ޚަބަރު

ރިޕޯޓު ޝާއިޢު ކުރިއިރު އެމްޑީއެންގެ ރައީސަކީ ޕީޖީ ޝަމީމް: ޝަހިންދާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްލާމްދީނަށާއި ކީރިތި ރަސޫލާ (ޞޢޥ) އަށް ފުރައްސާރަކޮށް މޯލްޑިވްސް ނޭޝަނަލް ޑިމޮކްރަސީ ނެޓުވޯކު (އެމްޑީއެން) އިން ނެރުނު ރިޕޯޓު ނެރުނުއިރު އެ ޖަމްޢިއްޔާގެ ރައީސަކަށް ހުންނެވީ މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމު ކަމުގައި އެ ރިޕޯޓު ލިޔުމުގައި ބައިވެރިވެ އެޖަމިއްޔާގައި އިސްކޮށް ހުރި ޝަހިންދާ އިސްމާޢީލް ބުނެފިއެވެ.

Ads by MWSC

ރިޕޯޓު ލިޔުނުއިރު އެމްޑީއެންގެ ރައީސަކަށް ހުރީ ޙުސައިން ޝަމީމުތޯ ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޝަހިންދާ ބުނެފައި ވަނީ އެއިރު އެ ޖަމްޢިއްޔާގެ ރައީސަކަށް ހުރީ ޙުސައިން ޝަމީމު ކަމަށެވެ.

ޙުސައިން ޝަމީމަކީ ޝަހިންދާ އިސްމާއީލުގެ ކުރީގެ ފިރިކަލުންނެވެ.

ޝަހިންދާ މިފަދައިން ބުނެފައިވަނީ އެ ރިޕޯޓު އެކުލަވައިލިއިރު އެ ޖަމްޢިއްޔާގެ ޗެއާޕާސަނަކަށް ހުރީ މިހާރު ރައީސް އޮފީހުގެ ކައުންޓާ ޓެރަރިޒަމް ކޮންސަލްޓޭންޓުގެ މަޤާމުގައި ހުރި ނޫޝީން ވަޙީދު ކަމުގައި އޮންލައިން ނޫސް "ދިޔަރެސް" އިން ލިޔުނު ރިޕޯޓަކާއި ގުޅިގެންނެވެ.

ޝަހިންދާ އާއި އެސުވާލު ކޮށްފައި ވަނީ، ނޫޝިން ޖަމިއްޔާގެ ރައީސް ކަމަށް ހޮވިފައިވަނީ "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދި މޯލްޑިވްސް" ނެރުނު ފަހުން ކަމަށް އޭނާ ބުނުމުންނެވެ.

މިކަމާއި ގުޅޭގޮތުން "ދެން" ގެ ފަރާތުން ޕީޖީ ޝަމީމްގެ ބަހެއް ހިމަނާލުމަށް މަސައްކަތް ކުރުމުން، ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން، ޕީޖީގެ ބަހެއް ވަނީ ހިމަނާ ނުލެވިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!