އިންޑިއާގެ ސެމިކޮންޑަކްޓަރ ސިނާޢަތަށް ބޮޑު ކުރިއެރުމެއް، ސިންގަޕޫރުގެ ކުންފުނިތަކުގެ ޝައުގުވެރިކަން އިތުރުވަނީ
އިންޑިއާގެ ސެމިކޮންޑަކްޓަރ މާކެޓު ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު، 2035 ވަނަ އަހަރާ ހަމައަށް 200 ބިލިއަން އެމެރިކާ ޑޮލަރަށް މި ސިނާޢަތް ފުޅާވާނެކަމަށް ލަފާކުރެވެއެވެ. މިކަމާއެކު ސިންގަޕޫރުގެ ތަޖުރިބާކާރު ކުންފުނިތަކުން އަންނަނީ އިންޑިއާގައި އިންވެސްޓްކޮށް ވިޔަފާރި ފުޅާކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ސެމިކޮންޑަކްޓަރ ސިނާޢަތުގައި ގާތްގަނޑަކަށް 40 އަހަރު ވަންދެން މަސައްކަތްކުރުމަށްފަހު، އުމުރުން 64 އަހަރުގެ ސާބޫ މުޙައްމަދު އައްޔޫބު 2024 ވަނަ އަހަރު ރިޓަޔަރކުރީ އަރާމުކޮށްލުމުގެ ނިޔަތުގައެވެ. އިންޑިއާއަށް އުފަން، ސިންގަޕޫރުގެ ރައްޔިތެއްކަމަށްވާ އައްޔޫބު ބުނިގޮތުގައި އޭނާ ހުރީ "ކައިގެން ނިދާލައިގެން" އުފަލުގައި ވަގުތު ހޭދަކުރާށެވެ. ނަމަވެސް ސެމިކޮންޑަކްޓަރ ސާމާނު އުފައްދާ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ 'ޑޫ ޔީ އެންޓަރޕްރައިސަސް' އިން އިންޑިއާގައި ހިންގާ އޮޕަރޭޝަންތަކާ ހަވާލުވުމަށް އޭނާއަށް ލިބުނު ފޯނުކޯލަކާއެކު އެކަން ބަދަލުވިއެވެ.
ފުރަތަމަ ފަސްޖެހުނު ނަމަވެސް، މަސައްކަތްކުރަން ޖެހެނީ އޭނާ އުފަންވި ސްޓޭޓްކަމަށްވާ ޓަމިލް ނާޑޫގެ ކުއްޑަލޫރް ސަރަޙައްދުގައި ކަމަށްވުމުން އޭނާ އެ ފުރުސަތުގެ ބޭނުން ހިފިއެވެ. "އަމިއްލަ ރަށުގައި މި ޗެލެންޖާ ކުރިމަތިލާންވީ ނޫންހޭ ހިތަށްއެރި،" ޑިސެމްބަރ 2025 ގައި އަންބިމީހާއާއެކު ޓަމިލް ނާޑޫގެ ވެރިރަށް ޗެންނާއީއަށް ބަދަލުވި އައްޔޫބު ބުންޏެވެ. އޭނާ ދެކޭގޮތުގައި ޑޫ ޔީ އަށް އިންޑިއާގައި ކުރިއަރައިދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އައްޔޫބަކީ ދާދިފަހުން ނިއު ދިއްލީގައި ބޭއްވި 'ސެމިކޯން އިންޑިއާ 2026' ގައި ބައިވެރިވި ސިންގަޕޫރުގެ ގިނަ މަންދޫބުންގެ ތެރެއިން އެކަކެވެ. މިއީ އިންޑިއާގެ ސެމިކޮންޑަކްޓަރ ސިނާޢަތަށް ޚާއްޞަކޮށްގެން ބޭއްވި ތިންވަނަ ބޮޑު ސަމިޓެވެ. މިހާރު 64 ބިލިއަން ޑޮލަރުގައި އޮތް މި މާކެޓު 2035 ވަނަ އަހަރާ ހަމައަށް 200 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ދާނެކަމަށް ލަފާކުރެވޭއިރު، އިންޑިއާގެ އަމާޒަކީ ސަޕްލައި ޗެއިން އަމިއްލަ ގައުމުގައި ގާއިމުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމެވެ.
އިންޑިއާގެ އިލެކްޓްރޯނިކްސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރ އަޝްވިނީ ވައިޝްނޯ ވަނީ، އިންޑިއާގައި އުފައްދާ ފުރަތަމަ ސެމިކޮންޑަކްޓަރ ވޭފަރ އޭނާގެ އޮފީހުގެ ފާރުގައި ހުރި ހުސްތަނެއްގައި ބަހައްޓަވާނެކަމަށް ވިދާޅުވެފައެވެ. މި ދަތުރުގައި ބޭރުގެ ކުންފުނިތަކުގެ ދައުރު ބޮޑެވެ. ސިންގަޕޫރު ސެމިކޮންޑަކްޓަރ އިންޑަސްޓްރީ އެސޯސިއޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ އަންގް ވީ ސެންގް ވިދާޅުވިގޮތުގައި، 1968 އިން ފެށިގެން ސިންގަޕޫރުން ވަނީ މި ދާއިރާގައި ފުރިހަމަ އީކޯސިސްޓަމެއް ބިނާކޮށްފައެވެ. އަދި އެ ތަޖުރިބާ އިންޑިއާއަށް ފޯރުކޮށްދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
2026 ވަނަ އަހަރުގެ ސަމިޓުގައި ސިންގަޕޫރުގެ 27 ކުންފުންޏަކުން ބައިވެރިވިއެވެ. މިއީ 2024 ވަނަ އަހަރު ބައިވެރިވި 10 ކުންފުންޏާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. 2024 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގެ ކުންފުނިތަކުން ވަނީ އިންޑިއާގައި 180 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓްތައް ހޯދާފައެވެ. އަދި 20 މިލިއަން ޑޮލަރު އިންވެސްޓްކޮށް، 300 އަށްވުރެ ގިނަ ވަޒީފާ ވަނީ އުފައްދާފައެވެ. މީގެ ތެރޭގައި ޓާޓާ އިލެކްޓްރޯނިކްސް އާއި ޓައިވާންގެ ޕަވަރޗިޕް ގުޅިގެން ގުޖުރާތުގެ ދޯލޭރާގައި 11 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު ބިނާކުރާ ޕްލާންޓް (2028 ގައި ހުޅުވޭނެ) އަދި އެމެރިކާގެ މައިކްރޯން ޓެކްނޮލޮޖީން ގުޖުރާތުގެ ސާނަންދުގައި 2.75 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ ޕްލާންޓް (2026 ގައި އުފެއްދުން ފެށި) ހިމެނެއެވެ.
އެންޓަރޕްރައިސް ސިންގަޕޫރުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޓެން ސޫން ކިމް ވިދާޅުވީ އިންޑިއާގެ ހަލުވި ކުރިއެރުމުގެ ސަބަބުން އެ ގައުމާއެކު މަސައްކަތްކުރަން ޝައުގުވެރިވާ ކަމަށެވެ. އިންޑަސްޓްރިއަލް ވިޝަން ޓެކްނޮލޮޖީ (އައިވީޓީ) އަދި ޗޭސަން ހޯލްޑިންގްސް ފަދަ ކުންފުނިތަކުން އިންޑިއާ މާކެޓަށް ވަންނަނީ ހަމައެކަނި ފައިދާއަކަށް ނޫނެވެ. ޗައިނާ އަދި ޓައިވާން ފަދަ މާކެޓުތަކަށް ބަރޯސާވުން ކުޑަކުރުމަކީވެސް އެފަރާތްތަކުގެ މަގުސަދެކެވެ.
ސިންގަޕޫރުގެ ސްޕެކްމެކްސް ޓެކްނޯ އަކީ މީގެ ރަނގަޅު މިސާލެކެވެ. 2024 ގައި 100 މިލިއަން ރުޕީސްގެ ވިޔަފާރިއަކާއެކު ފެށި މި ކުންފުނީގެ ވިޔަފާރި މިހާރު ވަނީ 1 ބިލިއަން ރުޕީސް ފަހަނައަޅާފައެވެ. ކުންފުނީގެ އޮޕަރޭޝަން މެނޭޖަރ ޑރ. އެމް ގޯޕިނާތު ވިދާޅުވީ، ޓައިވާނުން ބައެއް ސާމާނު ގެނައުމަށް 18 ހަފްތާ ނަގާތީ މަޝްރޫޢުތައް ލަސްވާކަމަށެވެ. މިކަމަށް ހައްލެއްގެ ގޮތުން، އެ ކުންފުނިން އަންނަނީ 2 ބިލިއަން ރުޕީސް އިންވެސްޓްކޮށްގެން ޓަމިލް ނާޑޫގެ ޓިންޑިވަނަމްގައި އަމިއްލަ ފެކްޓަރީއެއް އަޅަމުންނެވެ. ޖޫން 2027 ގައި އުފައްދަން ފަށާ މި ތަނުގައި ތަމްރީނު މަރުކަޒެއްވެސް ހުންނާނެއެވެ. އަދި 2030 ގެ ކުރިން ބެންގަލޫރު ކައިރީގައި ފެބްރިކޭޝަން ޕްލާންޓެއް އެޅުމަށްވެސް ވަނީ އަމާޒުހިފާފައެވެ.
50 އަށްވުރެ ގިނަ ގައުމުން 40،000 މީހުން ޒިޔާރަތްކުރި ސެމިކޯން އިންޑިއާ ސަމިޓުގައި އިންޑިއާގެ ކުރިމަގާމެދު އޮތް އުންމީދު ފެނިގެންދިޔައެވެ. އިންޑިއާ ސަރުކާރުން ޑިސެމްބަރ 2021 ގައި ފެށި 'ސެމިކޯން 1.0' ގެ ދަށުން ހުއްދަދިން 12 މަޝްރޫޢުގެ ތެރެއިން 5 މަޝްރޫޢެއްގައި މިހާރު ވަނީ އުފައްދަން ފަށާފައެވެ. އަދި ޖުލައި މަހު ފާސްކުރި 1.27 ޓްރިލިއަން ރުޕީސްގެ ބަޖެޓެއް އޮތް 'ސެމިކޯން 2.0' ގެ ދަށުން 12 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓްތައް ހަވާލުކުރެވިފައިވާކަމަށް ވައިޝްނޯ ވިދާޅުވިއެވެ. މިއާއެކު އައިވީޓީގެ މެނޭޖިންގ ޑިރެކްޓަރ ވަންގް ޔޫޗަންގް ވިދާޅުވީ، އިންޑިއާއަކީ އިލެކްޓްރޯނިކް ސާމާނު ބޭނުންކުރާ ބޮޑު މާކެޓެއްކަމުން، މި ދާއިރާގެ ކުންފުނިތަކަށް މިއީ ފަހި ފުރުސަތެއް ކަމަށެވެ.