިއެވެ. އޭގެ ހަތް މަސް ފަހުން އޮކްޓޯބަރު މަހު، ކަރާޗީގެ ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓް ކައިރިން ޗައިނާ މީހުން ދަތުރުކުރި ގާފިލާއަކަށް ކާރެއްގައި ބޮންގޮއްވާލައިގެން ދިން ޙަމަލާއެއްގައި ޗައިނާގެ 2 މީހަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވިއެވެ. ފެބްރުއަރީ 2025 ގައި ޗައިނާއިން އޮޕަރޭޓްކުރާ ސެއިންޑަކް ކޮޕަރ އަދި ގޯލްޑް މައިންގެ މުވައްޒަފުންގެ ގާފިލާއަކަށް މަގުމަތީގައި ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާއެއްގައި 8 މީހުން ޒަޚަމްވިއެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުގެ 6 މީހުން ހިމެނޭއިރު، އަނެއް ދެ މީހުންނަކީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ޙަމަލާތައް އިތުރުވުމާއި، ޗައިނާއިން ތަކުރާރުކޮށް ކުރަމުންދާ އިހުތިޖާޖުތަކާ ގުޅިގެން، ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ޤައުމުގައި ތިބޭ ޗައިނާ ރައްޔިތުންގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. ޚާއްސަކޮށް ބަލޫޗިސްތާނުގައި ސެކިއުރިޓީގެ ފިޔަވަޅުތައް ވަނީ އެތައް ގުނައަކަށް ވަރުގަދަކޮށްފައެވެ. މީގެ އިތުރުން ޗައިނާއިންވެސް ދަނީ އެ ޤައުމުގެ ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމަށްޓަކައި ޗައިނާގެ ސަލާމަތީ ފަރާތްތައް އެ ސަރަހައްދަށް ފޮނުވުމާމެދު ވިސްނަމުންނެވެ.

ޖުލައި 16، 2026 ވަނަ ދުވަހު ޝަންހާއީގައި ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާޤް ދާރް ވަނީ، ދެ ޤައުމުގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތްކޮށް "ސަލާމަތީ ކަށަވަރުކަން އިތުރުކުރުމަށް" އެއްބަސްވެވަޑައިގެންފައެވެ. އޭގެ ދުވަސްކޮޅެއް ކުރިން، ޕާކިސްތާނުގެ އިންޓީރިއަރ މިނިސްޓަރ މުޙްސިން ނަޤްވީ ވަނީ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ޗައިނާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޕަބްލިކް ސެކިއުރިޓީ ލިންގް ޖީފެންގް އާ ބައްދަލުކުރައްވާފައެވެ. ނަޤްވީ ވިދާޅުވީ، ޗައިނާގެ ރައްޔިތުންނާއި މަޝްރޫޢުތަކަށް ހިމާޔަތް ދިނުމަށްޓަކައި 'ސްޕެޝަލް ޕްރޮޓެކްޝަން ޕޮލިސް ފޯސް' އެއް ޤާއިމުކޮށް، ޗައިނާއާއެކު އޮންނަ ސަލާމަތީ ގުޅުން "އިތުރު ހަރުފަތަކަށް ގެންދިއުމަށް" ޕާކިސްތާނުން ބޭނުންވާ ކަމަށެވެ.

ބޮޑު ސަމާލުކަމަކާއެކު 2015 ވަނަ އަހަރު ފެށި ސީޕެކް މަޝްރޫޢުގެ މައިގަނޑު އަމާޒަކީ މަގުތަކާއި ރޭލުވިއުގަ ބިނާކުރުމާއި، ޚާއްސަ އިޤްތިޞާދީ ޒޯންތައް މެދުވެރިކޮށް އެކްސްޕޯޓަށް ބިނާވެފައިވާ ސިނާޢަތްތައް ކުރިއެރުވުމާއި، ހަކަތަ އާއި ދަނޑުވެރިކަމުގެ މަޝްރޫޢުތައް ހިންގުމެވެ. އަދި ޗައިނާއަށް އަރަބި ކަނޑާ ހަމައަށް ފަސޭހައިން ވާސިލުވެވޭނެ މަގު ތަނަވަސްކޮށްދޭ ފުން ބަނދަރެއް ކަމަށްވާ ގްވާދަރް ތަރައްޤީކުރުމަކީވެސް މީގެ ބައެކެވެ.

ސީޕެކްގެ އެންމެ އަގުހުރި ޖަވާހިރުގެ ގޮތުގައި ބެލެވޭ ގްވާދަރް ޕޯޓަކީ ޗައިނާގެ ވަރަށް މުހިންމު ސްޓްރެޓީޖިކް މަޝްރޫޢެކެވެ. މީގެ ތެރޭގައި ފުން ބަނދަރު ތަރައްޤީކުރުމާއި، ޕާކިސްތާނުގެ އެންމެ ބޮޑު އެއާޕޯޓް ބިނާކުރުމާއި، އިޤްތިޞާދީ ޒޯންތަކާއި، ގުޅުވައިދޭ މަގުތަކުގެ އިތުރުން އާންމު ހެޔޮލާބައިގެ މަޝްރޫޢުތައް ހިމެނެއެވެ. ސްޓްރެއިޓް އޮފް ހޯމޫޒްއާ ކައިރީގައި (180 ނޯޓިކަލް މޭލު) އޮތުމުން، ގްވާދަރް އަކީ ޕާކިސްތާނުގެ 'ދުބާއީ' އަށް ވާނެކަމަށް ކުރިން އޮތީ ބެލެވިފައެވެ. ޗައިނާއިން ވަނީ ގާތްގަނޑަކަށް 230 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ބިނާކުރި ޕާކިސްތާނުގެ އެންމެ ބޮޑު އެއާޕޯޓް 2025 ވަނަ އަހަރު ގްވާދަރްގައި ހުޅުވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!