ސަރުކާރު

ސަޢުދީގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

ސަޢުދީ އަރަބިއްޔާގައި ފާހަގަކުރަމުންދާ އެ ޤައުމުގެ 96ވަނަ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަޢުދީގެ ރަސްގެފާނަށާއި ވަލީއަހުދުގެ އިތުރުން އެ ޤައުމުގެ ރައްޔިތުންނަށް ހޫނު މަރުޙަބާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ސަޢުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށާއި، ބޮޑުވަޒީރު އަދި ވަލީއަހުދު އަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހިރާއްޖެއާއި ސަޢުދީއާ ދެމެދު އޮތް ޒަމާންވީ އިސްލާމީ އުޚުއްވަތްތެރިކަމުގެ މަތިވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

ރާއްޖޭގެ ތަރައްޤީގެ އެކި މަރުޙަލާތަކުގައި، ޚާއްޞަކޮށް އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ސަޢުދީ ސަރުކާރުން މެދުކެނޑުމެއްނެތި ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި، ރައީސް ޑރ. މުޢިއްޒު ވަނީ އެކަމަށްޓަކައި ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.

ކުރިމަގުގައި މި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްކަމާއި އެއްބާރުލުން އިތުރު ހަރުފަތަކަށް ކުރިއަރައިގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މި މެސެޖު ނިންމަވާލައްވާފައި ވަނީ، ސަޢުދީ އަރަބިއްޔާގެ ރަސްކަން ދެމިއޮތުމަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ފާގަތިކަމާއި އަމާންކަން މިންވަރުކުރެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާކުރައްވަމުންނެވެ.