ސިޔާސީ

ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ އަންހެނުންގެ ގޮނޑިއަށް އެންމެ ގިނަ ވޯޓް ޝިއުނާއަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން، ޕާޓީގެ މެންބަރުންގެ މަޖިލީހުގައި އަންހެން ބޭފުޅުންނަށް ހާއްސަކޮށްފައިވާ ދިހަ ގޮނޑިއަށް މިއަދު ބޭފުޅުން އިންތިހާބުކޮށްފިއެވެ.

ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިހާބުގައި އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯއްދެވީ 931 މަންދޫބުންގެ ތާއީދު ހޯއްދެވި މަރްޔަމް ޝިއުނާއެވެ. އޭނާގެ އިތުރުން ދެން މި ގޮނޑިތަކަށް ހޮވިވަޑައިގަތީ ޝެރީން އަބްދުއްސަމަދު، އާއިޝަތު މުހައްމަދު، ފާތިމަތު ރުހުސާނާ، ފާތިމަތު މިޒުނާ، ފާތިމަތު މުހައްމަދު، އާސިޔަތު ރިޔާސާ، އާމިނަތު ނަމްޒާ، އާމިނަތު ޝުހުދާ އަދި މަރިޔަމް ސާމިޔާއެވެ.

އިއްޔެ ފެށިގެން ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުގެ ހަރަކާތްތަކުގެ ތެރެއިން ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން، ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ހަ ބޭފުޅަކު މިހާރު ވަނީ އިންތިހާބުކޮށްފައެވެ. މީގެ އިތުރުން އަންހެނުންގެ ފަދައިން ޒުވާނުންނަށް ވެސް މެންބަރުންގެ މަޖިލީހުގައި ވަކި އަދަދަކަށް ގޮނޑި ވަނީ ހާއްސަކޮށްފައެވެ.

ވަކި ޖިންސަކަށް ނުވަތަ އުމުރަކަށް ބެލުމެއްނެތި އާންމުކޮށް ހުޅުވާލައިގެން މެންބަރުންގެ މަޖިލީހަށް 18 ބޭފުޅަކު ހޮވުމަށް ވެސް ވަނީ ނިންމާފައެވެ. އެންމެންނަށް ވެސް ވާދަކުރެވޭ ގޮތަށް ފުރުސަތު ދީފައިވާ މި 18 ގޮނޑިއަށް ހަތްދިހައަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ކުރިމަތިލައްވާފައެވެ.