ޑޮލަރުގެ މައްސަލަ ހައްލުކުރަން އެމްއެމްއޭއިން ހަރުދަނާ ފިޔަވަޅުތަކެއް
ބޭންކިންގ ނިޒާމުގައި އިތުރުވެފައިވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ (ދައުރުވާ ފައިސާ) ކޮންޓްރޯލްކޮށް، ޑޮލަރުގެ ތާށިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މަނިޓަރީ ސިޔާސަތު އިތުރަށް ހަރުދަނާކޮށްފިއެވެ.
މި ބަދަލާ އެކު، އަންނަ މަހުން ފެށިގެން ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ރިޒާވްގެ މިންވަރު މަތިކުރުމަށާއި، އޮޕަން މާކެޓް އޮޕަރޭޝަންސް (އޯމޯ) މެދުވެރިކޮށް ބާޒާރުގައި ދައުރުވާ ފައިސާ މަދުކުރުމަށް ވަނީ ނިންމާފައެވެ.
އެމްއާރްއާރް އަށް ގެނައި ބަދަލުތައް
އެމްއެމްއޭގެ ބޯޑުން ނިންމާފައި ވަނީ ރުފިޔާގެ މިނިމަމް ރިޒަވް ރިކުއަރމެންޓް (އެމްއާރްއާރް) %10.5އިން %11.0އަށް އަންނަ މަހުން ފެށިގެން ބޮޑުކުރުމަށެވެ. އަދި މި ބަދަލާ އެކު 2027ވަނަ އަހަރުގެ ތެރޭގައި ކޮންމެ ތިން މަހަކުން އެމްއެމްއޭގެ ބޯޑުން މި ރޭޓް ރިވިއުކުރާނެއެވެ. އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްއާރްއާރް މަޑުމަޑުން މަތިކުރަމުން ގޮސް %13އަށް އެރުވުމަށް ވަނީ ކަނޑައަޅާފައެވެ.
މިއީ ކަސްޓަމަރުން ބޭންކުތަކަށް ޖަމާކުރާ ޑިޕޮސިޓް ފައިސާގެ ތެރެއިން ވަކި ޕަސެންޓެއް، ރިޒާވްއެއްގެ ގޮތުގައި އެމްއެމްއޭގައި ބަހައްޓަން މަޖުބޫރުކުރާ މިންވަރެވެ. މި ފައިސާއަކީ ލޯނު ދޫކުރުމަށާއި އިންވެސްޓްކުރުމަށް ބޭންކުތަކަށް ބޭނުންނުކުރެވޭނެ ފައިސާއެވެ. މިއީ ދުނިޔޭގެ ހުރިހާ ސެންޓްރަލް ބޭންކުތަކުން ވެސް ތިރީގައިވާ ކަންކަން ހާސިލުކުރުމަށް ބޭނުންކުރާ މައިގަނޑު އެއް ވަސީލަތެވެ:
އިގްތިސާދުގައި ދައުރުވާ ފައިސާގެ އަދަދު ކޮންޓްރޯލްކުރުން.
މާލީ ނިޒާމުގެ ހަރުދަނާކަމާއި ރައްކާތެރިކަން ކަށަވަރުކުރުން.
ކްރެޑިޓް (ލޯނު) ދޫކުރާ މިންވަރު މަދުކޮށް، ތަކެތީގެ އަގުތައް އުފުލުން ހިފެހެއްޓުން
އޯޕަން މާކެޓް އޮޕަރޭޝަންސް (އޯމޯ) ފުޅާކުރުން
އިގްތިސާދުގައި އިތުރުވެފައިވާ ރުފިޔާ މަދުކުރުމަށްޓަކައި އެމްއެމްއޭއިން ވަނީ އޯމޯ 10 ބޭސިސް ޕޮއިންޓަށް އިތުރުކުރަން ނިންމާފައެވެ. 2025ވަނަ އަހަރުގެ ޖުލައި މަހު އޯމޯ އަލުން ފެށިފަހުން، 2026ވަނަ އަހަރުގެ ޖުލައިގެ ނިޔަލަށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ބޭންކިންގ ނިޒާމުން ވަނީ ނަގާފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޝޯޓް ޓާމް ލިކުއިޑިޓީ ވަނީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މީގެ ކުރިން 2014ވަނަ އަހަރު އޯމޯ ހިންގުމަށް ފަހު، ދެން މި އޮޕަރޭޝަން ހިންގަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑްކޮށް، ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އޯވަޑްރޯކުރުމުގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން 2020ވަނަ އަހަރާ އަޅާބަލާއިރު އިގްތިސާދުގައި ދައުރުވާ ރުފިޔާގެ މިންވަރު ވަނީ %178 އިތުރުވެފައެވެ.