ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ
ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އޭވިއޭޝަން ކުންފުނި ކަމަށްވާ އެސްސެވަން އެއާލައިންސްއިން އަންނަ މަހުގެ 30ވަނަ ދުވަހު އެ ޤައުމުގެ ނޯވޯސިބިއެސްކް ސިޓީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މައުލޫމާތު ދެއްވާ ގޮތުގައި، އެއާބަސް އޭ320 މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން ހަފުތާއަކު ދެ ދުވަހު (ހޯމަ އަދި ހުކުރު ދުވަހު) މި ދަތުރުތައް ބާއްވާނެއެވެ. މިއީ މޮސްކޯގެ ބޭރުން ރަޝިޔާގެ އެހެން ސަރަހައްދަކުން ދިވެހިރާއްޖެއަށް ސީދާ އުދުހުންތައް ފަށާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި އާ ރޫޓާ އެކު ފަތުރުވެރިންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން، ރަޝިޔާގެ މަޝްހޫރު ޓްރެވަލް އޭޖެންސީ "ޓެޒް ޓުއާ"އިން ވަނީ ހާއްސަ ޕްރޮމޯޝަންތަކެއް ވެސް ތައާރަފުކޮށްފައެވެ. އެގޮތުން، ދުރާލާ ހޮޓާ ބުކްކުރާ ފަރާތްތަކަށް ހުރުމުގެ ހަރަދުން ފަންސާސް އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.
އެސްސެވަންގެ މި ދަތުރުތަކަކީ، ސިވިލް އޭވިއޭޝަން އަދި ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ދާދި ފަހުން ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހެޔޮ ނަތީޖާއެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ. މީގެ އިތުރުން، މި އަހަރުގެ އެންމެ ފަހު ކުއާޓަރުގެ ތެރޭގައި އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް އާ ދަތުރުތައް ފަށާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރަޝިޔާއަކީ ދެވަނައަށް އެންމެ މުހިންމު މާކެޓެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އެ ޤައުމުން 222،796 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް އައި މުޅި ޖުމްލަ ފަތުރުވެރިންގެ 14.7 އިންސައްތައެވެ.