އިމްރާން ޚާން މިނިވަންކުރުމަށް ބާއްވާ މުޒާހަރާގެ ކުރިން ޕާކިސްތާނުގެ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާއި، އެ ސިޓީއާ 180 ކިލޯމީޓަރު (110 މޭލު) ދުރުގައި އުތުރުހުޅަނގުގައި އޮންނަ ޕިޝާވަރާ ގުޅޭ މައި މަގު ވަނީ ފުލުހުންގެ އަމުރަކަށް، ވަކި ގޮތެއް އަންގަންދެން ބަންދުކޮށްފައެވެ. މީގެ އިތުރުން ޑޭރާ އިސްމާއިލް ޚާނަށް ދާ ހައިވޭއާއި، ހަޒާރާ މޮޓޯވޭގެ އިތުރުން އެޓޮކް ސަރަޙައްދުގެ ގްރޭންޑް ޓްރަންކް ރޯޑުވެސް ވަނީ ބަންދުކޮށްފައެވެ.
މި މަގުތަކަކީ ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަޙްރީކޭ އިންސާފް (ޕީޓީއައި) އިން ވެރިކަންކުރާ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސާއި އިސްލާމްއާބާދާ ގުޅުވައިދޭ މައި މަގުތަކެވެ. ސެޕްޓެމްބަރު 27 ވާ އާދީއްތަ ދުވަހު ޕީޓީއައިގެ ސަޕޯޓަރުން އިސްލާމްއާބާދަށް އެއްވެ، އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލުމަށް ވަނީ ރާވާފައެވެ. ނަމަވެސް އިސްލާމްއާބާދާ 375 ކިލޯމީޓަރު (235 މޭލު) ދުރުގައި ދެކުނުއިރުމަތީގައި އޮންނަ ލާހޯރު މޮޓޯވޭ އަދި އޮތީ ހުޅުވާފައެވެ.
ވެރިރަށުގެ އެތެރޭގައި، ބޮޑެތި ޝިޕިންގ ކޮންޓެއިނަރުތައް ގުޅުވައި ވެލިން ފުރައި، މީހުންނަށް ނުޖެއްސޭނެހެން ވަނީ ބަހައްޓާފައެވެ. ޕަންޖާބާއި ސިންދު ޕްރޮވިންސުން ގެންނަ ފުލުހުން ބޭތިއްބުމަށްޓަކައި ބައެއް ސްކޫލްތަކާއި ކޮލެޖުތައް ބަންދުކުރުމަށްވެސް ވަނީ އަންގާފައެވެ. ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ފުލުހުން ލަފާކުރަނީ މި މުޒާހަރާއަށް 20،000 އާއި 25،000 އާ ދެމެދުގެ އަދަދަކަށް މީހުން އެއްވާނެ ކަމަށެވެ.
މި މަހު އިދިކޮޅު މައި ދެ ޕާޓީއަކުން ވެރިރަށުގައި މުޒާހަރާކުރަން އިޢުލާންކުރި ނަމަވެސް، ސަރުކާރުން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނީ ހަމައެކަނި ޕީޓީއައިއާ ދެކޮޅަށެވެ. ތެލުގެ އަގު ބޮޑުވުމާ ދެކޮޅަށް ޖަމާއަތޭ އިސްލާމީ (ޖޭއައި) އިން ވެސް މިދިޔަ ހަފްތާގައި މުޒާހަރާއެއް ފެށިއެވެ. ނަމަވެސް ހޯމަ ދުވަހު ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެ ޕާޓީގެ ލީޑަރު ޙާފިޒް ނައީމުއްރަޙްމާނަށް ގުޅުއްވާފައެވެ. އަދި އަންގާރަ ދުވަހުގެ މެންދުރުފަހު، އެ ދެބޭފުޅުންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައި، ޖޭއައި އިން ވަނީ މުޒާހަރާ ފަސްކޮށްފައެވެ. ޕީޓީއައިގެ އިސްވެރިންނަށް ސަރުކާރުން އެފަދަ އެއްވެސް ގުޅުމެއް ގުޅާފައެއް ނުވެއެވެ.
އޭގެ ބަދަލުގައި، ޢުމުރުން 65 އަހަރުން މަތީގެ އިމްރާން ޚާންގެ ތިން ދައްތައިން ލާހޯރުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އިސްލާމްއާބާދުން ޕީޓީއައިގެ 6 މެމްބަރަކު ވަނީ 1960 ގެ ޕަބްލިކް އޯޑަރ ޤާނޫނުގެ ދަށުން، ދަޢުވާއަކާ ނުލައި ބަންދުކުރެވޭ އުޞޫލުން ހައްޔަރުކޮށްފައެވެ. ޕީޓީއައި އިން ބުނާ ގޮތުގައި ހައްޔަރުކުރި މީހުންގެ އަދަދު މިއަށްވުރެ ގިނައެވެ. އަދި ޕާލަމެންޓް ލޮޖުން ގެންދިޔަ އެއް މެމްބަރަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.
އޮގަސްޓް 2023 އިން ފެށިގެން ޚާން ހުންނެވީ ޖަލުގައެވެ. އޭނާއަކީ އަދިވެސް ޕާކިސްތާނުގެ އެންމެ ނުފޫޒުގަދަ އިދިކޮޅު ލީޑަރެވެ. ނޮވެމްބަރު 2024 ގެ ފަހުން ޚައިބަރު ޕަޚްތުންޚުވާ އިން ބޭރުގައި ބޮޑު މުޒާހަރާއެއް އެ ޕާޓީން ބާއްވާފައި ނުވާއިރު، މި މުޒާހަރާއާ ކުރިމަތިލާއިރު ޕާޓީ އޮތީ ބަލިކަށިވެފައި ކަމަށް އެ ޕާޓީންވެސް ޤަބޫލުކުރެއެވެ. ނަމަވެސް، ސިޔާސީ މުޙައްލިލުން ވިދާޅުވާ ގޮތުގައި ސަރުކާރުން މި މުޒާހަރާއާ މެދު ދެކެނީ އާދައިގެ ސިޔާސީ ޙަރަކާތަކަށްވުރެ މާ ނުރައްކާތެރި ކަމެއްގެ ގޮތުގައެވެ. ލާހޯރުގެ ސިޔާސީ މުޙައްލިލެއް ކަމަށްވާ ޙަބީބް އަކްރަމް އަލްޖަޒީރާއަށް ވިދާޅުވީ، "މިއީ ޕީޓީއައިއަށް އުނދަގޫ ވަގުތަކަށް ވިޔަސް، މިއިން ސަރުކާރުގެ އަމިއްލަ ނުތަނަވަސްކަން ވެސް ހާމަވެގެންދޭ" ކަމަށެވެ. އަދި ސަރުކާރުގެ ޢަމަލުތަކުން ފެންނަނީ ހަމައެކަނި މުޒާހަރާއަކާ ދެކޮޅަށް ބިރުގަތުން ނޫން ކަމަށާއި، މިއީ ސަރުކާރުގެ އަމިއްލަ ސަލާމަތާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިސްލާމްއާބާދާއި، ޚައިބަރު ޕަޚްތުންޚުވާއާއި ޕަންޖާބު ގުޅޭ އެޓޮކް ބްރިޖުގައި 2,000 އަށްވުރެ ގިނަ ކޮންޓެއިނަރު ވަނީ ބަހައްޓާފައެވެ. އަދި ޕަންޖާބާއި ސިންދުން 19،000 ފުލުހުން ގެންނަމުންދާއިރު، އެޓޮކް ސަރަޙައްދުގައި އެތައް ހާސް ފުލުހުންނެއް ދަނީ ޙަރަކާތްތެރިވަމުންނެވެ. ޕާކިސްތާނުގެ މަޝްހޫރު ނޫސް 'ޑޯން' ގެ އެޑިޓޯރިއަލްގައި ބުނެފައިވަނީ ސަރުކާރުން ތައްޔާރުވަމުންދަނީ "ސިޔާސީ ޙަރަކާތަކަށް ނޫން" ކަމަށާއި އެއީ "ޤައުމަށް އަރާގަތުމަކާ ދެކޮޅަށް" ތައްޔާރުވާ ފަދައިން ކަމަށެވެ.
