ދުނިޔެ

ސަޢުދީގެ ބޯޓުތަކަށް ޙޫޘީން ދޭ ޙަމަލާތަކާ ގުޅިގެން ޕާކިސްތާނުން އަސްކަރީ ފިޔަވަޅެއް އަޅާފާނެތަ؟

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި، ސަޢުދީ ޢަރަބިއްޔާއާ ދެކޮޅަށް ކަނޑުމަގުން ބްލޮކޭޑެއް ނުވަތަ ހުރަސްތަކެއް ކުރިމަތިކުރާނެކަމަށް އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ޙޫޘީ ޖަމާޢަތުން ފާއިތުވި ހަފުތާގައި ބުނެފައިވެއެވެ. އަދި ރަތް ކަނޑުގައި ސަޢުދީގެ ތެޔޯ ޓޭންކަރުތަކަށް ޙޫޘީން ދިން ޙަމަލާތައް ޕާކިސްތާނުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި އިންޒާރު ދީފައިވާ ގޮތުގައި، ރަތް ކަނޑުގައި ޕާކިސްތާނުގެ ކަނޑުދަތުރުފަތުރުގެ މަސްލަޙަތަށް ޙޫޘީންގެ ފަރާތުން އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، "ޤާނޫނީ ގޮތުން ބާރުގެ ބޭނުންކުރުމުގެ" ފިޔަވަޅުތައް އެ ޤައުމުން އަޅާނެއެވެ.

ސަޢުދީއާއެކު ޕާކިސްތާނުން ވިޔަފާރިއާއި ސަލާމަތީ ގޮތުން ގާތް ގުޅުމެއް ބާއްވާއިރު، ޕާކިސްތާނުގެ ދިދަ ނަގާފައިވާ އުޅަނދުތައް ރަތް ކަނޑުގައިވާ ސަޢުދީގެ ބަނދަރުތަކަށް އާންމުކޮށް ދަތުރުކުރެއެވެ. މިދިޔަ ސެޕްޓެމްބަރު މަހު، މި ދެ ޤައުމުން ވަނީ "ޖަމާޢީ ސަލާމަތާއި ރައްކާތެރިކަމުގެ" މާއްދާއެއް ހިމެނޭ ދިފާޢީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ މާނައަކީ އެއް ޤައުމަށް ދެވޭ ޙަމަލާއަކީ ދެ ޤައުމަށް ވެސް ދެވޭ ޙަމަލާއެއްގެ ގޮތުގައި ބެލުމެވެ. ފާއިތުވި ހަފުތާގައި ޙޫޘީން ސަޢުދީގެ ދެކުނަށް މިސައިލް ޙަމަލާތަކެއް ދިނުމާ ގުޅިގެން، ޕާކިސްތާނުން ވަނީ މި ސަލާމަތީ އެއްބަސްވުމަށް "ގުޑުމެއްނާރާނެ ފަދަ ސާބިތުކަމެއް" ހުރިކަން ހާމަކޮށްފައެވެ.

ހަމައެއާއެކު، ޕާކިސްތާނަކީ އީރާނާއެކު ވެސް ގުޅުން ބާއްވާ ޤައުމެކެވެ. އަދި އީރާނުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ތަހެރާނާއި ވޮޝިންގޓަނާ ދެމެދު މެދުވެރިއެއްގެ މުހިންމު ދައުރެއް ވެސް ޕާކިސްތާނުން އަންނަނީ އަދާކުރަމުންނެވެ. އެހެންކަމުން، އީރާނުގެ ތާއީދު އޮންނަ ޙޫޘީންނާ ދެކޮޅަށް އެއްވެސް އަސްކަރީ ފިޔަވަޅެއް އެޅުމަކީ، ފަހުގެ ތާރީޚެއްގައި ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތަށް ކުރިމަތިވާނެ އެންމެ އުނދަގޫ އެއް މައްސަލައަށް ވެގެންދާނެއެވެ.

