20 ބިލިއަން ޑޮލަރުގެ ބިޔަ ވޯޓަރފްރަންޓް މަޝްރޫޢަށް ރައީސް ނަޝީދުގެ ތައުރީފް
ދިވެހިރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމުގެ މަޤުޞަދުގައި، އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކުރި 20 ބިލިއަން އެމެރިކާ ޑޮލަރުގެ "ދަ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފިއެވެ.
މި ބިޔަ މަޝްރޫޢާ ގުޅޭގޮތުން އެކްސްގައި ޚިޔާލުފާޅުކުރައްވަމުން ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލޭގައި މިފަދަ ތަރައްޤީގެ މަސައްކަތެއް ކުރުމަކީ ނުހަނު މޮޅު ވިސްނުމެކެވެ. މީގެ އިތުރުން، ދައުލަތުގެ ދަރަނިތައް ޚަލާޞްކުރުމަށްޓަކައި ވަގުތުން ފައިސާ ލިބޭނެ މަގުތައް ހޯދުމުގެ ގޮތުން ސަރުކާރުގެ މުދާ ވިއްކާލައި، ޕްރައިވަޓައިޒް ކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ. އެހެންނަމަވެސް، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތާ މުޅިން ޚިލާފު ގޮތެކެވެ. ރައީސް މުޢިއްޒުގެ އަމާޒަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ނަމުގައި ރައްޔިތުންގެ ހަރުމުދާ ވިއްކާލުމުގެ ބަދަލުގައި، ނަޝީދުގެ ވެރިކަމުގައި ގެއްލިފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިލްކުވެރިކަން އަލުން އަނބުރާ ދިވެހިންނަށް ހޯދައިދިނުމެވެ. މިފަހަރުގެ މި އެއްބަސްވުމަކީ ނަޝީދުގެ ވެރިކަމުގައި ހިންގި ފަދަ ދައުލަތުގެ މުދާ ވިއްކާލުމުގެ މުޢާމަލާތެއް ނޫންކަން ވެސް ފާހަގަކޮށްލެވެއެވެ.
"ދަ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" އަކީ ދުނިޔޭގެ ފެންވަރުގެ މަތީ ގިންތީގެ ޚިދުމަތްތައް ހިމެނޭހެން ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް މަޝްރޫޢެކެވެ. މީގެ ތެރޭގައި އެންމެ ޒަމާނީ މެރީނާތަކާއި، ބްރޭންޑެޑް ރެޒިޑެންސްތަކާއި، ފެންވަރު ރަނގަޅު ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރުން، ވެލްނަސް ސެންޓަރުތަކާއި ވިޔަފާރި ކުރާނެ ތަންތަން ޤާއިމުކުރެވޭނެއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވާ އީގަލް ހިލްސްއަކީ ދުބާއީގެ މަޝްހޫރު ބުރުޖު ޚަލީފާ ބިނާކުރި އެމާރ ޕްރޮޕަޓީސްގެ ބާނީ މުޙައްމަދު އަލާ އައްބާރުގެ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ބިޔަ އެތައް މަޝްރޫޢެއް ކާމިޔާބުކަމާ އެކު ހިންގަމުންނެވެ.
ތަފާތު ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް 54،000 އަށްވުރެ ގިނަ އައު ފުރުޞަތު ހުޅުވިގެންދާނެކަމަށް ލަފާކުރެވެއެވެ. މުޅި މަޝްރޫޢު އެއްކޮށް ނިމުމުން، ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބި، އަހަރަކު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިލިއަނަކަށްވުރެ އިތުރުވެ، ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ޤައުމަށް ވަންނާނެއެވެ. އަދި މި މަޝްރޫޢުގެ މުޅި މުއްދަތުގެ ތެރޭގައި 30 ބިލިއަން ޑޮލަރަށްވުރެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ލިބިގެންދާނެކަމަށް އަންދާޒާކުރެވެއެވެ. މިއީ ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކޮށް، އެހެން ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ހަމައެއާ އެކު، މާލޭގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް އެޅުމަށް ދުބާއީގެ އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ އެކު ދާދިފަހުން ވަނީ މަސައްކަތް ފަށާފައެވެ.