ނަމަވެސް ޖޫނިއަރ އިންޓީރިއަރ މިނިސްޓަރު ތަލާލް ޗައުދަރީ ވަނީ ވެރިރަށް ބަންދުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. "އިސްލާމްއާބާދުގެ އާންމު ދިރިއުޅުން ކުރިއަށް އެބަދޭ. ހޮސްޕިޓަލްތަކާއި އޮފީސްތައް އަދި އަސާސީ ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުން. ކޮންޓެއިނަރުތަކާއި ސަލާމަތީ ފިޔަވަޅުތަކަކީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް، އެއީ ޝަޓްޑައުނެއް ނޫން،" އޭނާ އަލްޖަޒީރާއަށް ވިދާޅުވިއެވެ. ބޮޑުވަޒީރުގެ ކޯޑިނޭޓަރު އަދި ސަރުކާރުގެ ތަރުޖަމާނު ރާނާ އިޙްސާން އަފްޒަލް ވިދާޅުވީ، ޕީޓީއައިގެ ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، އޭގެ ނޭދެވޭ އަސަރުތަކެއް ހުރި ނަމަވެސް، ބޮޑު މަންޒަރަށް ބަލަންޖެހޭ ކަމަށެވެ.
މި ފިޔަވަޅުތައް އަޅަމުންދަނީ މި އަހަރުތެރޭ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށް އެންމެ ނުރައްކާތެރި ހަމަލާތަކެއް ކުރިމަތިވި އެއް ހަފްތާގައެވެ. ސެޕްޓެމްބަރު 18 ވަނަ ދުވަހު ޚައިބަރު ޕަޚްތުންޚުވާގެ ކޯހަޓްގެ ފުލުހުންގެ މަރުކަޒަކަށް ދިން ހަމަލާއެއްގައި 20 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ދެ ދުވަސް ފަހުން ހަންގޫގައި ހިނގި ކުރިމަތިލުމެއްގައި 6 ސިފައިން ވަނީ މަރުވެފައެވެ. އިންޓީރިއަރ މިނިސްޓަރު މުޙްސިން ނަޤްވީ ވަނީ މި ގެއްލުންތަކާ މުޒާހަރާއާ ގުޅުވައި ވާހަކަދައްކަވާފައެވެ. "ފާއިތުވި 10 ދުވަހު ޚައިބަރު ޕަޚްތުންޚުވާގެ ޙާލަތު އެންމެންނަށްވެސް ފެންނާނެ. މިސްކިތަކަށް ޖާނުންފިދާވުމުގެ ހަމަލާއެއް ދިން، އަދި އިތުރު ދެތިން ހަމަލާއެއް ދިން. އަޅުގަނޑުމެންގެ ކެޕްޓަނެއް މަރުވި، ސިފައިން މަރުވި، ފުލުހުން މަރުވި، އަދި މި މީހުން މި ތައްޔާރުވަނީ ސިޓީއަކަށް އަރައިގަންނަން،" އޭނާ ވިދާޅުވިއެވެ.
