އިޒްރޭލުން ބުނަނީ ބައިޑަން އަކީ އިޒްރޭލުގެ ގާތް އެކުވެރިއެއް ކަމަށް!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ގާތް ގުޅުމެއް ބާއްވާފައިވާ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ، އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން އަށް މަރުޙަބާ ކިޔައިފިއެވެ.
ބައިޑަން އަށް މަރުޙަބާ ކިޔަމުން ނަތަންޔާހޫ ބުނީ އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން އަކީ އިޒްރޭލުގެ ގާތް އެކުވެރިއެއް ކަމަށެވެ.
"އިންތިހާބީ ރައީސް ޖޯ ބައިޑަން އާއި އިންތިހާބީ ނައިބު ރައީސް ކަމަލާ ހެރިސް ގެ ސަރުކާރުގައި ވެސް، އިޒްރޭލާއި އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަ ވާނެ ކަމަށް އުންމީދު ކުރަން" ނަތަންޔާހޫ ބުނެފައިވެއެވެ.
ޓްރަމްޕާއެކު ނަގާފައިވާ ފޮޓޯއެއް ޓްވިޓާގެ ޕްރޮފައިލް ފޮޓޯއަކަށް އިންނަ ނަތަންޔާހޫ ބުނީ ބައިޑަން އަކީ އޭނަގެ ގާތް އެކުވެރިއެއް ކަމަށާއި ދެމީހުންގެ ގުޅުމަށް ގާތްގަނޑަކަށް 40 އަހަރު ވެއްޖެ ކަމަށެވެ.
ނަތަންޔާހޫ މިއަދު މިހެން ބުނެފައިވާއިރު، މީގެ ކުރިން ބުނަމުން ގެންދިޔައީ ޓްރަމްޕް އަކީ އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ.
ބައިޑަން އަކީ ގާތް އެކުވެރިޔާ ކަމަށް ހެދި ކަމުގައިވިޔަސް ނަތަންޔާހޫ ވަނީ މިފާއިތުވީ ހަތަރު އަހަރު ރައީސް ޑޮނަލްޑް ޓްރަމްޕް ކޮށްދިން ހުރިހާ ކަމެއް ފާހަގަކޮށް، ބެހެއްޓި ގާތްކަމުގެ އަގުވަޒަންކޮށް ޓްރަމްޕަށް ޝުކުރު އަދާ ކޮށްފައެވެ.