ދުނިޔެ

އިންޑިއާއާއި ސައުތު އެފްރިކާގެ އިޤްތިޞާދީ ގުޅުމުގެ އައު ބާބެއް ފެށުމަށް ސައުތު އެފްރިކާގެ ރައީސް ގޮވާލައްވައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ބްރިކްސް ސަމިޓުގެ ހަވާސާގައި ނިއުދިއްލީގައި ހޮނިހިރު ދުވަހު ބޭއްވި ސައުތު އެފްރިކާ-އިންޑިއާ ރައުންޑްޓޭބަލް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، އިންވެސްޓްމަންޓާއި، ވިޔަފާރިއާއި، ސިނާއީ ތަރައްޤީގެ އިތުރުން ދެމެހެއްޓެނިވި ކުރިއެރުމުގެ ދާއިރާއިން ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު ފުރުޞަތުތަކެއް އެބައޮތްކަމަށް ސައުތު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވިދާޅުވެއްޖެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުމުގެ އައު ބާބެއް ފެށުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ރަމަފޯސާ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައިވާ އިޤްތިޞާދީ ގުޅުމުގެ އައު މަރުޙަލާއަކަށް ސައުތު އެފްރިކާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި ސިޔާސަތުތަކާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތައް، ފައިދާހުރި ވިޔަފާރީގެ މަޝްރޫޢުތަކަކަށާއި ދިގު މުއްދަތުގެ އިންވެސްޓްމަންޓްތަކަކަށް ބަދަލުކުރުމަށްޓަކައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ނިއުދިއްލީގައި މި ހަފުތާބަންދުގައި ކުރިއަށްދާ މި ސަމިޓުގައި ޗައިނާ، ރަޝިޔާ އަދި އީރާނުގެ ރައީސުންނާއި އެހެނިހެން ޤައުމުތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މި ސަމިޓު ބާއްވާފައި މިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމައަށް ހަތް މަސްވެ، ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ދިގުލައިގެންގޮސް ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާއިން ބްރިކްސްގެ ރިޔާސަތު ބަލަހައްޓާ މުއްދަތު ހަމަވުމުން، އަންނަ އަހަރު މި ޖަމާޢަތުގެ ރިޔާސަތާ ހަވާލުވާނީ ޗައިނާއިންނެވެ.

ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ މުހިންމު ދާއިރާތަކުގެ ގޮތުގައި ރައީސް ރަމަފޯސާ ފާހަގަކުރެއްވީ އިއާދަކުރަނިވި ހަކަތައާއި، ގްރީން ހައިޑްރޮޖެން އާއި، ކްރިޓިކަލް މިނަރަލްސްއާއި، އުމްރާނީ ތަރައްޤީއާއި، ދަނޑުވެރިކަމުގެ އިތުރުން ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއެވެ. އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސައުތު އެފްރިކާގެ މަޢުދަންތަކުގެ މުއްސަނދިކަމާއި އިންޑިއާގެ އުފެއްދުންތެރިކަމުގެ ޤާބިލުކަން ގުޅިގެން، އިލެކްޓްރިކް ވެހިކަލްއާއި ބެޓެރީ ފަދަ އުފެއްދުންތައް ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން، ސައުތު އެފްރިކާގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގައި އިންވެސްޓްކުރުމަށް އިންޑިއާގެ ކުންފުނިތަކަށް ރަމަފޯސާ ހިތްވަރުދެއްވިއެވެ. އެގޮތުން، 100 ބިލިއަން ޑޮލަރަށްވުރެ އަގުބޮޑު، 195 ސްޓްރެޓީޖިކް އިންޓަގްރޭޓެޑް މަޝްރޫޢުތަކެއް އެ ޤައުމުން ކަނޑައަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމުތަކާއި، އިއާދަކުރަނިވި ހަކަތައިގެ ޕްލާންޓްތަކާއި، ފެނުގެ ވަސީލަތްތަކުގެ އިތުރުން ހޮސްޕިޓަލްތައް ހިމެނެއެވެ.

ޑިޖިޓަލް އިޤްތިޞާދުގެ ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އިންޑިއާގެ ވިޔަފާރި ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ 'އަޓެއިން' އިން ކޭޕް ޓައުންގައި ޤާއިމުކުރި އައު ސައިޓުގެ މިސާލު އެމަނިކުފާނު ނެންގެވިއެވެ. މިތަނުގެ ސަބަބުން، ވަޒީފާ އަދާކުރާ ސައުތު އެފްރިކާގެ ޒުވާނުންގެ އަދަދު 1,500 އިން 2,000 އަށްވުރެ މައްޗަށް އިތުރުވެގެންދާނެކަމަށް ލަފާކުރެވެއެވެ.

ހަމައެއާއެކު، ޔުނިވަރސިޓީތަކާއި، ތަޙުޤީޤުކުރާ މުއައްސަސާތަކާއި، ހުނަރު ތަރައްޤީކުރާ ޖަމާޢަތްތަކުގެ އިތުރުން ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

"ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ބަދަހިކަން މިންކުރެވެނީ އަޅުގަނޑުމެން ސޮއިކުރާ އެއްބަސްވުންތަކަކުން ނޫން، އެކަމަކު އޭގެ ސަބަބުން އަޅުގަނޑުމެންނަށް ޙާޞިލުކުރެވޭ ނަތީޖާއިން،" ރައީސް ރަމަފޯސާ ވިދާޅުވިއެވެ.