ޕީޓީއައިގެ ޚައިބަރު ޕަޚްތުންޚުވާގެ ވެރިޔާ ޖުނައިދު އަކްބަރު ވިދާޅުވި ގޮތުގައި މުޒާހަރާކުރާ މީހުން އިސްލާމްއާބާދު "ސޯމްނާތު" އަށް ބަދަލުކޮށްލާނެއެވެ. ސޯމްނާތަކީ 11 ވަނަ ޤަރުނުގައި މަޙްމޫދު ޣަޒްނަވީ ހަލާކުކޮށްލި އިންޑިއާގެ ހިންދޫ ފައްޅިއެކެވެ. ސަރުކާރުން ދަނީ މި ބަސްމަގު ބޭނުންކޮށްގެން މިއީ ޤާނޫނާއި ނިޒާމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ދައްކަން މަސައްކަތްކުރަމުންނެވެ. އިންފޮމޭޝަން މިނިސްޓަރު ޢަޠާއުﷲ ތަރާރް ކޯހަޓްގައި ވިދާޅުވީ "ސުލްޙަވެރި މީހުން ގެއިން ނުކުންނައިރު މޮހޮރު ޖަހާފައިވާ ދަނޑިބުރިތައް ހިފައިގެން ނާންނާނެ" ކަމަށެވެ. ނަމަވެސް ސެޕްޓެމްބަރު 27 ގެ މުޒާހަރާގައި އިސްކޮށް ޙަރަކާތްތެރިވާ ޕީޓީއައިގެ ޚައިބަރު ޕަޚްތުންޚުވާގެ ޗީފް މިނިސްޓަރު ސުހައިލް އަފްރީދީ ވަނީ ތަރާރްއަށް ރައްދުދެއްވާފައެވެ. "އަޅުގަނޑުމެން އެތަނަށް ދާނީ ދެ އަތާއި ދެ ފައި ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުލައި، އަޅުގަނޑުމެންގެ އަތުގައި އެހެން އެއްވެސް އެއްޗެއް ނޯންނާނެ،" އޭނާ ޕިޝާވަރުގައި ވިދާޅުވިއެވެ.
ސެޕްޓެމްބަރު 18 ވަނަ ދުވަހު އިސްލާމްއާބާދު ހައިކޯޓުން ނެރުނު ޙުކުމެއްގައި ވަނީ އެއްވެސް ޕާޓީއަކަށް ވެރިރަށަށް ވަންނަ މަގުތައް ބަންދުނުކުރެވޭނެ ކަމަށާއި، މުޒާހަރާއަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ޕްރޮވިންސަލް ސަރުކާރުތަކަށް މަނާކޮށްފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން އިމްރާން ޚާންގެ ދައްތައިން ވަނީ ހައްޔަރުކޮށްފައެވެ. ޢާއިލާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ޢަލީމާ ޚާން އާދީއްތަ ދުވަހު ލާހޯރުން ހައްޔަރުކުރިއިރު، އަނެއް ދެ ދައްތައިން ކަމަށްވާ އުޒްމާ ޚާނާއި ނޯރީން ނިއާޒީ ހައްޔަރުކުރީ ޖެހިގެން އައި ދުވަހުގެ ފަތިހު ގޭގައި ތިއްބައެވެ. ޢަލީމާގެ ބަންދާ މެދު ލާހޯރު ހައިކޯޓަށް ހުށަހެޅި މައްސަލައާ މެދު ގޮތެއް ނިންމުން ވަނީ ފަސްކޮށްފައެވެ. ޗައުދަރީ ވިދާޅުވީ ދައްތައިންގެ މައްޗަށް އެކި މައްސަލަތައް އޮތް ކަމަށާއި، ކުރިން ވެސް ހަމަނުޖެހުން ބޮޑު މުޒާހަރާތަކެއްގައި އިސްކޮށް އުޅެފައިވާތީ އެމީހުން ބަންދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ޕީޓީއައި އިން ބުނާ ގޮތުގައި ޤައުމީ މަޖިލީހުގެ 5 މެމްބަރުންނާއި، ސެނެޓަރަކާއި، ޕްރޮވިންސަލް މެމްބަރުންގެ އިތުރުން 1،500 އަށްވުރެ ގިނަ ސަޕޯޓަރުން ވަނީ ހައްޔަރުކޮށްފައެވެ. ޕީޓީއައިގެ ޗެއާމަން ގޯހަރު ޢަލީ ޚާން ވިދާޅުވީ "އަޅުގަނޑުމެން ތިބީ ސުލްޙަވެރިކޮށް، އަޅުގަނޑުމެން ދެމިތިބޭނީ ވެސް ސުލްޙަވެރިކޮށް. އަޅުގަނޑުމެންނަށް އަދަބު ލިބެމުންދަނީ ސުލްޙަވެރިކޮށް ތިބީތީ،" ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޚާންގެ އަންހެނުން ބުޝްރާ ބީބީ ހިމެނޭހެން ޢާއިލާގެ 4 އަންހެން ބޭފުޅަކު މިހާރު ތިއްބެވީ ޖަލުގައެވެ.
