ދުނިޔެ

އެކްސަސައިޒް ތަރަންގް ޝަކްތީ: އިންޑިއާގެ ގިނަގުނަ އަސްކަރީ ގުޅުންތައް ދައްކުވައިދޭ ލޯގަނޑެއް

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އޮކްޓޯބަރު 2، 2026 ގައި އިންޑިއާގެ ޖޯދްޕޫރު މަތިން ފެނިގެންދިޔައީ "ތަރަންގް ޝަކްތީ 26" ގެ ތެރެއިން އިންޑިއާގެ ވައިގެ ސިފައިންގެ ހޭލް ތޭޖަސް ބޯޓެއް އިސްކޮށް އޮވެ، މިގް-29ޔޫޕީޖީ، މިރާޖް 2000، ރަފޭލް، ޖެގުއަރ އަދި ސުކޯއި އެސްޔޫ-30އެމްކޭއައި ބޯޓުތައް ފޯމޭޝަނެއްގައި އުދުހުނު މަންޒަރެވެ. މި މަންޒަރު ފޮޓޯއަށް ނަގާފައިވަނީ އެމެރިކާގެ ވައިގެ ސިފައިންގެ އެއަރމަން 1ސްޓް ކްލާސް ނަތަނިއެލް ޖެކްސަންއެވެ.

އޮކްޓޯބަރު 10 ވަނަ ދުވަހު މި އެކްސަސައިޒް ނިންމުމާ ގާތްވެފައިވަނިކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގް ވިދާޅުވީ، "މުސްތަޤުބަލުގެ ދިފާޢީ ގުޅުންތައް ބިނާވެގެންދާނީ ހަމައެކަނި އަސްކަރީ އުޅަނދުތަކުގެ މައްޗަކަށް ނޫން" ކަމަށާއި، "އެއީ ޓެކްނޮލޮޖީއާއި އިތުބާރުގެ މައްޗަށް ބިނާވާނެ ގުޅުންތަކެއް" ކަމަށެވެ. އެ ރަސްމިއްޔާތުގައި ދައްކާލި ފްލައި-ޕާސްޓުގައި އިންޑިއާގެ ސުކޯއި އެސްޔޫ-30އެމްކޭއައި (ރަޝިޔާގައި އުފައްދާފައިވާ) ބޯޓެއް މެދުގައި އޮވެ، އޭގެ އެއްފަރާތުގައި އެމެރިކާގެ އެފް-35 އާއި އިންޑިއާގެ ލައިޓް ކޮމްބެޓް އެއަރކްރާފްޓް (އެލްސީއޭ) އޮތްއިރު، އަނެއް ފަރާތުގައި ފަރަންސޭސިވިލާތުގެ ރަފޭލް އަދި ޔޫއޭއީގެ އެފް-16 ބޯޓެއް އޮތެވެ. މިއީ މުގުރާލަން އުނދަގޫ ޓެކްނޮލޮޖީއާއި ބާރުވެރިކަން ދައްކުވައިދިން މަންޒަރެކެވެ.

އެމެރިކާގެ ފަސްވަނަ ޖީލުގެ ފައިޓަރ ޖެޓަކާއި ރަޝިޔާގެ ޖެޓެއް އެކުގައި އުދުހުމަކީ، އިންޑިއާއިން ގެންގުޅޭ ތަފާތު ގައުމުތަކާ ގުޅުންބަދަހިކުރުމުގެ ޚާރިޖީ ސިޔާސަތާއި އަސްކަރީ ގުޅުންތަކުގެ ހެއްކެކެވެ. ތަރަންގް ޝަކްތީގެ އިތުރުން، އިންޑިއާގެ އަސްކަރީ ޑިޕްލޮމަސީ ދައްކުވައިދޭ އެހެނިހެން އެތައް ހަރަކާތްތަކެއްވެސް ދަނީ ހިނގަމުންނެވެ. މިގޮތުން، އޮކްޓޯބަރު 13 އިން 18 އަށް ރަޝިޔާގެ ވްލަޑިވޮސްޓޮކްގައި އިންޑިއާ އަދި ރަޝިޔާގެ ކަނޑުގެ ސިފައިން ގުޅިގެން އަހަރީ "އިންދްރާ" އެކްސަސައިޒް ކުރިއަށްގެންދެއެވެ. މިއިން ދައްކުވައިދެނީ އިންޑިއާގެ އަސްކަރިއްޔާއިން އެހެން ގައުމުތަކާއެކު އެއްގަމާއި ކަނޑު އަދި ވައިގެ މަގުން ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރަމުންދާ މިންވަރާއި، އިންޑިއާގެ މިނިވަން ސްޓްރެޓީޖިކް ޚާރިޖީ ސިޔާސަތެވެ.

