ދުނިޔެ

ރަޝިއާގެ ވިޔަފާރީގެ މައި ނާރަށް އިންޑިއާ ވެގެންދިޔަ ގޮތް

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދުނިޔޭގެ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަމާ އެކުވެސް، އިންޑިއާއާއި ރަޝިއާއިން ދަނީ އެ ދެ ގައުމުގެ އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރަމުންނެވެ.

ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން މި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ވަނީ އިންތިހާއަށް ފުޅާވެފައެވެ. މީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ރަޝިއާއިން ބޭރުކުރާ ތެލުގެ ބާވަތްތަކުން ކަމަށްވީ ނަމަވެސް، މިހާރު ތަފާތު އެހެނިހެން މުދާތަކާއި ފައިސާ ދެއްކުމުގެ އައު ނިޒާމުތަކުގެ ސަބަބުން މި ވިޔަފާރިއަށް ދަނީ އިތުރު ކުރިއެރުންތަކެއް ލިބެމުންނެވެ.

ދެ ގައުމުން ވެސް މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށާއި، ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާއިރު، މި ގުޅުން މިހާރު ވަނީ ކުރިން އޮތް އަސްކަރީ އަދި ދިފާއީ ދާއިރާގެ އިމުން ބޭރަށް ގޮސްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށާއި ހަކަތައިގެ ބާޒާރަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.