ލައިފްސްޓައިލް

ދަރީންގެ ސިކުނޑީގައި އުފާވެރި ހަނދާންތައް ހަރުލައްވަން ބޭނުންވާނަމަ މިކަންކަމާމެދު ފަރުވާތެރިވެލައްވާ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ދިރިއުޅުމުގެ ހަމަ ކޮންމެ ކަމަކީ އުނގެނި ދަސްކުރަން ޖެހޭ ކަމެކެވެ. ފަރިތަ ކުރަން ޖެހޭ ކަމެކެވެ. އެކަންކަން ތަޖުރިބާކޮށް ،އެއީ ކުރިމަގަށް ބޭނުންތެރި އެއްޗަކަށް ހަދަންޖެހޭ ކަންކަމެވެ. ކުޅިވަރެއް ނަމަވެސް އަދި އުނގައްނައިިދިނުން ފަދަ ޚިދުމަތްތައް ނަމަވެސް މެއެވެ. ހަމައެހެންމެ އެކުވެރީންނާއެކު ބާއްވަން ޖެހޭ ގުޅުމާއި ޙަޔާތުގެ ބައިވެރިޔާއަށް ކިޔަމަންތެރިވުން ފަދަ ކަންކަމީ ވެސް ،އެކަންކަމުގެ ޢިލްމާއި ހުނަރު ދަސްކުރަން ޖެހޭ ކަންކަމެވެ.

Ads by STELCO

މި ނަޒަރިއްޔާތުން ކަޅިއެއް ހިންގާލާއިރު އަހަރެމެންނަށް އެންމެ އިޙްމާލުވެވޭ އެއް ކަމަކީ ، އިހްމާލުވުން އޮވެގެން ނުވާނެ އެއް ކަމެވެ. އެކަމަކާމެދު އަހަރެމެންނާ މެދު ސުވާލު ކުރެވޭނެ އަދި އެކަމުގެ ހިސާބު ދޭންޖެހޭ ކަންކަމެވެ. އެބަހީ ދަރީން ތަރުބިއްޔަތު ކުރުމެވެ.

އަހަރެމެންގެ ވަރަށް ގިނަ މައިންބަފައިން ދެކޭ ގޮތުގައި ދަރީން ތަރުބިއްޔަތު ކުރުމަކީ އެކުދީން ބޭނުންވާހާ އެއްޗެއް ގަނެދިނުމެވެ. އެކުދީންނަށް އަގު ބޮޑެތި ޗުއްޓީތައް ހޭދަ ކޮށްދިނުމެވެ. ދަރީން ބެލުން އެހެން މީހުންނާ ޙަވާލު ކޮށްފައި ނަމަވެސް އެކަންކަން ކުރުމަށް ބޭނުންވާ ނަގުދު ފައިސާ ހޯދުމަށް ދެމަފިރީން ރެއާ ދުވާލު މަސައްކަތް ކުރުމެވެ. ދަރީން އުފަންވި ދުވަހު އުފަލުން ރޮވެ ބޮސްދީ ހެދި ދެމަފިރީން އެހެން ބައެއްގެ އަތްމައްޗަށް ދަރިފުޅު އެ ދޫކޮށްލަނީ އެވެރީންގެ ބަހުރުވައިން ނަމަ "ދަރީންގެ ޙައްޤުގަ"އެވެ.

ދަރީންނާމެދު ކޮންމެ މައެއް އަދި ބަފައެއް ކުރާ އުއްމީދަކީ އެއް އުއްމީދެކެވެ. އެއީ އެކުދީންނަކީ މައިންބަފައިންނަށް ލޯބި ދޭނޭ ބަޔަކަށް ހެދުމެވެ. ބަސްއަހާ ކިޔަމަންތެރި ކުދީންތަކަށް ހެދުމެވެ. ދުނިޔެ ދޫކޮށް ދިޔުމަށްފަހު ވެސް ދެއަތް ހިއްލާލާ ތިމާގެ މައްޗަށް ދުޢާ ކޮށްދޭނެ މުތްތަކަށް އެކުދީން ވުމެވެ. ނަމަވެސް އެއްވެސް ކަމަކީ ނިޔަތަކުން ، ނުވަތަ އުއްމީދަކުން ޙާޞިލްވާނޭ ކަމަކަށް ނުވާ ހިނދު ، ފިތުރަތުގެ ސާފުކަންމަތީ ތިބާގެ އަތްމައްޗަށް ލެވޭ އަމާނާތާމެދު ރައްކާތެރިވުން ހުއްޓެވެ. ފާރަވެރިވެ އެ އަމާނާތަށް ފާރަވެރިވުން ހުއްޓެވެ.އެހެންކަމުން ދަރީން ތަރުބިއްޔަތު ކުރުމުގައި މިކަންކަމަށް ފަރުވާތެރިވެލައްވާށެވެ.