ދެއަހަރުން އެއްއަހަރު ބާއްވާ "ތަރަންގް ޝަކްތީ" ގެ މިއީ ދެވަނަ ފަހަރެވެ. "ޕަވަރ އިން ޕާޓްނަރޝިޕް" ޝިއާރުގެ ދަށުން ސެޕްޓެމްބަރު 26 އިން އޮކްޓޯބަރު 12 އަށް އިންޑިއާގެ ހުޅަނގު ބޯޑަރުކައިރީގައިވާ ޖޯދްޕޫރުގައި ބޭއްވި މި ހަރަކާތުގައި އިންޑިއާގެ ވައިގެ ސިފައިންގެ (އައިއޭއެފް) އިތުރުން، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ސްރީލަންކާ، ޔޫއޭއީ އަދި އެމެރިކާއިން އެގައުމުތަކުގެ ވައިގެ އުޅަނދުތައް ބައިވެރިކުރިއެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި އިތުރު 32 ގައުމަކުން ބައިވެރިވިއެވެ.

އެކްސަސައިޒެއްގެ ހަގީގީ ކާމިޔާބީ މިނެކިރެނީ ބައިވެރިވާ ގައުމުތަކުން އެކަމަށް ދޭ އަހައްމިއްޔަތުކަމަކުންނެވެ. އެގޮތުން، އެމެރިކާގެ ފަސްވަނަ ޖީލުގެ އެފް-35 ޖެޓުތައް ފުރަތަމަ ފަހަރަށް އިންޑިއާގެ ވައިގެ ސަރަހައްދުގައި އުދުހިފައިވާއިރު، އިންޑިއާގެ އެލްސީއޭ، ރަފޭލް، ސުކޯއި، މިރާޖް 2000، މިގް-29 އަދި ޖެގުއަރ ފަދަ ބޯޓުތަކާއެކު ފަރަންސޭސިވިލާތާއި ޔޫއޭއީގެ އެފް-16 ބޯޓުތައްވެސް ހަރަކާތްތެރިވިއެވެ. މީގެ އިތުރުން އޭ-400އެމް އަދި ސީ-130/ސީ-130ޖޭ ޓްރާންސްޕޯޓް ބޯޓުތަކާއި، ވައިގެ ތެރޭގައި ތެޔޯ އަޅައިދޭ ބޯޓުތައް ބޭނުންކުރިއެވެ. އިންޑިއާގެ އަސްކަރީ އޮފިޝަލަކު "ދަ ޑިޕްލޮމެޓް" އަށް މައުލޫމާތު ދެއްވި ގޮތުގައި މި އެކްސަސައިޒްގައި 800 އަށްވުރެ ގިނަ ސޯޓީ ހަދައި، 600 ގަޑިއިރުގެ އުދުހުންތައް ކުރިއަށްގެންދިޔައެވެ.

