ނަހުލާއަށް ހިތްދަތިކަމާއި ވޭން ދިނުމަށްފަހު މެމްބަރު ސަލީމް މަޖިލިހަށް ހޮވޭތޯ ބަލާނަން: ޤާސިމް

ޓްރާސްޕޯޓް މިނިސްޓަރު ކަމުގައި ހުންނެވީ އައިޝަތު ނަހުލާ އެ މަޤާމުގައި ހުންނެވި ނަމަވެސް އެކަމަނާގެ މަސައްކަތްތައް ނަގައި ބާރު ކަޑުވާލީ ރައްޔިތުން މަޖލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ކަމަށް ތުހުމަތުކުރައްވައި އެބޭފުޅާއަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ނަހުލާގެ ފިރިކަލުން ޤާސިމް އިބްރާހިމްގެ ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ކުރިއަށް އޮތް ރިޔާސީ ކެމްޕޭންގައި ހޯރަފުއްޓަށް ވަޑައިގެން މިރޭ ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ މިނިސްޓަރު ކަމުގައި ނަހުލާ ހަވާލުވެ ހުންނެވީ ހުސް ތޮށި ގަނޑަކާއި ކަމަށާއި މަސައްކަތުގެ މަސްއޫލިއްޔަތާއި ހުރިހާ ބާރެއް ނަގައި އެކަމަނާ ހުންނެވީ ވަރަށް ބޮޑަށް އެކަނިވެރިކޮށް ބާކީ ކޮށްފައިކަމަށެވެ. އަދި މިކަންކަން ކުރުމުގައި ސަލީމްގެ އަތެއް އޮންނަކަމަށް ޤާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އަނބިކަނބަލުން ޓްރާންސްޕޯޓު މިނިސްޓަރު ކަމުގައި ބަހައްޓާފައި، ހިތްދަތިކަމުގައި ވޭނުގައި ބަހައްޓާފައި، އެތާގެ މެންޑޭޓުގައި ހުރި ހުރިހާ ކަންތައްތަކެއް ނަގާފައި އެކަހެރިކޮށްފައި ބަހައްޓާފައި މިތާގެ މެންބަރު ބުނީމަ ބުނާހާ ގޮތަކަށް ކަންތައްތައް ކޮށްދިނަަސް އަސްލުގަ އެމެންބަރު ހޮވަން ވެސް މަގޭ އަނބިކަނބަލުންނާއި އާއިލާއިން މަސައްކަތްކޮށްގެން ހޮވާ ދިނީ" ޤާސިމް ވިދާޅުވިއެވެ.
މިސަރުކާރުން ނަހުލާއާއި އަދި އެނޫން މީހުންނާއިމެދުވެސް ކަންތައް ކުރަނީ ވަރަށް ބޭއިންސާފުން ކަމަށް ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ ސަލީމު މަޖިލީހަށް އައުމުގައި ޖުމްހޫރީ ޕާޓީއާއި، ސީދާ ނަހުލާއާއި، ޤާސިމްގެ މުވައްޒިފުންގެ އެހީތެރިކަންވެސް ދެއްވި ކަމަށާއި، ނަމަވެސް އަންނަ އަހަރު ސަލީމް މަޖިލީހަށް ހޮވޭތަން ދެކެން ﷲ އިރާދަފުޅު ކުރައްވައިފިއްޔާ ހުންނަވާނެކަމަށެވެ.
"ދެން އަޅުގަނޑުމެން ދެކޭނަން އޭނަ ހޮވޭތަން ކުރިއަށް އޮތް ދުވަސްތަކުގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެސް ދުނިޔޭގައި ތިބޭނަން. މިއަންނަ އަހަރު އޭނަ ހޮވޭތަން ދެކެން އަޅުގަނޑުމެން ތިބޭނަން. ވަރަށް ސާފުކޮށް މިދެންނެވީ އަޅުގަނޑުމެން ތިބޭނަން ބަލަން" ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ ޤާސިމްގެ އަރިހުގައި އެމަނިކުފާނުގެ މުވައްޒަފުން ތެރޭގައިވެސް އެމަނިކުފާނަށް ޤައްދާރު ދެތިން މީހެއް އުޅޭކަމަށާއި އެއީ ހުރިހާ ތާކުވެސް ކަންކަން ހިނގާ ގޮތްކަމަށެވެ. އެހެންނަމަވެސް އެފަދަ މަދު ބަޔަކާއި ޖެހި އެވާހަކަ ދައްކަން ބޭނުންފުޅުނުވާކަމަށް ޤާސިމް ވިދާޅުވިއެވެ.






ކޮމެންޓް