މާލެއިން ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ
މާލެއިން ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ފައްސިވި ދިވެއްސެއްގެ(ކޭސް:30) ގެ ޑައިރެކްޓް ކޮންޓެކްޓެވި ބަންގްލަދޭޝް މީހެއްގެ ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ފައްސިވެފައިވާ ކަމަށެވެ.
މިއީ، މާލެއިން މި ބައްޔަށް ފައްސިވި ބާރަވަނަ މީހާއެވެ. އަދި މިއީ ބާލެއިން ބިދޭސީއަކު މި ބައްޔަށް ފައްސިވި ފުރަތަމަ ފަހަރެވެ.
އެޗްޕީއޭއިން ބުނީ މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޭސް 32#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް:30) ގެ ޑައިރެކްޓް ކޮންޓެކްޓެވި ބަންގްލަދޭޝް މީހެއްގެ ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި.
— Health Protection Agency (@HPA_MV) April 18, 2020
މާލެއިން 12 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ފައްސިވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.
އަދި އިއްޔެ ހަވީރު 6:00 އިން ފެށިގެން ޒަރޫރީ ބޭނުމެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގަވާފައެވެ.