ދުނިޔެ

ޔުނިސެފްގެ އިންޒާރަށް ބީރުކަންފަތެއް ދިނުމަށްފަހު ވަގުތީ ސަރުކާރުން ވެކްސިން ހޯދުމުގެ އުސޫލު ބަދަލުކޮށްފި: ސައިންސް ރިޕޯޓު

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އިއްޔެ އާންމުކުރި 'ސައިންސް ޑޮޓް އޯގް'ގެ ރިޕޯޓެއްގައިވާ ގޮތުން، ބަންގްލަދޭޝްގައި ހިމަބިހި ނުވަތަ މީސަލްސްގެ ހާލަތު ގޯސްވުމުގެ މައިގަނޑު ސަބަބަކީ، ޔުނިސެފް މެދުވެރިކޮށް ވެކްސިން ހޯދަމުންދިޔަ ދިއުން ހުއްޓާލައި، އޯޕަން ޓެންޑަރ އުސޫލަށް ބަދަލުކުރުމަށް އެގައުމުގެ ވަގުތީ ސަރުކާރުން ނިންމި ނިންމުމެވެ. މި ބަދަލުގެ ސަބަބުން ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ހުރަސްއެޅި، ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ އިންޒާރު ކުރިން އޮތީ ދީފައެވެ. މާރިޗު މަހުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ހިމަބިހި ޖެހިފައިވާކަމަށް ޝައްކުކުރެވޭ 32،000 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާއިރު، 250 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

މީގެ ކުރިން ބަންގްލަދޭޝްއިން މީސަލްސް-ރުބެއްލާ (އެމްއާރް) ވެކްސިން ހޯދަމުން އައީ ސަރުކާރާއި ގާވީގެ ފަންޑުގެ އެހީގައި ޔުނިސެފް މެދުވެރިކޮށެވެ. އާންމު އުސޫލެއްގެ ގޮތުން އުމުރުން 9 މަހާއި 15 މަހުގައި ކުދިންނަށް ވެކްސިން ދޭއިރު، 95 އިންސައްތަ ކަވަރޭޖް ހިފެހެއްޓުމަށް ކޮންމެ ހަތަރު އަހަރަކުން މުޅި ގައުމަށް އަމާޒުކޮށްގެން ކެމްޕޭނެއް ހިންގައެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕްރޮފެސަރ މުހައްމަދު ޔޫނުސް އިސްވެ ހުންނަވައި ހިންގާ ވަގުތީ ސަރުކާރުން ވަނީ ޔުނިސެފް މެދުވެރިކޮށް ވެކްސިން ގަތުން ހުއްޓާލައި، އޯޕަން ޓެންޑަރަށް ހުޅުވާލާފައެވެ.

މި ބަދަލާ ދެކޮޅަށް ޔުނިސެފުން ވަނީ ވަރަށް ބޮޑަށް އަޑުއުފުލާފައެވެ. ޔުނިސެފް އިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރާނާ ފްލާވަރސް ސައިންސް ޖަރނަލްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއީ "ވަރަށް މާޔޫސްކުރުވި" ނިންމުމެއް ކަމަށެވެ. އަދި "ކަލާނގެއަށް ޓަކައި... ތިކަން ނުކުރައްވާށޭ" ވިދާޅުވެ ވަގުތީ ސަރުކާރުގެ ހެލްތު އެޑްވައިޒަރު ނޫރުޖަހާން ބޭގަމްއަށް އާދޭސް ދެންނެވިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ސައިންސް ޑޮޓް އޯގް އިން ކުރި ސުވާލުތަކަށް ނޫރުޖަހާން ޖަވާބެއް ނުދެއްވައެވެ.

ޓެންޑަރ ކުރުމުގެ މަރުހަލާގައި ދިމާވި އިދާރީ ލަސްތަކާއެކު ވެކްސިން ހުސްވެ، އާންމުކޮށް ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ހުއްޓުމަކަށް އައެވެ. ހަމައެހެންމެ، ހަމަނުޖެހުންތަކާ ހެދި 2024 އިން 2025 އަށް ފަސްކުރެވުނު އިތުރު އެމްއާރް ކެމްޕޭންވެސް ފަހުން ވަނީ ކެންސަލްކޮށްފައެވެ. މާރިޗު މަހުގެ ފަހުކޮޅު ސަރުކާރުގެ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި 2025 ވަނަ އަހަރު ވެކްސިން ޖަހަންޖެހޭ ކުދިންގެ ތެރެއިން ވެކްސިން ލިބުނީ އެންމެ 59 އިންސައްތަ ކުދިންނަށެވެ. ނަމަވެސް ފަހުން މި އާދަދާބެހޭ މައުލޫމާތު ވެބްސައިޓުން ނަގާފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ބަލިމަޑުކަން އެންމެ ފުރަތަމަ ފެތުރެން ފެށީ ޖަނަވަރީ މަހު މިޔަންމާ ބޯޑަރު ކައިރީގައިވާ ރޮހިންޖާ ރެފިއުޖީ ކޭމްޕްތަކުގައެވެ. އޭގެ ފަހުން މުޅި ގައުމަށް ހަލުވިކަމާއެކު ފެތުރި، ބަންގްލަދޭޝްގެ 64 ޑިސްޓްރިކްޓުގެ ތެރެއިން 58 ޑިސްޓްރިކްޓަކަށް ބަލި ފޯރައި، 21،000 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. އެޕްރީލް 23 ގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ މި ބަލި މިޔަންމާ އަދި އިންޑިއާއަށް ފެތުރުމުގެ ނުރައްކާ ބޮޑުކަމުގެ އިންޒާރު ދީފައެވެ.

