ރަސްމާލޭގެ ބިމުން އިންޗިއެއް ވެސް ބޭރުގެ ބަޔަކަށް ވިއްކާފައި ނުވާނެ: މާލީ ވަޒީރު
އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރައްދުދެއްވައި، އަބޫދާބީގެ 'އީގަލް ހިލްސް'އިން ރަސްމާލޭގައި ހިންގާ 308 ބިލިއަން ރުފިޔާގެ މަޝްރޫޢަށް ދިން ބިމަކީ ވިއްކާލި ތަނެއް ނޫންކަމާއި، އެއީ ކުއްޔަށް ދޫކުރި ބިމެއްކަން މާލީ ވަޒީރު ޙަސަން ޒަރީރު ކަށަވަރުކޮށްދެއްވައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ވެސް އާންމުކޮށް ބިންތައް ދޫކުރާ އުސޫލުން، 20 ބިލިއަން ޑޮލަރުގެ މި ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢަށް އީގަލް ހިލްސްއަށް ބިން ހަވާލުކޮށްފައި ވަނީ 99 އަހަރުގެ މުއްދަތަކަށެވެ. ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ބިމުން ކުޑަ މިންވަރެއްވެސް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ނުދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. އެހެންކަމުން، މި ބިޔަ އިންވެސްޓްމަންޓުގެ ސަބަބުން ދިވެހިންގެ ބިމުގެ މިލްކުވެރިކަމަށް އެއްވެސް ބަދަލެއް ނާންނާނެކަމާއި، މި މަޝްރޫޢުގެ ދަށުން ބިނާކުރެވޭ ޝަހަރުގެ ޙަޤީޤީ ވެރިންނަކީ ދިވެހި ރައްޔިތުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަފާތު ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ބޮޑު މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން، 54،000 އަށްވުރެ ގިނަ އައު ވަޒީފާ އުފެދި، މަޝްރޫޢު އެއްކޮށް ފުރިހަމަވުމުން އަހަރެއްގެ މައްޗަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަލަށް ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއަށް އަހަރަކު 2 ބިލިއަން ޑޮލަރު އިތުރުވެގެންދާނެއެވެ.
މި މަޝްރޫޢު ހިނގަމުންދާ މުއްދަތުގެ ތެރޭގައި ޖުމްލަ 30 ބިލިއަން ޑޮލަރަށްވުރެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ވަންނާނެކަމަށް އަންދާޒާކުރެވެއެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު މި އިންވެސްޓްމަންޓަކީ، ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތައް ސިންދަފާތުކޮށް، ބޭރުގެ ބޮޑެތި ކުންފުނިތަކުގެ އިތުބާރު ރާއްޖެއަށް ހޯދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ވަރަށް ކާމިޔާބު ނަތީޖާއެއްކަމަށް ސަރުކާރުން ދެކެއެވެ. މިފަދަ ބޮޑު ކާމިޔާބީއެއްގެ ޙަޤީޤަތް އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން ދޮގު މަޢުލޫމާތު ފަތުރަމުންދާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.