އެމެރިކާގެ ޕެސިފިކް އެއަރ ފޯސަސްއިން 6 އެފް-35އޭ ލައިޓްނިންގ 2 އަދި ކޭސީ-135އާރު ސްޓްރެޓޯޓޭންކަރަކާއެކު 200 އަށްވުރެ ގިނަ ސިފައިން ބައިވެރިކުރިއެވެ. ބްލޫމްބަރގް ނިއު އިކޮނޮމީ ފޯރަމްގައި ވާހަކަދައްކަވަމުން، އެމެރިކާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސާޖިއޯ ގޯރ ވިދާޅުވީ، އެމެރިކާގެ އެފް-35 ޖެޓުތަކަކީ ދުނިޔޭގެ ކޮންމެ ތަނަކަށް ފޮނުވާ އުޅަނދުތަކެއް ނޫން ކަމަށާއި، ތަރަންގް ޝަކްތީގައި އެ ބޯޓުތައް ބައިވެރިކުރުމަކީ ދެގައުމުގެ ދެމެދުގައި އޮތް އިތުބާރުގެ "އެހެން މިސާލެއް" ކަމަށެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގައި ނުފޫޒުގަދަ ގައުމެއްކަމަށްވާ ފަރަންސޭސިވިލާތުން 4 ރަފޭލް ބޯޓާއި، ވައިގެ ތެރޭގައި ތެޔޯ އަޅައިދޭ 3 އޭ330 ފީނިކްސް ބޯޓާއި، 2 އޭ400އެމް ޓްރާންސްޕޯޓް ބޯޓާއެކު 300 ސިފައިން ބައިވެރިކުރިއެވެ. މިއީ ސެޕްޓެމްބަރު 8 ގައި ފަށައި، އާކްޓިކް، އިންޑޯ-ޕެސިފިކް، މެދުއިރުމަތި އަދި އުތުރު އެފްރިކާ ހުރަސްކޮށް ކުރިއަށްގެންދިޔަ "ޕެގަސަސް26" މިޝަންގެ ބައެކެވެ. 9 މަންޒިލަކަށް 40،000 އަށްވުރެ ގިނަ މޭލުގެ ރާސްތާއެއް 40 ދުވަހުގެ ތެރޭގައި ކަޑައްތުކުރި މި މިޝަނުން ދައްކުވައިދެނީ ދުރު ރާސްތާއަކަށް އުޅަނދުތައް ފޮނުވުމާއި އެކަމުގައި ދެމިތިބުމުގެ ގާބިލުކަމެވެ.

އެކްސަސައިޒްތަކުގައި އާންމުގޮތެއްގައި މުހިންމު މައުލޫމާތުތައް ބަދަލުކުރެވެއެވެ. މިގޮތުން މެއި 2025 ގައި އިންޑިއާއިން ހިންގި އަދި އަސްކަރީ ޕްލޭނަރުންނަށް މުހިންމު ފިލާވަޅުތަކެއް ލިބިގެންދިޔަ "އޮޕަރޭޝަން ސިންދޫރު" ގެ މައުލޫމާތު އިންޑިއާއިން ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ. މިކަމާ ގުޅޭގޮތުން އެކްސަސައިޒް ޑިރެކްޓަރ އެއަރ ވައިސް މާޝަލް ރާޖް ތާކުރް ވިދާޅުވީ، އޮޕަރޭޝަން ސިންދޫރަކީ އިންޑިއާއިން ހިންގި ވަރަށް ފާހަގަކޮށްލެވޭ އޮޕަރޭޝަނެއް ކަމަށާއި، އެކަމުގެ މައުލޫމާތު ހޯދުމަށް ގިނަ ބަޔަކު ޝައުގުވެރިވި ކަމަށެވެ. "އެހެންވެ، ތަޖުރިބާކާރުންގެ ބައްދަލުވުމެއްގައި އަޅުގަނޑުމެން ވާނީ އޮޕަރޭޝަން ސިންދޫރުގައި ކަންހިނގާދިޔަ ގޮތް ވަރަށް ސާފުކޮށް ކިޔައިދީފައި. އަދި އެ މައުލޫމާތުތައް ވަރަށް ފުރިހަމައަށް ބަލައިގަތް،" ތާކުރް ވިދާޅުވިއެވެ.

