2033ގެ ނިޔަލަށް އަހަރަކު 5 މިލިއަން ފަތުރުވެރިން އަންނާނެ މަގު ފަހިކުރާނަން: ރައީސް
2033ވަނަ އަހަރާ ހަމައަށްދާއިރު އަހަރަކު 5 މިލިއަން މީހުން ޒިޔާރަތްކުރާ މަންޒިލަކަށް ރާއްޖެ ހެދުމުގެ ބިޔަ އަމާޒު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ ޓޫރިޒަމް ސިނާއަތް އެކި ގޮތްގޮތުން ފުޅާކޮށް، ސިންދަފާތުކުރުމަށްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، މި ގެނެވޭ ބަދަލުތަކާ އެކު ރާއްޖެ އަންނަ މެހެމާނުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން އުމްރާނީ ތަރައްގީގެ އައު މަޝްރޫއުތަކާއި، އަލަށް ހުޅުވޭ ރިސޯޓުތަކުގެ އެހީގައި، ސަރުކާރާއި ވެރިކަންކުރާ ޕާޓީގެ ސިޔާސަތުތަކުގެ ތެރެއިން މި ލަނޑުދަނޑި ހާސިލުކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރިތާ 55 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން، އަންނަ އަހަރަކީ 'ވިޒިޓް މޯލްޑިވްސް އިޔަރ' ނުވަތަ ފަތުރުވެރިކަމުގެ ހާއްސަ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް ދައުލަތުން ވަނީ ނިންމަވާފައެވެ. މިއީ ވެސް މި ސިނާއަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސް، އަމާޒަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ރިކޯޑުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް 1.48 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މެދުއިރުމަތީގެ ހަނގުރާމަތަކާއި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން އަހަރުގެ ކުރީކޮޅު ފަތުރުވެރިން އައި މިންވަރަށް ކުޑަ ހީނަރުކަމެއް އައި ނަމަވެސް، އައު މާކެޓުތައް ހޯދުމާއި ބައިނަލްއަގުވާމީ އެއާލައިންތަކުގެ ދަތުރުތައް އިތުރުކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާ އެކު، މިހާރު މި ދާއިރާއަށް ވަނީ އައު ދިރުމެއް ލިބިފައިކަމަށް ކަމާބެހޭ މާހިރުން ވެސް ގަބޫލުކުރައްވައެވެ.