ސަޢުދީއާއި އީރާނާ ދެމެދު ޕާކިސްތާނުން ގެންގުޅޭ ހަމަހަމަކަން

ތާރީޚީ ގޮތުން ބަލާއިރު، ސަޢުދީ ޢަރަބިއްޔާއާއި ޕާކިސްތާނަކީ އަސްކަރީ އަދި ސްޓްރެޓީޖިކް ގޮތުން ވަރަށް ގާތް ދެ ޤައުމެވެ. ދިހަވަރަކަށް އަހަރު ވަންދެން ޕާކިސްތާނުގެ އަސްކަރީ ޖެނެރަލުންނާއި މުޝީރުން ވަނީ ސަޢުދީއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ލަންޑަންގެ ޗެޓަމް ހައުސްގެ ޔަމަނާބެހޭ ތަޖުރިބާކާރު ފާރިޢު އަލް-މުސްލިމީ ޑީޑަބްލިޔުއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ސަޢުދީ ސިފައިންނާއެކު ސަލާމަތީ އަދި ތަމްރީނު ދިނުމުގެ މަސައްކަތްތަކުގައި ޕާކިސްތާނު ސިފައިން މިހާރުވެސް ޔަމަނުގައި ޙަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް ޑީޑަބްލިޔުއާ ވާހަކަދެއްކެވި ޕާކިސްތާނުގެ ރަސްމީ އޮފިޝަލަކު ވަނީ މިކަން މުޅިން ދޮގުކުރައްވާފައެވެ.

އެހެންނަމަވެސް، ރަތް ކަނޑުގައި ތެޔޯ ޓޭންކަރުތަކަށާއި ވިޔަފާރި އުޅަނދުތަކަށް ޙޫޘީން ދޭ ޙަމަލާތައް އިތުރުވެއްޖެނަމަ، ސަޢުދީން ޕާކިސްތާނުގެ އެހީތެރިކަމަށް އެދުމަކީ އެކަށީގެންވާ ކަމެކެވެ.

ވޮޝިންގޓަންގެ އެޓްލާންޓިކް ކައުންސިލްގެ ސީނިއަރ ފެލޯ މައިކަލް ކުގަލްމަން ވިދާޅުވި ގޮތުގައި ޕާކިސްތާނަކީ ސަޢުދީގެ އެންމެ ގާތް އެއް ދިފާޢީ ބައިވެރިޔާއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ދިފާޢީ އެއްބަސްވުމުގެ ސަބަބުން މިފަދަ އެހީއަކަށް އެދުމުގެ ޖާގަ އެބައޮތެވެ. އީރާނުގެ ޙަމަލާތަކެއް ސަޢުދީއަށް ވެސް އަމާޒުވެފައިވުމާއެކު، ސަލާމަތީ ގޮތުން ޕްރެޝަރު ބޮޑުވާކަމަށް އިޙްސާސްކުރެވޭނަމަ އިސްލާމްއާބާދުގެ އަސްކަރީ އެހީތެރިކަމަށް ރިޔާޟުން އެދުން ގާތްކަމަށް އޭނާ ވިދާޅުވިއެވެ. (ސެޕްޓެމްބަރ 2025 ގައި ދިފާޢީ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި ސަޢުދީގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ބައްދަލުކުރައްވައި ގުޅުން ބަދަހިކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.)

ނަމަވެސް، ޕާކިސްތާނާއި އީރާނާ ދެމެދު އޮތް ގުޅުން ރަނގަޅުވަމުން އައުމާއި، އެމެރިކާއާއި އީރާނުގެ މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ސަބަބުން ސަޢުދީގެ ދިފާޢުގައި ޕާކިސްތާނުން އަސްކަރީ ގޮތުން ބައިވެރިވުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.

ކިންގްސް ކޮލެޖް ލަންޑަންގެ ސީނިއަރ ފެލޯ އަދި ޕާކިސްތާނުގެ އަސްކަރީ ތަޖުރިބާކާރު އައިޝާ ސިއްދީޤާ ވިދާޅުވީ، ޕާކިސްތާނާއި އީރާނާ ދެމެދު އޮންނަނީ ދެފަރާތަށް ލިބޭ ވަގުތީ ފައިދާތަކެއްގެ މައްޗަށް ބިނާވެފައިވާ އުނދަގޫ ގުޅުމެއް ކަމަށެވެ. ކޮންމެ ހާލަތެއްގައިވެސް، ހަމަނުޖެހުމެއް ހިނގައިފިނަމަ ސަޢުދީއަށް ތާއީދުކުރާނެކަމުގެ އިންޒާރު ޕާކިސްތާނުން އެތައް ފަހަރަކު އީރާނަށް ދީފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

2024 ވަނަ އަހަރު އީރާނާއި ޕާކިސްތާނާ ދެމެދު ބޯޑަރު ހުރަސްކޮށް މިސައިލް ޙަމަލާތަކެއް ބަދަލުކުރެވުނު ނަމަވެސް، އޭގެ ފަހުން ދެ ޤައުމުން ވަނީ ޑިޕްލޮމެޓިކް ގުޅުން އަލުން ޤާއިމުކޮށް، ބޯޑަރު ސަރަޙައްދުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުން އިތުރުކޮށްފައެވެ.

