ވިޔަފާރި

ކޮޅުފުށީ ކައުންސިލްގެ އޮޑިޓް؛ ޝަތުރު ހަމަނުވާ 12 ފަރާތަތަކަށް ބިންތަކެއް

ފާތިމަތު އަފްނާން ، ދެން އޮންލައިން
މ.ކޮޅުފުށި

މުލަކަތޮޅު ކޮޅުފުށީ ކައުންސިލުން، އިންވެސްޓްކުރާނެ މާލީ ގާބިލުކަން ސާބިތުކޮށްދީފައި ނުވާ އަދި ޝަރުތު ފުރިހަމަނުވާ ދެ ފަރާތަކަށް 12 ބިމެއް ކުއްޔަށް ދޫކޮށްފައިވާކަން 2024ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ކޮޅުފުށީ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލުން ދޫކުރުމަށް އިޢުލާންކުރި 5,000 އަކަފޫޓުގެ 12 ބިން ދޫކޮށްފައި ވަނީ އިންވެސްޓްމަންޓްގެ މަދުވެގެން 20 އިންސައްތައާ އެއްވަރުގެ ރައުސްމާލު (ކެޕިޓަލް ނުވަތަ އިކުއިޓީ) ހުރިކަމުގެ ލިޔެކިޔުން ހުށަހެޅުމަށް ޝަރުތުކުރުމަށްފަހުގައެވެ.

ނަމަވެސް ބިން ކުއްޔަށް ދޫކޮށްފައިވާ ފުރަތަމަ ފަރާތުން 25 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކުރަން ހުށަހަޅާފައިވާއިރު، 20 އިންސައްތައިގެ ގޮތުގައި ބޭނުންވާ 5 މިލިއަން ރުފިޔާގެ ބަދަލުގައި އެ ފަރާތުން ހުށަހެޅި ބޭންކް ސްޓޭޓްމަންޓުގައި ހުރީ އެންމެ 112,282 ރުފިޔާއެވެ. ފައިސާ ހުރިކަމުގެ ޝަރުތު ފުރިހަމަ ނުވި ނަމަވެސް އެ ފަރާތަށް ވަނީ 2 ބިން ދޫކޮށްފައެވެ.

މި އޮޑިޓުގައިވާ ގޮތުން ދެވަނަ ފަރާތުން 125 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ހުށަހަޅާފައިވާއިރު، 20 އިންސައްތައިގެ ގޮތުގައި 25 މިލިއަން ރުފިޔާ ހުރިކަން ސާބިތުކޮށްދޭން ޖެހެއެވެ. އެހެންނަމަވެސް ފައިސާ ހުރިކަމުގެ އެއްވެސް ލިޔުމެއް އެ ފަރާތުން ހުށަހަޅާފައި ނުވެއެވެ. އޭގެ ބަދަލުގައި ހުށަހަޅާފައި ވަނީ ކްރެޑިޓް ފެސިލިޓީއަކީ އަމިއްލަ ވިޔަފާރިއެއްކަމަށް ބަޔާންކޮށްފައިވާ ސިޓީއެކެވެ. މި ފަރާތަށް ކައުންސިލުން ވަނީ 10 ބިން ކުއްޔަށް ދޫކޮށްފައެވެ.

މިކަމާ ގުޅިގެން، ބީލަންތައް އިވެލުއޭޓްކުރުމަށް ބަޔާންކޮށްފައިވާ ކްރައިޓީރިއާއާ އެއްގޮތަށް ބީލަންތައް އިވެލުއޭޓްކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ކޮޅުފުށީ ކައުންސިލަށް އަންގަވާފައެވެ.