މަތީ ސާނަވީ ދަރިވަރުންނާ މެދު ޤައުމު އޮތީ ފޮނި އުއްމީދެއްގައި: މެޑަމް ސާޖިދާ
މަތީ ސާނަވީ ކުދިންނާ މެދު ދިވެހި ޤައުމު ކުރަނީ ވަރަށް ފޮނި އުއްމީދުތަކެއްކަމަށް ބަޔާންކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
މީސްމީޑިއާގައި އާންމުކުރެއްވި ޚާއްޞަ މެސެޖެއްގައި ފަސްޓް ލޭޑީ ވަނީ، އިމްތިޙާނު ހަދާ ކޮންމެ ދަރިވަރަކަށް ވެސް މާތްﷲގެ ތަނަވަސް ރަޙުމަތް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ. އެގޮތުން، ދަރިވަރުންގެ ސިކުނޑިތައް ތަނަވަސްކޮށްދެއްވައި، ވިސްނުންތޫނުކަން ދެއްވުމުގެ އިތުރުން ޕޭޕަރުތަކަށް ޖަވާބުދިނުމުގައި ފަސޭހަކޮށްދެއްވުން އެދި އެކަމަނާ ދުޢާކުރެއްވިއެވެ.
މީގެ އިތުރުން އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މިއީ ދަރިވަރުންގެ މުސްތަޤުބަލު ބައްޓަންކުރުމަށް އޮތް ވަރަށް މުހިންމު މަރުހަލާއެކެވެ. އެހެންކަމުން މުދައްރިސުންނާއި މައިންބަފައިން ފަޚުރުވެރިވާފަދަ ފުރިހަމަ ކާމިޔާބީއެއް ހާސިލުކޮށް، ޤައުމަށް ފައިދާހުރި ދަރިންތަކަކަށް އެކުދިން ވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ތަޢުލީމީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ 53 އިމްތިޙާނު މަރުކަޒެއްގައި މިއަހަރު ޖުމްލަ 4973 ކުދިން އޭލެވެލް ހަދާނެއެވެ. އަދި ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެޗްއެސްސީ) އިމްތިޙާނުގައި 2263 ދަރިވަރަކު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.