އިޓަލީގައި ކޮވިޑް-19އަށް ފައްސި ވާ މީހުން އަނެއްކާ ވެސް އިތުރުވެއްޖެ

އިޓަލީވިލާތުގައި ކޮވިޑް-19 ފެތުރުން އަނެއްކާ ވެސް ކޮންޓްރޯލުން ނައްޓާލައިފި ކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19އަށް ފައްސި ވާ މީހުން އިތުރު ވުމާއި ގުޅިގެން އެ ގައުމުގައި އެހެން ބަލިތައް ޖެހޭ މީހުންނަށް ފަރުވާ ނުދެވޭ ކަމަށް މިލާންގައި ހުންނަ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ ސަކާއޯ ހޮސްޕިޓަލްގެ ހެޑް އޮފް އިންފެކްޝަން ޑިޕާޓްމަންޓްގެ ވެރިޔާ މަސީމޯ ގާލީ ވަނީ ވިދާޅުވެފައެވެ.
"އެހެން ބަލިތައް ޖެހޭ މީހުންނަށް އެކަށީގެންވާ އަވަސް ފަރުވާއެއް ފޯރުކޮށް ނުދެވޭތީ ކުރިއަށް އޮތް ދިގު މުސްތަގުބަލުގައި އެކަމުގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވޭ." ގާލީ ވިދާޅުވިއެވެ.
އެގޮތުން އިޓަލީވިލާތުން މިއަދު ވެސް 25000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސި ވެފައިވެއެވެ. އަދި 300 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.
މިހާރު ފުރަބަންދު އިއުލާނު ކޮށްފައިވާ އިޓަލީގައި ސިއްހަތާ ބެހޭ ތަޖުރިބާކާރުން މިހާރު ގެންދަނީ އެގައުމު ފުރަބަންދުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ވެސް ގޮވާލާފައެވެ.
އިޓަލީގައި ކޮވިޑް-19 އަށް ފައްސި ވާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވުމާ ގުޅިގެން މިހާރު ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންގެ އަތުން ކޮންޓްރޯލް ނައްޓާލައިފައި ވާކަމަށް ވެސް މީޑިއާތަކުން ބުނެއެވެ.