ޚަބަރު

އެސްއެމްއީ ޑިޖިޓަލް ލޯނު ނުދައްކާ ފަރާތްތަކުގެ ބޭންކިންގ ޚިދުމަތްތައް ކަނޑާލަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: އެސްއެމްއީ ޑިޖިޓަލް

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ޤަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމުގެ ގޮތުން، ލޯނު ނުދައްކާ ކަސްޓަމަރުންނަށް ދެމުންގެންދާ ބޭންކިންގ ޚިދުމަތްތައް އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުއްޓާލުމަށް އެ އިދާރާއިން ނިންމައިފިއެވެ.

އެއްވެސް ދަތިކަމަކާ ނުލައި މާލީ މުއާމަލާތްތައް ކުރިއަށްގެންދިއުމަށްޓަކައި، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ބާކީ ހުރި ފައިސާ ދައްކައި ޚަލާސްކުރުމަށް އެ ބޭންކުން ވަނީ އެދިފައެވެ. އަދި ފައިސާ ނުދެއްކުމުގެ ސަބަބުން އެކައުންޓް ބްލޮކްވާ ހާލަތްތަކުގައި، އެ މަހަކަށް ޖެހޭ މިންވަރު ދެއްކުމާ އެކު އެއް ދުވަހުގެ ތެރޭގައި އަލުން ޚިދުމަތްތައް އިއާދަވާނެކަމުގެ ޔަގީންކަން ވެސް އެފަރާތުން ދެއެވެ.

ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް އެކަށީގެންވާ ފުރުސަތު ދިނުމުގެ ގޮތުންނާއި، ޚިދުމަތް މެދުކެނޑިދާނެކަމުގެ އިންޒާރު ދިނުމުގެ ގޮތުން ޤަވާއިދުން މެސެޖުތަކެއް ފޮނުވަމުން ގެންދާނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ހާމަކުރެއެވެ. މީގެ އިތުރުން، މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ނުވަތަ އެހީތެރިކަން ހޯދުމަށް ކޯލް ސެންޓަރު ނަންބަރު 1613 އަށް ގުޅުމަށް ވަނީ އިރުޝާދު ދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެސްއެމްއީ ޑިޖިޓަލް އަކީ އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެކި ރޮނގުރޮނގުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މުއައްސަސާއެކެވެ. ޚާއްސަކޮށް، އަންހެން ވިޔަފާރިވެރިން އުފެއްދުމަށާއި އަންހެނުންނަށް މާލީ މިނިވަންކަން ހޯދައިދިނުމަށް މި ބޭންކުން ބޮޑު އިސްކަމެއް ދެމުންގެންދެއެވެ.

Ads by Ooredoo