ހަދިޔާއެއް ނޫން، ވަގުތު: ދަރީންނަށް ހަދިޔާ ދިނުމަކީ އެކުދީން އުފާވާ ކަމެކެވެ. ނަމަވެސް އެންމެ މުހިންމު ކަމަކީ އެކުދީންނަށް އެކަށީގެންވާ ވަގުތު ދިނުމެވެ. އެކުދީންނަށް ކިޔަވައިދޭ ، ކުޅެ،މަޖާ ކުރުމަކީ އެކަންކަމުގެ އުފާވެރި ހަނދާންތައް އެކުދީންގެ ސިކުނޑީގައި ބިންވަޅު ނެނގޭނެ ކަންކަމެވެ. ނަފްސާނީ ޢިލްމުވެރިން ބަޔާން ވަރަށް ކުރު ވަގުތުކޮޅެއްގެ އިހްސާސެކެވެ. އެހެނެއްކަމަކު ދަރީން ، އެކުދީންގެ މައިންބަފައިންނާއެކު ހޭދަ ކުރާ ވަގުތުތަކުގެ އުފާވެރިކަމާއި އެކަމުގެ ހަނދާންތައް ދިގު މުއްދަތަކަށް ދެމިގެން ދެއެވެ.

ނަމޫނާ ދައްކާށެވެ.: ދަރީންގެ ފުރަތަމަ މަދަރުސާއަކީ އެކުދީންގެ ގެއެވެ. އެކުދީންނަށް ދަސްވާނީ ، އެކުދީންނަށް ފެންނަ މަންޒަރުތަކެވެ. އެހެންކަމުން މައިންބަފައިންނަކީ ކުދީންނަށް ނަމޫނާ ބަޔަކަށް ވާން ޖެހެއެވެ. ދީނީ އަޅުކަންކަމަށް ފަރުވާތެރިވުމާއި މުޢާމަލާތްކުރުމުގައި ވެސް އެކުދީންނަށް ނަމޫނާ ދެއްކުމަކީ އެކަންކަމަށް އެކުދީން ހާނުވާ ކަންކަމެވެ. ހަމަ މި ބީދައިން ކުދިންނާ ދައްކާ ވާހަކަތަކުގައި އެކުދީންނަށް ލިބިފައިވާ އެކިއެކި ނިޢުމަތްތަކުގެ ވާހަކަ ހިއްސާ ކުރުމަކީ މުހިންމު ކަމެކެވެ. އެބަހީ މާއްދީ ތަކެތި ބޭނުންވުމާއި މާދިއްޔަތަށް ކުދީން އަނބުރާ އެއް ކަމަކީ އެކަންކަން ވަޒަން ނުކުރެވުމުންނެވެ.

އެންމެން ވެސް އެއްގޮތަކަށް ޢަމަލު ކުރާށެވެ.:ދަރިފުޅު ގާތުގައި މަންމަ ކަމެއް ކުރަން ބުނުމުން ، "ބައްޕަ ބުނި އެންމެ ރަނގަޅޭ" ބުނެ އެކަމެއް ކުރަން ދެކޮޅު ހަދާ މަންޒަރު އާންމުކޮށް ފެނެއެވެ. އެކަން އެހެންވަނީ ދަރިފުޅާމެދު އެކި މީހުން އެކި ގޮތް ގޮތަށް ޢަމަލު ކުރާތީއެވެ. އެހެންކަމުން ކަމެއްގެ އެންމެ ރަނގަޅު ގޮތް ކުދީންގެ ސިކުނޑީގައި ހަރުލެއްވުމަށާއި އެކުދީން ހެޔޮ ގޮތުގައި ހެދި ބޮޑުވުމަށް ޓަކައި ދަރީން ތަރުބިއްޔަތު ކުރުމުގައި މަންމައާއި ބައްޕަ އަދި އެކުގައި ދިރިއުޅޭ އާއިލީ އެންމެން ކުދީންނާމެދު އެއްގޮތަކަށް ޢަމަލު ކުރުމީ ވަރަށް މުހިންމު ކަމެކެވެ.

ބަލައިގަތުން ، ހަމައެކަނި އިނާމު ދިނުމެއް ނޫން: ދަރިފުޅަށް ކާމިޔާބެއް ލިބޭ ހިނދު ނުވަތަ އާކަންކަން ދަސްކުރަމުން އަންނަ ހިނދު އެކަންކަން ބަލައިގަތުމަކީ އެކުދީން ނުހަނު އުފާވާ ކަމެކެވެ. އެއީ ހަމައެކަނި އިނާމެއް ދިނުމުން ކުރެވޭ ކަމެއް ނޫނެވެ. އަދި ކިއެއްތަ! އެކަންކަމާމެދު އުފާވެރިކަމުގެ ޝުޢޫރުތައް ރައްދުކޮށް ބައްދާލާ ބޮސްދީ ހެދުމަކީ އެ އުފާވެރި ހަނދާންތައް އެކުދީންގެ ސިކުނޑީގައި ހަރުލާ ކަމެކެވެ. ހަމައެހެންމެ އެކަންކަން ފާހަގަ ކުރުމަށް އާއިލާ މެމްބަރުން އެކީގައި ހޭދަކޮށްލާ ވަގުތުތަކަކީ ވެސް އަގުބޮޑު ވަގުތު ތަކެކެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!