ދަރިފުޅު ނަފްސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށްވި ސަބަބު އެނގިފައި ދަރިފުޅުގެ މައިންބަފައިންވެސް ހިތްފަޅައިގެން ދާވަރުވޭ
ސުކޫލަކީ އުނގެނުމުގެ މާހައުލެވެ. ޓީޗަރުންނަކީ ދެވަނަ މަައިންބަފައިން ފަދަ ބައެކެވެ. ރަނގަޅު އަޚްލާގާއި ދިރިއުޅުމުގެ އެކި ކަންކަން ދަސްކޮށްދިނުމުގައި އެ ޓީޗަރުންގެ ދައުރު ވަރަށް ވެސް ބޮޑެވެ. އެހެންނަމަވެސް މި ވާހަކައަކީ އިނގިރޭސި ވިލާތުގައި ކިޔަވަންދާން ފެށި އުމުރުން އެންމެ 5 އަހަރުގެ ކުއްޖަކާއި ދޭތެރޭ އެ ސުކޫކުގެ ޓީޗަރެއް ކަންތައް ކުރުމުގެ ސަބަބުން އެ ކުއްޖާ، ނަފްސާނީ ބަލިމަޑުކަމަށް ވެއްޓުނު ވާހަކައެވެ.
އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ ދެމަފިރިންގެ މި ދަރިފުޅު ސުކޫލަށް ފޮނުވީ ވަރަށް ވެސް ފޮނި އުއްމީދުތަކާއިއެކުއެވެ. ޚުދު އެދަރިފުޅު ވެސް ހުރީ ސުކޫލަށް ދާން ވަރަށް ބޭނުންވެފައެވެ. އައު ރައްޓެހިންނާއި ދިމާވެ އައު މާހައުލެއް ތަސައްވަރު ކޮށްލަން ނުހަނު ބޭނުން ވެފައެވެ. ބޭރުގެ މީޑިއާތަކަށް އެ ދަރިފުޅުގެ މައިންބަފައިން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ދަރިފުޅަކީ އަބަދުވެސް ވަރަށް މަޖާ އަދި އެހާމެ އުފަލުގައި އުޅޭ ކުއްޖެކެވެ. އެހެން ނަމަވެސް ސުކޫލަށް ދާން ފެށިފަހުން އެދަރިފުޅުގެ މިޒާޖަށް ވަރަށް ބޮޑު ތަފާތެއް އައިސްފައި ވާކަމަށް ބުނެފައި ވެއެވެ. އަދި ކޮންމެ ދުވަހަކުވެސް ސުކޫލަށް ނުދާން އެދަރިފުޅު ރޯ ކަމަށް ވެސް އެ ދަރިފުޅުގެ މައިންބަފައިން ބުނެފައި ވެއެވެ.
ދަރިފުޅުގެ އުޅުމަށް މާބޮޑު ބަދަލެއް އައުމުން އެދަރިފުޅުގެ ބައްޕަ އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އަދި ދެން ކަންތައް ކުރީ ވަރަށް ވެސް ތަފާތުކޮށެވެ. ދަރިފުޅުގެ ބޮލުގެ އިސްތަށިގަނޑު އައްސަމުން އެދަރިފުޅަށް ވެސް ނޭނގޭ ގޮތަށް އަޑު ރެކޯޑު ކުރާ ޑިވައިސް އެއް ހަރުކުރީއެވެ. ކޮންމެ ގޮތެއް ވިޔަސް އެ ދަރިފުޅަށް ކުރާ ނޭދެވޭ އަސަރުގެ އެންމެ އަޑީގައިވާ މުލަކީ ކޮބައިކަން އެދަރިފުޅުގެ މައިންބަފައިން ތިބީ ބެލުމަށް ކެތް މަދުވެފައެވެ.
އާންމުގޮތެއްގައި ދަރިފުޅު އަލަށް ސުކޫލަކަށް ދިއުމުން މާހައުލު ބަދަލުވުމުން ވެސް ދުވަސް ކޮޅަކަށް ކުއްޖާގެ އުޅުމަށާއި މިޒާޖަށް ބަދަލު އަންނާނެއެވެ. އެހެން ނަމަވެސް މިއީ އެއަށްވުރެ މާ ބޮޑުކަމެއްކަން އެދަރިފުޅުގެ މައިންބަފައިންނަށް ނަގައިގަނެވުނީއެވެ. ސުކޫލަށް ގޮސް މީގެ ހަގީގަތް ބަލަން ބޭނުން ނުވީ ސުކޫލުގައި ގިނައަދަދެއްގެ ކުޑަ ކުދިން ކިޔަވަމުން ދާތީ މާހައުލަށް އައިބު ކަމެއް އައިސްދާނެތީއެވެ.
ދަރިފުޅު ސުކޫލުން އައުމުން އެ ބައްޕަ އެ ޑިވައިސްގައި ރެކޯޑުވެފައިވާ ހުރިހާ ވާހަކައެއް އަޑުއެހިއެވެ. އެ ރެކޯޑިން އަޑުއެހި މީހަކު ހިތްފަޅައިގެން ދާނެއެވެ. ކުޑަކުޑަ ކުއްޖަކާއި ދިމާލަށް ގޮވާފައި އެވަނީ އަވަގުރާނައެވެ. އެ ކުއްޖާ ނަފްސާނީ ގޮތުން ބިރުގަންނަ ވަރަށް އެހާ ހަޑިކޮށް އެއްޗެހި ގޮވާފައި ހުއްޓެވެ. އެކުއްޖާގެ ހުރި ކޮންމެ އުނި ސިފައަކަށް މަލާމާތްކޮށް ހަނގާ ކޮށްފައި ވެސް އެބަހުއްޓެވެ. ބައްޕަގެ ދެލޯ ކަރުނައިން ފުރިފައިވާ ޙާލުގައި އެބައްޕަ ބޭނުންވީ އެ ދަރިފުޅު އެކަމުން މިންޖު ކޮށްދޭން އެކަންޏެއް ނޫނެވެ.
އެ ނުބައި ޓީޗަރުގެ ހަނގާގެ ޝިކާރައަކަށް ވެފައިވާ އެތައް ހާސް ކުދިން ވެސް އެކަމުން ސަލާމަތް ކުރާށެވެ. އަދި އެކަން އެބައްޕަގެ މިންނެތް މަސައްކަތުން ވެސް ކާމިޔާބެއް ނުވިއެވެ. އެހެން ނަމަވެސް މިކަން މިހާރު ވަނީ އެ ސުކޫލުގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި ނުވިތާކަށް މީޑިއާގެ ސަމާލުކަމަށް ވެސް އެކަން ވަނީ ގެނެސްފައެވެ. މިހާރު އެދަރިފުޅު ވެސް ވަނީ އެހެން ސުކޫލަކަށް ބަދަލު ކޮށްފައެވެ. މިބައްޕަގެ މަސައްކަތަށް ގިނަ އަދަދެއްގެ ބެލެނިވެރިންގެ ތައުރީފު ވެސް ވަނީ ލިބިފައެވެ.