ރިޕޯޓް

ހެޔޮނުވާނެ، ސައިކަލު މަތީގައި ޖަލްސާ ބާއްވަމުންދާއިރު، އަނެކާއާމެދު ވެސް ވިސްނާލާ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: އަވަސް

މާލޭގެ މަގުމަތީގައި ސައިކަލު ދުއްވަމުންދާ ގިނަ ބައެއްގެ ފަރާތުން ފެންނަމުންދާ ނޭދެވޭ ސިފައެއް ގޮތުގައި އެންމެ ފާހަގަވާ އެއް ކަމަކީ، ދުއްވަމުންދާއިރު، މަގުމައްޗަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ސައިކަލު މަތީގައި ދުއްވަން އިނދެ ބޮޑެތި ވާހަކަތައް ދައްކަމުން ދިއުމެވެ. މިކަމަކީ ހަމަގައިމު ވެސް ގިނަ ބަޔަކަށް ފާހަގަވެފައި ވާނެ ކަމެއް ކަން ޔަގީނެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން މަގުމަތީގައި ދުއްވާފައި ދާ އެހެން މީހުންނާ ދޭތެރޭ ވެސް ވިސްނާލުން މުހިންމެވެ.

Ads by STELCO

ހަވީރު ގަޑިއަށް ސައިކަލު ބުރެއް ޖަހާލުމަށް ދެ މީހަކު ރާވައިފިނަމަ މުޅި ދުވަހުގެ ވާހަކަތައް ދައްކާ ނިންމާނީ ހަމަ އެސައިކަލު މަތީގައެެވެ. މުޅި މަގުމަތީގައި ދެމީހުން ދުއްވާފައި ދާއިރު، އެހެންމީހުން އެމަގުން ދެން ނުދުއްވާނޭ ހީވަނީ ބާވައެވެ. ލަސްވެގެން ތަންތަނަށް ދާން ބޭނުންވާ މީހާއަށް ތަން ދިނުމަކާ ނުލައި، މިދެމީހުން ދާނީ މުޅި މަގު ހިފައިގެން ދުނިޔެވީ އޮލަ ވާހަކައިގައެވެ. މިއީ އަޅެ ފަހެ ކޮފީބޯން އަރާ އިންނަ މޭޒުމަތި ހެއްޔެވެ؟

އެފަދަ ވާހަކަ ދައްކަން ރައްޓެހި މީހާ ގޮވައިގެން ގޮސް ރެސްޓޯރެންޓަކަށް އަރައި ކޮފީއަކާ އެއްކޮށް އެވާހަކަ ދެއްކުން މާ ބުއްދިވެރިއެއް ނޫންތޯއެވެ؟ ހަމަ ގައިމު ވެސް މަގުމަތީގައި ސައިކަލު ދުއްވާފައިދާއިރު، ކޮފީ ބޯކަށް ނުލިބޭނެއެވެ. ދުއްވާލަން ނުކުންނަ ނަމަ ދުއްވާނީއެވެ، ދެން ދުއްވާ މީހަކަށް އުނދަގޫ ނުވާނޭހެން މަގު އެއްކޮށް ހިފައިގެނެއް ނޫނެވެ. އެފަދަ ޙާލަތެއްގައި ބަރުގޮނު އަޅައިފިނަމަ ވެސް ގޯސްވާނީ ބަރުގޮނު އެޅި މީހާއެވެ. އެހެން ހަދައިގެން ތިމާ ހިތްހަމަ ނުޖެހޭނަމަ މަގުމަތީގައި ދުއްވާފައި ދާއިރު، މިފަދަ ކަންކަމުން ދުރުހެލި ވާށެވެ.

މަގުމަތީގައި ދުއްވާފައި ދާއިރު ރައްކާތެރި ވުމަށް ބުނެދެމުން ޅެންތަކާއި، އެކި އެކި ޕްރޮގުރާމުތައް ތައްޔާރު ކުރަމުން އެދަނީ މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށެވެ. އެއްވެސް ޙާލެއްގައި ފޫހި ފިލުވަން ކުރާ މަސައްކަތެއް ނޫނެވެ. މިފަދަ ކަންކަމާއި މެދު ވިސްނާ އަމިއްލަ ރައްކާތެރިކަމަށް ވިސްނާ މީހާ، މިގޮތަށް ކަންތައް ކުރުމަކީ ހާދަހާ ހެއްވާ ކަމެކެވެ. ދުއްވާފައި ދާ އެހެން މީހުންނަށް ވެސް ކުޑަކޮށް ވިސްނާލުމަކީ މަގުމަތީގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނަމަވެސް ގިނަ ފަރާތްތަކަށް އެކަމާ މެދު ވަނީ ފަރުވާ ކުޑަކުރެވިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!