ފަހަކަށް އައިސް އިންޑިއާއިން ދަނީ ގިނަގުނަ އަސްކަރީ ހަރަކާތްތަކެއް ހިންގަމުންނެވެ. ސެޕްޓެމްބަރު 15 އިން 27 އަށް އެމެރިކާއާއެކު "ޔުދް އަބްޔާސް" އެކްސަސައިޒް ބޭއްވިއިރު، ދެގައުމުން ކުރެ ކޮންމެ ގައުމަކުން 600 ސިފައިން ބައިވެރިވިއެވެ. އުއްތަރާކަންޑްގެ އައުލީގައި ބޭއްވި މި ހަރަކާތުގައި އެމެރިކާގެ ހައިމާސް (HIMARS) އަދި އިންޑިއާގެ ޕިނާކާ ރޮކެޓް ސިސްޓަމްތަކާއި އެންޓި-ޑްރޯން ސިސްޓަމްތައްވެސް ރާޖަސްތާންގެ މަހާޖަން ފީލްޑްގައި ބޭނުންކުރިއެވެ. 2004 ވަނަ އަހަރު ސުލްހަ ބެލެހެއްޓުމުގެ އޮޕަރޭޝަންތަކަށް ޚާއްސަކޮށް ޕްލެޓޫން ލެވެލްގައި ފެށި މި އެކްސަސައިޒް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އެމެރިކާއާއެކު ބާއްވާ ކޯޕް އިންޑިއާ އަދި މަލަބާރު އެކްސަސައިޒްތަކަކީވެސް މިފަދައިން ފުޅާވެ، ސަބްމެރިންއާއި އެއަރކްރާފްޓް ކެރިއަރުތައް ބޭނުންކުރާ ފެންވަރަށް ތަރައްގީވެފައިވާ ހަރަކާތްތަކެކެވެ. މީގެ އިތުރުން ތައިލޭންޑް (މައިތުރީ-15)، މޮންގޯލިއާ (ނޮމެޑިކް އެލެފެންޓް)، ކަޒަކިސްތާން (ކަޒިންދު) އަދި ޔޫއޭއީ (މައުންޓެން ގާޑިއަން) އާއެކުވެސް އިންޑިއާގެ އެއްގަމު ލަޝްކަރުން ވަނީ ވޯގޭމްތަކެއް ބާއްވާފައެވެ. ޔޫއޭއީއާއެކު ބާއްވާ ހަރަކާތް ނިމޭނީ އޮކްޓޯބަރު 18 ގައެވެ.

އެންމެ ބުރަކޮށް ހަރަކާތްތެރިވީ ކަނޑުގެ ސިފައިންނެވެ. އިންޑިއާ، ބްރެޒިލް އަދި ދެކުނު އެފްރިކާ ގުޅިގެން ބާއްވާ "އިބްސާމަރ" އެކްސަސައިޒް ދެކުނު އެފްރިކާގެ ކަނޑުގެ ސަރަހައްދުގައި ދަނީ ކުރިއަށެވެ. އަދި ސެޕްޓެމްބަރު 3 އިން 4 އަށް ޖަޕާނުގައި ބޭއްވި ކުއާޑް ގައުމުތަކުގެ (އިންޑިއާ، އޮސްޓްރޭލިއާ، ޖަޕާން، އެމެރިކާ) ޓޭބަލްޓޮޕް އެކްސަސައިޒެއްގައި ބައިވެރިވެފައިވާއިރު، ސެޕްޓެމްބަރު 25 ގައި ކުއާޑް ކޯސްޓްގާޑުގެ އޮބްޒާވަރ މިޝަންގެ ދަށުން އިންޑިއާގެ ޝައުނަކް މަނަވަރު ޗެންނާއިން އޮސްޓްރޭލިއާގެ ޕަރތްއަށް ފުރިއެވެ. މި ދަތުރުގައި އިންޑިއާއާއި ޖަޕާނުން ކުރެ ކޮންމެ ގައުމަކުން 2 އޮފިސަރުން، އަދި އޮސްޓްރޭލިއާއާއި އެމެރިކާއިން ކުރެ ކޮންމެ ގައުމަކުން 1 އޮފިސަރަކު ވަނީ ބައިވެރިވެފައެވެ.

