އެޕަލް އިން ޗާޖަރު އަދި ހެޑްސެޓް ނުލައި ފޯނު ވިއްކުމުގައި ފޮރުވިފައިވާ ސިއްރަކީ މިއީ
މި ދުވަސްކޮޅު އެންމެ ގަދައަށް ދެކެެވޭ އެއް ވާހަކައަކީ އައިފޯނު 12ގެ ވާހަކައެވެ. މިދިޔަ ހަފްތާ ތެރޭގައި އޮތް އެޕަލް އިވެންޓުގައި މުޅިން އައު ހަތަރު ފޯނެއް ދައްކާލި ނަމަވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން އަޅައިގަތީ އާ އައިފޯނުތަކުގެ ރީޓެއިލް ފޮށިގަނޑެވެ.
އެގޮތުން މިފަހަރު ޝިޕް ކުރާ ރީޓެއިލް ފޮށިގަނޑުތަކުގައި ލިބޭނީ ހަމައެކަނި ފޯނު ކަމަށް އެޕަލް އިން ހާމަކުުރުމާއެކު ގިނަ ބަޔަކު އެކަމަށް ޖޯކު ޖަހައި ނުރުހުން ވެސް ފާޅުކޮށްފައެވެ. އެޕަލް އިން ޗާޖަރު އަދި ހެޑްފޯނު ނުދޭން ނިންމުމާ ގުޅިގެން ވާދަވެރި ސެމްސަންގް އިން ވެސް ވަނީ އެކަމަށް ޖޯކު ޖަހާފައެވެ.
އެޕަލް އިން ހާމަކޮށްފައިވާ ގޮތުގައި މިގޮތަށް ފޯނާއެކު ޗާޖަރާއި ހެޑްފޯނު ނުދޭން ނިންމީ ތިމާވެއްޓަށް ބެލުމުގެ ގޮތުންނެވެ. އެއީ ޗާޖަރުތައް ގިނަ ވާތީއެވެ. ނަމަވެސް އައިފޯނު 12 ޗާޖު ކުރުމަށް ބޭނުން ވަނީ ޔޫއެސްބީ ސީ ކޭބަލް އެއް ކަމުން އައިފޯނު 12 ގަންނަ ނަމަ ޗާޖަރު ވެސް ޖެހޭނީ އަލުން ގަންނާށެވެ.
ފާޑުކިޔުންތަކާއެކު އެޕަލް އިން ވަނީ އެމީހުންގެ ނިންމުން ދިފާއުކޮށްފައެވެ. "އޭބީސީ ނިއުސް" އަށް އިންޓަވިއުއެއްގައި އެޕަލް ގެ އައިފޯނު މާކެޓިންގެ ވީޕީ ކެރިއަން ޑްރާންސް ބުނި ގޮތުގައި އެޕަލް އިން މި ނިންމުން ނިންމާފައިމިވަނީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހުގައެވެ. އެގޮތުން ފޯނުގެ ޗާޖަރާއި ހެޑްފޯނަކީ ނުވަތަ އެބާވަތުގެ އެހެން ވަސީލަތްތަކަކީ އާންމުކޮށް ކުރިން ވެސް ގަނެފައި ހުންނަ އެއްޗެހި ކަމަށް އޭނާ ބުންޏެވެ.
އެޕަލްގެ އަމާޒަކީ 2030 ވަނަ އަހަރާއި ހަމައަށް ކާބަން ނިއުޓްރަލް ކުންފުންޏަކަށް ވުން ކަމަށް އެކުންފުނިން ހާމަކޮށްފައިވާއިރު، އެކަން ކުރުމަށް ކުރިއަށް އޮތްތަނުގައި ވެސް ކާބަން ފޫޓްޕްރިންޓު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އެޕަލް އިން ބުނެެއެވެ.
ޯފ ނު ނުގަތީމާ ތިކަމާ ވިސްނާކަށް ނުޖެހޭނެ