ކުގަލްމަން ވިދާޅުވި ގޮތުގައި، ސަޢުދީއަށް ކުޑަ މިންވަރެއްގެ އަސްކަރީ އެހީތެރިކަމެއް ދިނުމަކުން ޕާކިސްތާނާއި އީރާނުގެ ގުޅުން ކެނޑިގެން ނުގޮސްފާނެއެވެ. ނަމަވެސް އިސްލާމްއާބާދުން ވަކި ފަރާތަކަށް ނުޖެހޭ މެދުވެރިއެއްގެ ގޮތުގައި ފެންނަން މަސައްކަތްކުރާ ދަނޑިވަޅެއްގައި، ރިޔާޟަށް ހަތިޔާރުގެ އެހީތެރިކަން ފުޅާކުރުމަކީ ތަހެރާނުގެ ޝައްކުތައް އިތުރުވެ، ޕާކިސްތާނުގެ ޑިޕްލޮމެޓިކް ދައުރަށް ހީނަރުކަން އަތުވެދާނެ ކަމެކެވެ.

ޕާކިސްތާނަށް ދެވިދާނެ އެހީތެރިކަމަކީ ކޮބާ؟

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ސަޢުދީން އެހީއަކަށް އެދިއްޖެނަމަ ޕާކިސްތާނުން ބޮޑަށް އިސްކަންދޭނީ ޙަމަލާދިނުމުގެ އޮޕަރޭޝަންތަކުގައި ބައިވެރިވުމުގެ ބަދަލުގައި ސަޢުދީގެ މަސްލަޙަތުތައް ރައްކާތެރިކުރުމަށެވެ.

ސިއްދީޤާ ވިދާޅުވީ، ޕާކިސްތާނުން އިސްކަންދޭނީ ދިފާޢީ ގޮތުން ބައިވެރިވުމަށް ކަމަށާއި، ރަތް ކަނޑުގައި އޮޕަރޭޝަންތައް ފުޅާކުރުމަކީ މާ ނުރައްކާތެރި ކަމަކަށް ވެދާނެކަމަށެވެ. މިފަދަ އެހީތެރިކަމެއްގެ ތެރޭގައި ޖާސޫސީ މަޢުލޫމާތު ޙިއްޞާކުރުމާއި، ވައިގެ ދިފާޢީ ނިޒާމުގައި އެއްބާރުލުން ދިނުމާއި، ކަނޑުމަތީގެ ސަރވޭލަންސް އަދި ސަޢުދީގެ މުހިންމު އުމްރާނީ ވަޞީލަތްތައް ހިމާޔަތްކުރުން ހިމެނިދާނެއެވެ. މީގެ ސަބަބުން ޙަމަލާދިނުމުގައި ބައިވެރިނުވެ ރިޔާޟަށް އެހީވުމުގެ ފުރުޞަތު ޕާކިސްތާނަށް ލިބޭނެއެވެ.

ކުގަލްމަން ފާހަގަކުރެއްވި ގޮތުގައި، ދިފާޢީ އެއްބަސްވުމަކާއި ފުން އަސްކަރީ ގުޅުންތަކެއް އޮތް ނަމަވެސް، ޕާކިސްތާނުން ހަތިޔާރު ނުވަތަ ސިފައިން ފޮނުވުމަކީ ނާދިރު ކަމެކެވެ. އިސްލާމްއާބާދުގެ އަމާޒަކީ ސަރަޙައްދީ ހަމަނުޖެހުން އިތުރުވިޔަނުދީ، އީރާނުގެ މައްސަލައިގައި މެދުވެރިއެއްގެ ދައުރު ދެމެހެއްޓުމެވެ. އެހެންކަމުން ރިޔާޟަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސިޔާސީ ގޮތުން ނުރައްކާތެރި އަދި ތަހެރާނާއެކު އޮންނަ ގުޅުމަށް ގެއްލުންވެދާނެ ކަމެކެވެ.

