ސިޔާސީ

ރައީސް ޞާލިހުގެ ތާއީދާ އެކު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައިސަލް ނިކުންނަވަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ---

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ތާއީދާ އެކު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ނިންމަވައި، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ރަނިންގމޭޓެއްގެ ގޮތުގައި ހަމަޖައްސަވައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެކަން އިޢުލާނުކުރައްވައިފިއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް މިހާރު ފުރިހަމައަށް ނިންމަވާފައިވާ ކަމަށެވެ. ފައިސަލްއާ އެކު މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އާޒިމް ވިދާޅުވީ، ފައިސަލްގެ ދައުވަތު ގަބޫލުކުރައްވައި ނައިބު ރައީސްކަމަށް ނުކުންނަވަން ނިންމެވީ، އެމްޑީޕީގެ ސަރުކާރެއްގައި އެ ޕާޓީއަށް ނިސްބަތްވާ ރައީސަކާއި ނައިބު ރައީސަކު ތިއްބެވުން މުހިންމުކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރެއްވުމުގެ ނިންމެވުން ނިންމެވީ ޕާޓީގެ އާންމު މެންބަރުންނާއި އިސް ބޭފުޅުންގެ އިތުރުން، ޚާއްޞަކޮށް ކުރީގެ ރައީސް ޞާލިހުގެ ފުރިހަމަ އެއްބާރުލުމާއި މަޝްވަރާ ލިބިވަޑައިގަތުމުންކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިންތިޚާބުން ނާކާމިޔާބުވެއްޖެ ހާލަތެއްގައި ވެސް، ޕްރައިމަރީ ކާމިޔާބުކުރައްވާ ކެންޑިޑޭޓެއްގެ ފަހަތްޕުޅުގައި ހުންނަވައިގެން އެމްޑީޕީއަށް ވެރިކަން ހޯއްދަވައިދެއްވުމަށް އެމަނިކުފާނަށްވުރެ ބޮޑަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ފައިސަލް ދެއްވިއެވެ.

ފައިސަލްގެ މި އިޢުލާނާ އެކު، އޭނާ ވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުޤުވެރިކަން ފާޅުކުރެއްވި ހަތަރުވަނަ ބޭފުޅާއަށެވެ. މީގެ ކުރިން، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލާއި، ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙުމަދު ޝަމްހީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.

Ads by Ooredoo