އޮކްޓޯބަރު 8 ގައި އޮޑީޝާ ކައިރީގައި އިންޑިއާ ކޯސްޓްގާޑުން ބޭއްވި 12 ވަނަ "ސާރެކްސް-2026" އެކްސަސައިޒްގައި 30 ގައުމަކުން 32 އޮބްޒާވަރުން ބައިވެރިވިއެވެ. މީގެ އިތުރުން، އިންޑިއާގެ ވައިގެ ސިފައިން ވަނީ ޖަޕާނާއެކު (ވީރް ގާޑިއަން) އަދި މެލޭޝިއާއާއެކު (އުދާރާ ޝަކްތީ) ތަމްރީނުތައް ބާއްވާފައެވެ. އަދި ޖުލައި 7 އިން އޮގަސްޓް 7 އަށް އޮސްޓްރޭލިއާގައި ބޭއްވި "ޕިޗް ބްލެކް" އެކްސަސައިޒްގައިވެސް ބައިވެރިވިއެވެ.

އަސްކަރީ އެއްބާރުލުން ނުވަތަ "އިންޓަރއޮޕަރޭބިލިޓީ" އަކީ ހަމައެކަނި އެކުގައި އުދުހުމެއް ނޫނެވެ. އެއީ އުކުޅުތަކާއި ސަގާފަތްތައް ދެނެގަނެ، އެކި ބާވަތުގެ ހަތިޔާރުތައް އެއްކޮށް ބޭނުންކުރުމުގެ ހުނަރެވެ. އެމެރިކާގެ އެފް-35 ޖެޓުތަކުގެ ޓެކްނޮލޮޖީގެ ސިއްރުވެރިކަމާ ގުޅޭގޮތުން އޮކްޓޯބަރު 10 ގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ސަމާސާ ރާގަކަށް އިންޑިއާގެ އެއަރ ޗީފް މާޝަލް އަމަރު ޕްރީތު ސިންގް އެމެރިކާގެ ޕެސިފިކް އެއަރ ފޯސަސް ކޮމާންޑަރ ޖެނެރަލް ކެވިން ޝްނައިޑަރއަށް ވިދާޅުވީ، "ތިޔަބޭފުޅުން އަޅުގަނޑުމެން އެ ބޯޓުތަކާ ކައިރިވިޔަސް ނުދޭ، އެކަމަކު އުޅެނީ އަޅުގަނޑުމެންނަށް އެ ވިއްކަން" ކަމަށެވެ.

މި އެކްސަސައިޒްތަކަކީ ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެއް ނޫންކަމަށާއި، މިއީ ކުރިމަތިވެދާނެ ނުރައްކާތަކަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ހަރަކާތްތަކެއްކަން އެއަރ ޗީފް ސިންގް ފާހަގަކުރެއްވިއެވެ. ޖެނެރަލް ކެވިން ޝްނައިޑަރ ވިދާޅުވި ގޮތުގައި، މުސްތަޤުބަލުގައި ކުރިމަތިވާނީ ކޮން ކަމެއްކަން ނޭނގުނު ނަމަވެސް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެހެނިހެން ގޮންޖެހުންތަކާ ކުރިމަތިލުމުގައި، ތަރަންގް ޝަކްތީއާއި ޕިޗް ބްލެކް ފަދަ އެކްސަސައިޒްތަކުގެ ސަބަބުން ގައުމުތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރުމުގެ ބިންގާ އެޅިގެންދާނެއެވެ.

"ތަރަންގް ޝަކްތީ" އަދި "ޔުދް އަބްޔާސް" ފަދަ އެކްސަސައިޒްތަކަކީ އިންޑިއާއާއި އެގައުމުގެ ސްޓްރެޓީޖިކް ބައިވެރިންނާ ދެމެދު ގާއިމުކުރެވިފައިވާ ބަދަހި ގުޅުމާއި އެއްބާރުލުމުގެ މިންވަރު ވަޒަންކޮށްދޭ މުހިންމު ހަރަކާތްތަކެކެވެ. މީގެ މައިގަނޑު މަގުސަދަކީ އެއްބަޔަކު އަނެއްބަޔަކަށް ދެނެގަތުން އިތުރުކުރުމެވެ.

Ads by HDC