ނ. އަތޮޅު ބޮޑުފަޅު ވިއްކާލިއިރު އިމްރާންގެ "ޤައުމީ ލޯބި" ކޮބައިތޯ: ކުރީގެ އެމްޕީ ވަހީދު
ރަސްމާލެ މަޝްރޫޢުގެ ދަށުން އީގަލް ހީލްސް ކުންފުންޏަށް ބިން ދޫކުރުމަށް ނިންމި ނިންމުމާ ގުޅިގެން، ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވަރުގަދަ ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ.
މުޙައްމަދު ވަހީދު މި ސުވާލުތައް ކުރެއްވީ، ރަސްމާލެއިން ބިން ދޫކުރުމަކީ ބިން ދާއިމަށް ވިއްކާލުން ކަމަށް ސިފަކުރައްވައި އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ވަހީދު ސުވާލު ކުރެއްވި ގޮތުގައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ނޫނު އަތޮޅުގެ ބޮޑު ފަޅެއް ޔޫއޭއީގެ ބަޔަކަށް ވިއްކާލި އިރު، އޭރުގެ ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިމްރާންގެ ޤައުމީ ލޯބި އޮތީ ކޮންތާކުތޯއެވެ؟ އަދި އެ ސަރުކާރުން ރާއްޖޭގެ އެތައް ފަޅުރަށްތަކާއި ފަޅުތަކެއް ވިއްކައި ހުސްކުރިއިރު، އިމްރާން މިހާރު މި ދައްކަވާފަދަ ޤައުމީ ޖޯޝެއް ފެނިފައި ނުވާކަން ވަހީދު ފާހަގަކުރެއްވިއެވެ.
އިމްރާނަކީ ދީނީ ޢިލްމުވެރިއެއް ނަމަވެސް، ސިޔާސީ މައިދާނުގައި އޭނާ ގެންގުޅުއްވާ ބަސްމަގާއި ޢަމަލުތަކުގެ ސަބަބުން އާންމުންގެ މެދުގައި މަޤްބޫލުކަން އެންމެ ކުޑަ އެއް ސިޔާސީ ލީޑަރުގެ ގޮތުގައި އޭނާ ވަނީ ފާހަގަވެފައެވެ. ވަހީދު އިތުރަށް އިޝާރާތް ކުރެއްވި ގޮތުގައި، އިމްރާނަކީ އޭނާގެ ސިޔާސީ މަސްލަހަތު ހުންނަ ގޮތުން ތަފާތު އެކި ފަހަރު މަތިން އަސާސެއް ނެތް ދޮގު ވާހަކަތައް ފަތުރާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން، ދީނީ ޢިލްމުވެރިޔާ ޑރ. އަފްރަޝީމް ޢަލީގެ އަވަހާރަކޮށްލުމާ ގުޅިގެން އިމްރާން ދައްކަވާފައިވާ ދެކޮޅުނުޖެހޭ ވާހަކަތަކަށް ވެސް ވަހީދު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން، އެމްޑީޕީއާ އިދިކޮޅަށް ހުންނެވި ދުވަސްވަރު އެ މަރުގެ ތުހުމަތު ރައީސް ނަޝީދާއި އެމްޑީޕީގެ ބޮލުގައި އެޅުއްވުމަށް ފަހު، ފަހުން އެ ޕާޓީއާ އެކު ކޯލިޝަން ހެއްދެވުމުން އެ ތުހުމަތުތައް ކުރީގެ ރައީސް ޔާމީނަށް އަމާޒުކުރައްވައި ރާގު ބަދަލުކުރެއްވި މައްސަލަ ވެސް ވަހީދު ވަނީ ހަނދާންކޮށްދެއްވާފައެވެ.
