މާބަނޑު ދުވަސްވަރު މިތަކެތި ކެއުމާއި ބުއިމުން ދުރުހެލިވޭ!
މާބަނޑު ވުމާއި ގުޅިގެން ބައެއް ވައްތަރުގެ ކާނާ އާއި ބުއިންތަކުން ދުރުހެލިވާން ޖެހެއެވެ. އޭގެ ތެރޭގައި މާބަނޑު މީހުންނަށް ވަރަށް މީރު އެއްޗެއް ވެސް ހިމެނިދާނެއެވެ. ނަމަވެސް ބަނޑުގައިވާ ކުޑަދަރިފުޅުގެ ސިއްހަތަށްޓަކައި ކެއުން އެކަށީގެން ނުވާ ކާނާތައް އެނގުމަކީ މުހިއްމު ކަމެކެވެ. އަދި ކެއުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އިސްކަން ދޭންވީ ކަންކަން ވެސް އެނގުމަކީ މުހިއްމު ކަމެކެވެ.
އެގޮތުން މި ލިޔުމުގައި މި ހިމަނާލަނީ މާބަނޑު ދުވަސްވަރު ނުކައި ދޫކޮށްލަންވީ ބައެއް ކާނާ އާއި ދޫކޮށްލަން ޖެހޭ ބައެއް ބުއިން ތަކެވެ.
ބިސް
ބިހަކީ މާބަނޑު ދުވަސްވަރު ބޭނުންކުރުން ރަނގަޅު އެއްޗެއް ނޫނެވެ. ސަބަބަކީ ބިހުގައި ހިމެނޭ ސަލްމޮނެއްލާ ނަމަކަށް ކިޔާ ބެކްޓީރިއާގެ ސަބަބުން ވިހެއުމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހިދާނެތީއެވެ. މި ބެކްޓީރިއާގެ އަސަރު ހަށިގަނޑަށް ކުރުމުން ހުން އައުމާއި، ހޮޑުލެވުން އަދި ބަނޑުގައި ރިއްސުން ފަދަ ކަންކަން މެދުވެރި ވެއެވެ. އެހެންކަމުން ގޭގައި ބިސް އަޅައިގެން ތައްޔާރު ކުރާ ބައެއް ކާނާ ކެއުމުން ދުރުހެލިވާން ޖެހެއެވެ. އޭގެ ތެރޭގައި އައިސިން އަދި ގޭގައި ތައްޔާރު ކުރާ އައިސްކްރީމްގެ އިތުރުން ބިސް އެކުލެވޭ ގޮތަށް ތައްޔާރުކުރާ ސެލެޑް ވެސް ހިމެނެއެވެ. ނަމަވެސް ބިސް ބޭނުން ކުރުމުގައި ރަނގަޅަށް ފެނުކައްކައި ރޯ ފިލުވައިގެން ބޭނުން ކުރުމުގައި މައްސަލައެއް ނެތެވެ.
ކެފެއިން
ހެނދުނުގެ ކޮފީ އާއި ނުލާ ދުވަސް ފުރިހަމަ ނުވާ މާބަނޑު މީހުން އަވަހަށް ކޮފީ އާއި ދުރުވާށެވެ. ތި ދެވެނީ ދަރިފުޅާއި އަމިއްލަ ނަފްސަށް ވެސް އަނިޔާ އެކެވެ. ކެފެއިންގެ ސަބަބުން ދަރިފުޅުގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުކޮށް ބަރުދަން ލުއިވުމަށް މަދުފަހި ވެއެވެ. އަދި ވިހެއުމުގެ ތެރޭގައި ދަރިފުޅު މަރުވުމާއި، އަދި ދަރިފުޅަށް ތަފާތު ބަލިތައް ޅަ އިރުގައި ޖެހުމަށް ވެސް މަގުފަހި ވެގެންދެއެވެ. ކޮފީ ނުބޮއެ ކެތް ނުކުރެވޭނަމަ 200 މިލިގްރާމް އަށްވުރެ ގިނައިން ކޮފީ ނުބޯން އާދަ ކުރާށެވެ.
ތަރުކާރީ އަދި މޭވާ ނުދޮވެ ބޭނުނުންކުރުން
ލޮލަށް ނުފެނުނު ކަމުގައި ވިޔަސް ތަރުކާރީ އަދި މޭވާގެ ތޮށިގަނޑުގައި ގިނަ އަދަދަކަށް ބެކްޓީރިއާ އެކުލެވިގެން ވެއެވެ. އެހެން ކަމުން ނުދޮވެ މި ފަދަ ކާނާ ބޭނުން ނުކުރާށެވެ. މީގެ ސަބަބުން މަންމަ އާއި ކުޑަ ދަރިފުޅަށް ކުރާ އަސަރު ކުރީކޮޅު ނުފެނިދާނެއެވެ. ނަމަވެސް ދަރިފުޅު ބޮޑުވާ ވަރަކަށް ކޮލުގެ ފެނުމަށް އަސަރު ކޮށް ވިސްނުން ކޮށިވުމަށް މެދުވެރި ވެއެވެ. އެހެންކަމުން މޭވާ އަދި ތަރުކާރީ ރީއްޗަށް ދޮވެގެން ނޫނީ ނުކާށެވެ.
ތައްޔާރީ ކާނާ
މާބަނޑު ދުވަސްވަރު ކޮންމެ މީހެއްވެސް ގިނައިން ކާހިތްވާނެއެވެ. އަވަސް އަވަހަށް ބަނޑުހައި ހޫނުކަން އިހްސާސް ކުރެވޭނެއެވެ. ނަމަވެސް ފަސޭހައަކަށް ނުވަތަ މީރު ވިޔަސް ތައްޔާރީ ކާނާ ކެއުން މަދުކޮށްލާށެވެ. އޭގެ ބަދަލުގައި ވީހާ ވެސް ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް އިސްކަން ދޭށެވެ. ތައްޔާރީ ކާނާ ކެއުމުގެ ސަބަބުން ނޭދޭވޭ ގޮތުގައި ފަލަވުމަށް މެދުވެރިވެ ތަފާތު ބަލިތައް ޖެހުމަށް މަގުފަހި ވެއެވެ.
އެހެންކަމުން މާބަނޑު ދުވަސްވަރު ކެއުމަށް އިސްކަންދީ ދަރިފުޅާއި މައިމީހާގެ ސިއްހަތަށް ފަރުވާތެރި ވާށެވެ.