އައިއީޑީސީއާރްގެ ކުރީގެ ޕްރިންސިޕަލް ސައިންޓިސްޓް އޭއެސްއެމް އާލަމްގީރު ވިދާޅުވި ގޮތުގައި، ވެކްސިން ނުލިބުމުގެ މައްސަލަ އިތުރަށް ގޯސްވީ ކުދިންނަށް ބޭނުންވާ ހަށިގަނޑަށް ފައިދާހުރި ކާނާ ނުލިބުމާއި ސިއްހީ ނިޒާމު ބަލިކަށިވުމުގެ ސަބަބުންނެވެ. ބަންގްލަދޭޝްގެ ފަސް އަހަރުން ދަށުގެ ކުދިންގެ 28 އިންސައްތައަކީ ހެދިބޮޑުވުމުގައި މައްސަލަތައް ހުރި ކުދިންނަށް ވާއިރު، 2024 ވަނަ އަހަރުން ފެށިގެން ވިޓަމިން އޭ ދިނުމުގެ ޕްރޮގްރާމްތައް މެދުކެނޑުމުގެ ސަބަބުން ކުދިންގެ ދިފާއީ ނިޒާމު ވަނީ އިތުރަށް ބަލިކަށިވެފައެވެ.

ބޮޑުވަޒީރު ތާރިޤް ރަހުމާންގެ ސިއްހީ ކަންކަމާބެހޭ ޚާއްސަ މުޝީރު ޒިއާއުއްދީން ހައިދަރު ވިދާޅުވި ގޮތުގައި، އެޕްރީލް މަހު ބަންގްލަދޭޝްއިން ވަނީ އަލުން ޔުނިސެފް މެދުވެރިކޮށް ވެކްސިން ހޯދަން ފަށާފައެވެ. އަދި ޑަބްލިޔުއެޗްއޯ އާއި ގާވީއާ ގުޅިގެން ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ނުރައްކާ ބޮޑު ސަރަހައްދުތަކުގައި އެޕްރީލް 5 ވަނަ ދުވަހު އިމަޖެންސީ ވެކްސިން ކެމްޕޭނެއް ފަށައި، އެޕްރީލް 20 ގައި މުޅި ގައުމަށް ފުޅާކޮށްފައެވެ. އަދި ވިޓަމިން އޭ ދިނުމުގެ މަސައްކަތްވެސް އަލުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންނަމަވެސް، ޑީޖީއެޗްއެސްގެ ޑިޒީޒް ކޮންޓްރޯލްގެ ކުރީގެ ޑިރެކްޓަރ ބޭނަޒީރު އަހުމަދު އިންޒާރު ދެއްވި ގޮތުގައި، ބަލި ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު އިމަޖެންސީ ކެމްޕޭނަކުން އެކަނި މި ބަލިމަޑުކަން އަވަހަށް ހުއްޓުވުމަކީ ނާދިރު ކަމެކެވެ. ސައިންސް ރިޕޯޓުގައި ހަވާލާދީފައިވާ ގިނަ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިކަން މިގޮތަށް ދިމާވީ ވަގުތީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުންނެވެ. މި މައްސަލައިގައި ގާނޫނީ ފިޔަވަޅުތަކެއްވެސް ދަނީ އަޅަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ވަކީލު ބިޕްލޮބް ކުމާރު ދާސް ވަނީ، ވަގުތީ ސަރުކާރުގެ ކޮރަޕްޝަނާއި ވެކްސިން ހޯދުމުގައި ވެފައިވާ އިހުމާލުތަކާ ގުޅިގެން އެޕްރީލް 12 ވަނަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައެވެ.

ވަގުތީ ސަރުކާރުގެ އިސް ހެލްތު އެޑްވައިޒަރ ޕްރޮފެސަރ ސައީދުއްރަހުމާން ވަނީ ސަރުކާރުގެ ނިންމުން ދިފާއުކުރައްވާފައެވެ. އޭނާ ވިދާޅުވީ ކުރީގެ އުސޫލަކީ ކުއްލި ހާލަތުގެ މާއްދާއަކަށް ބަރޯސާވެފައިވާ ނިޒާމެއް ކަމަށާއި، ދެފުށް ފެންނަ ނިޒާމަކަށް ހެދުމަށާއި ވަކި ފަރާތަކަށް ޖެހިފައިވާކަމުގެ ތުހުމަތުތަކުން ސަލާމަތްވުމަށްޓަކައި "ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ އާންމު އުސޫލަކަށް" ބަދަލުކުރަން ޖެހުނު ކަމަށެވެ. ކަންތައްތައް ގޯސްވެގެން ދިޔަ ގޮތާމެދު ކުރެވުނު ސުވާލުތަކަށް އޭނާ ސީދާ ޖަވާބެއް ނުދެއްވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ، "ހިމަބިހި ފަދަ ރައްކާތެރިވެވޭނެ ބައްޔެއްގައި ކުޑަކުދިންގެ ފުރާނަ ގެއްލިގެން ދިއުމަކީ ހިތްހަލާކުވާފަދަ ކަމެއް" ކަމަށެވެ. އަދި އެއީ އިންސާނީ ބޮޑު ހިތާމައެއް ކަމަށް ސިފަކުރައްވައި، އަސަރުކޮށްފައިވާ ކޮންމެ އާއިލާއަކަށް އޭނާ ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

Ads by Ooredoo