ދުނިޔެ

ޓެސްޓް ވެކްސިން ޖެހި މީހަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހުމުން، ވެކްސިން ޖެހުން މެދު ކަނޑާލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އަށް އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ވެކްސިން ޖެހި މީހަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހުމުގެ ސަބަބުން، އެ ކުންފުނިން ވެކްސިން ކުރަމުން އައި ފޭޒް 2 ގެ ތަޙްލީލްތައް މަޑު ޖައްސާލާ، އިތުރު ފަރާތްތަކަށް ވެކްސިން ޖެހުން ހުއްޓާލައިފިއެވެ.

Ads by Sosun Fihaara

ސްޓެޓް ނިއުސް އިން ވެކްސިން ދޭ ބައެއް ފާމްތަކަށް ޖޯންސަން އެންޑް ޖޯންސަން އިން ފޮނުވާފައިވާ ނޯޓިސްއެއްގައި ބުނެފައި ވަނީ، ވެކްސިން ޖެހި ފަރާތަކަށް "ގޮތް ނޭނގޭ ބައްޔެއް" ޖެހުމުގެ ސަބަބުން ވެކްސިން އިތުރަށް ޖެހުން މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ. އަދި މިއީ ވެކްސިންގެ ސަބަބުން ދިމާވި ކަމެއްތޯ ނުވަތަ ނޫންތޯ ޔަޤީން ކުރުމަށްފަހު ވެކްސިން ޓްރައިލް އަލުން ފަށަން ނިންމާފައިވާ ކަަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ޖޯންސަން އެންޑް ޖޯންސަން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ވެކްސިން ޓްރައިލް މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި ނަމަވެސް ވެކްސިން ޖެހި ފަރާތުގެ އަބުރު ރައްކާތެރި ކުރުމަށް އަދި އިތުރު މަޢުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ސޭފްޓީ ރެގިއުލޭޝަންގެ ދަށުން، ވެކްސިން ޖެހި މީހަކު ބަލި ވެއްޖެނަމަ، އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދެނީ އެއީ ވެކްސިންގެ ސަބަބުން ދިމާވި ކަމެއްތޯ ބެލުމަށް ވެކްސިން ޓްރައިލްގައި މިފަދަ ކަންކަން ދިމާވުމަކީ އާއްމުކަމެއް. މިހާ ބޮޑު އާބާދީއަކަށް ވެކްސިން ޓްރައިލް ދޭއިރު، މިފަދަ ކަންކަން ދިމާވާނެ. މައްސަލައިގެ އެންމެ އަޑިއަށް ދިއުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް، އަޅުގަނޑުމެންގެ އެންމެ ރިސޯސަސްތައް ބޭނުން ކޮށްގެން މިދަނީ ކުރަމުން." ޖޯންސަން އެންޑް ޖޯންސަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ ކުރިން މީހަކު ބަލިވުމުގެ ސަބަބުން އޮކްސްފޯޑް ޔުނިވަރސިޓީ އިން ކުރިޔަށް ދިޔަ ވެކްސިން ޓްރައިލެއް ވެސް ވަނީ މެދު ކަނޑާލާފައެވެ. ނަމަވެސް އޭގެ ހަފްތާއެއް ފަހުން އިނގިރޭސިވިލާތުގައި ވެކްސިން ޓްރައިލް އަލުން ވަނީ ފަށާފައެވެ.

ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހުލީލުތައް ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ ވެކްސިނަކީ އެމެރިކާގައި ތަހުލީލު ކުރަމުންދާ ހަ ވެކްސިންގެ ތެރޭގައި ހިމެނޭ ވެކްސިނެކެވެ. އަދި އެންމެ އުންމީދީ ހަތަރު ވެކްސިންގެ ތެރޭގައި ވެސް ހިމެނޭ ވެކްސިނެކެވެ. ތަހުލީލު ކުރަމުންދާ އެހެން ވެކްސިންތަކާއި ޚިލާފަށް ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިނުގައި ހިމެނެނީ އެންމެ ޑޯޒެކެވެ. އެހެންކަމުން ގިނަ ޑޯޒުތައް ހިމެނޭ ވެކްސިންތަކުގެ ތަހުލީލުތަކަށްވުރެ ޖޮންސަން އެންޑް ޖޮންސަންގެ ތަހުލީލުތައް ނިންމާލެވޭލެއް އަވަސްވާނެކަމަށް ބެލެވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!