ސަޢުދީން ޙަމަލާތައް ވަރުގަދަކޮށްފާނެތަ؟

ޔަމަނުގައި ހިންގި ބޮޑު އަސްކަރީ ކެމްޕޭން މަޑުޖައްސާލި ފަހުން ސަޢުދީން ވަނީ ވަރަށް ބޮޑަށް ކެތްތެރިކަން އިސްކޮށްފައެވެ. އެހެންނަމަވެސް ތެލުގެ ވަޞީލަތްތަކަށާއި ވިޔަފާރި އުޅަނދުތަކަށް ތަކުރާރުކޮށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން، ހަރުކަށި ރައްދެއް ދިނުމަށް ރިޔާޟަށް މަޖުބޫރުވެދާނެއެވެ.

އަލް-މުސްލިމީ ވިދާޅުވީ، ސަޢުދީގެ އުޅަނދުތަކަށް ޙޫޘީން ދެމުންދާ ޙަމަލާތައް ކުރިއަށްދާނަމަ، ކެތްތެރިކަން ދޫކޮށްލައި އަސްކަރީ ރައްދެއް ދިނުމަށް ރިޔާޟަށް މަޖުބޫރުވެދާނެ ކަމަށެވެ.

ސިއްދީޤާ ވިދާޅުވި ގޮތުގައި، ޙޫޘީންނާ ދެކޮޅަށް ދިގުލައިދާ ފަދަ 'ސަބް-ކޮންވެންޝަނަލް' ހަނގުރާމައެއް ކުރުމުގެ ޤާބިލުކަން މިވަގުތު ސަޢުދީގައި ހުރިކަން ކަށަވަރެއް ނޫނެވެ. އަދި ވައިގެ ޙަމަލާތައް އިތުރުކުރި ނަމަވެސް، ހަމައެކަނި ބޮމުގެ ޙަމަލާތަކުން ސަޢުދީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދު ޙާޞިލުވުން އެކަށީގެންނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން އެއްބަސްވާ ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރޭގައި އިސްލާމްއާބާދުން ކަނޑުމަތީގެ ސަލާމަތާއި މިނިވަންކަމަށް ތާއީދުކުރާނެއެވެ. ނަމަވެސް ޙޫޘީންނަށް ސީދާ ޙަމަލާދިނުމުން ދުރުހެލިވާނެއެވެ. އެހެންނަމަވެސް ރަތް ކަނޑުގެ ހަމަނުޖެހުން ގޯސްވެ، ރިޔާޟާއި ތަހެރާނުގެ ޕްރެޝަރު ބޮޑުވަމުންދާނަމަ، ވަކި ފަރާތަކަށް ނުޖެހި އޮތުން ޕާކިސްތާނަށް އިތުރަށް އުނދަގޫވާނެއެވެ.

"އީރާނުގެ މައްސަލަ މިސްރާބުޖަހާ ދިމާލެއްގެ މައްޗަށް ބިނާކޮށް، ޙޫޘީންގެ ޙަމަލާތަކާމެދު ސަޢުދީން ކެތްތެރިވާނެ މިންވަރެއް ކަނޑައެޅިގެންދާނެ،" ކުގަލްމަން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު މިހާރު އޮތް މަޑުޖެހުން ދެމިއޮވެއްޖެނަމަ، ރިޔާޟުން ޙަމަލާތައް ވަރުގަދަކުރުމުގެ ބަދަލުގައި މަޑުމަޑުން ތިބުމަކީ ގާތްކަމެކެވެ. ނަމަވެސް އީރާނުގެ މައްސަލަ ނިމުނު ކަމުގައިވިޔަސް، ޙޫޘީންގެ ޙަމަލާތައް ހުއްޓުމަކަށް އައުމަކީ ނާދިރު ކަމަކަށްވާތީ، ސަޢުދީން އަބަދުވެސް ޕާކިސްތާނު ދެކޭނީ މުހިންމު ސަލާމަތީ ބައިވެރިއެއްގެ ގޮތުގައެވެ.

އެޑިޓްކުރީ: ވެސްލީ ރާން

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!