ތިމާވެށި ޙިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ޖަރުމަނާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ތިމާވެށި ޙިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ޖަރުމަނާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، ޖަރުމަނުގެ ފެޑެރަލް އެންވަޔަރަންމަންޓް މިނިސްޓަރ ކާސްޓެން ޝްނައިޑަރ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ޒިޔާރަތްކުރައްވައިފިއެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ ޝްނައިޑަރ، އިންޑިއާގެ ތިމާވެއްޓާބެހޭ ވަޒީރާއި ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާނެއެވެ. މި ދަތުރުފުޅުގެ އެންމެ ބޮޑު އަމާޒަކީ "ޓުގެދަރ ފޯ މޯ ރެޒިލިއެންސް" (ވިލުންތެރިކަން އިތުރުކުރުމަށް އެކުގައި) ގެ ޝިޢާރުގެ ދަށުން ބާއްވާ 4 ވަނަ އިންޑޯ-ޖާމަން އެންވަޔަރަންމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމެވެ. ވިޔަފާރިވެރިންގެ އިސް ވަފުދަކާއެކު މިނިސްޓަރ ޝްނައިޑަރ ބައިވެރިވެވަޑައިގަންނަވާ މި ފޯރަމް އިފްތިތާޙުކޮށްދެއްވާނީ ދެ ޤައުމުގެ ތިމާވެއްޓާބެހޭ ވަޒީރުން ގުޅިވަޑައިގެންނެވެ.
މިނިސްޓަރ ޝްނައިޑަރ ވިދާޅުވި ގޮތުގައި، ޖަރުމަނާއި ވިލާތުގެ އިއްތިޙާދަށް (އީޔޫ) ވިޔަފާރީގެ ގޮތުން އިންޑިއާގެ މުހިންމުކަން އަންނަނީ އިތުރުވަމުންނެވެ. އަދި ދުނިޔޭގެ ތިމާވެއްޓާއި މޫސުމީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ވެސް އިންޑިއާއަކީ ޖަރުމަނުގެ މުހިންމު ބައިވެރިއެއްކަން އޭނާ ފާހަގަކުރެއްވިއެވެ. "މި އެންވަޔަރަންމަންޓް ފޯރަމްގެ ސަބަބުން އަޅުގަނޑުމެންގެ ގުޅުން އިތުރަށް ބަދަހިވެ، ގުޅިފައިވާ މަސްލަޙަތުތައް ކުރިއެރުވުމަށް މަގުފަހިވާނެ. ޚާއްޞަކޮށް ހަކަތައިގެ ދާއިރާއަށް އަންނަ ބަދަލުތަކުގައި މިއީ ވަރަށް މުހިންމު ކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ. އިންޑިއާގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ބާރަށް ކުރިއަރަމުން އަންނައިރު، އާންމުންނަށް އަގުހެޔޮކޮށް ކަރަންޓު ފޯރުކޮށްދިނުމުގެ ފުރުޞަތު އެބައޮތްކަމަށާއި، ސާފު ޓެކްނޮލޮޖީގެ ދާއިރާގައި ޖަރުމަނުގެ ކުންފުނިތަކަކީ އިސް ސަފުގައި ހަރަކާތްތެރިވާ ކުންފުނިތަކަކަށް ވާތީ، މީގެ ފައިދާ ޖަރުމަނަށްވެސް ކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
2008 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އަންނަ އިންޑޯ-ޖާމަން އެންވަޔަރަންމަންޓް ފޯރަމަކީ ތިމާވެށީގެ ސިޔާސަތުތަކާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި ބޭއްވޭ އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ. މިއީ ޖަރުމަނުގެ ތިމާވެއްޓާބެހޭ ވުޒާރާ (ބީއެމްޔޫކޭއެން) އާއި އިންޑިއާގެ ތިމާވެއްޓާބެހޭ ވުޒާރާ (އެމްއޯއީއެފްސީސީ) ގެ އިތުރުން އޭޝިއާ-ޕެސިފިކް ކޮމިޓީ އޮފް ޖާމަން ބިޒްނަސް (އޭޕީއޭ) އަދި އިންޑިއާގެ ވިޔަފާރި ޖަމިއްޔާތައް ގުޅިގެން އިންތިޒާމުކުރާ ފޯރަމެކެވެ.
މިއަހަރުގެ ފޯރަމްގައި ބައިވެރިވާ 200 މަންދޫބުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ދެމެހެއްޓެނިވި ޓެކްނޮލޮޖީ، ދެމެހެއްޓެނިވި މާލީ ނިޒާމު، ބަޔޯޑައިވަރސިޓީ، ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުން، ސަރކިއުލަރ އިކޮނޮމީ އަދި އިންވެސްޓްމަންޓްތައް ހޯދުމާ ގުޅޭގޮތުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޖަރުމަނުން ބޭރުގައި ހުންނަ އެ ޤައުމުގެ ޗެމްބަރސް އޮފް ކޮމާސް (އޭއެޗްކޭ) ގެ އެންމެ ބޮޑު މަރުކަޒު ހުންނަނީ އިންޑިއާގައެވެ. އަދި އިންޑިއާގައި ޖަރުމަނުގެ 2,000 އެއްހާ ކުންފުނި ހަރަކާތްތެރިވާއިރު، އޭގެ ތެރެއިން 700 ވަރަކަށް ކުންފުނިން ދަނީ އިންޑިއާގައި އުފެއްދުންތެރިކަމުގެ މަސައްކަތްތައް ކުރަމުންނެވެ.