އިންޓީރިއަރ މިނިސްޓަރު ނަޤްވީ ވިދާޅުވި ގޮތުގައި ސަރުކާރުން ތައްޔާރުވަމުންދަނީ ބޮޑު ކުރިމަތިލުމަކަށެވެ. "މިފަހަރު އަޅުގަނޑުމެން ދާއިމީ ޕްލޭނެއް އެކުލަވާލާނަން. މެދުތެރެއިން ހުއްޓައެއް ނުލާނަން،" މައްސަލަ އެއްކޮށް ޙައްލުކުރާނެކަން ފާހަގަކުރައްވައި ނަޤްވީ ވިދާޅުވިއެވެ. އަދި ކުރިން ޕީޓީއައި އިން ކުރި ފަދަ ދިގުދެމިގެންދާ އިށީނދެތިބުމުގެ މުޒާހަރާއަކަށް ފުރުޞަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މިފަހަރު އެމީހުން އައިސް 10 ނުވަތަ 20 ދުވަހަށް ޤައުމު ހުއްޓުމަކަށް ގެނައުމުގެ ފުރުޞަތެއް ނެތް." ނަމަވެސް އަފްރީދީގެ ވާހަކައިން ދޭހަވަނީ އެފަދަ ވިސްނުމެއް ޕީޓީއައިގެ ވެސް އެބައޮތް ކަމަށެވެ. ކްރިކެޓަށް ނިސްބަތްކުރައްވައި އޭނާ ވިދާޅުވީ "މި ލޯންގް މާޗަކީ ޓީ20 މެޗެއް ނޫން، މިއީ ޓެސްޓް މެޗެއް" ކަމަށެވެ.
ނަޤްވީގެ ބަސްމަގު ހަރުކަށި ނަމަވެސް، މީގެ ފަހަތުގައި ތާރީޚީ ސަބަބުތަކެއް އެބަހުއްޓެވެ. 9 މެއި 2023 ގައި އިމްރާން ޚާން ކުޑަ ވަގުތުކޮޅަކަށް ހައްޔަރުކުރުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، ލާހޯރުގައި ހުރި އިސް ކޮމާންޑަރެއްގެ ގެކޮޅުގައި އަލިފާންރޯކޮށްފައެވެ. މިއާއެކު ޕީޓީއައިގެ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް، ޕާޓީ ދޫކޮށްލުމަށް ލީޑަރުންނަށް މަޖުބޫރުކުރުވިއެވެ. އޭގެ ފަހުން 26 ނޮވެމްބަރު 2024 ގައި އިސްލާމްއާބާދުގައި ބޭއްވި ޕީޓީއައިގެ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި އެ ޕާޓީގެ 12 ސަޕޯޓަރުން މަރުވި ކަމަށް ޕީޓީއައި އިން ބުނެއެވެ. ސަރުކާރުން އެކަން ދޮގުކުރާއިރު، ސަރުކާރުން ބުނަނީ މަރުވީ 4 ސަލާމަތީ އޮފިސަރުން ކަމަށެވެ. ފެބްރުއަރީ 2024 ގެ އާންމު އިންތިޚާބުގެ ކުރިން ޕީޓީއައިގެ އިންތިޚާބީ ނިޝާން އަތުލުމުން، އެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރީ އަމިއްލަ ގޮތުންނެވެ. ނަމަވެސް އެމީހުން ވަނީ 93 ގޮނޑި ކާމިޔާބުކޮށް އެންމެ ގިނަ ގޮނޑި ހޯދި ބަޔަކަށް ވެފައެވެ.